އެމްއެމްޕީއާރްސީ ހިޔާނާތްވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޯއްދަވާފައިވާ ފައިސާ ގޯނި ހިފައިގެން ބައެއް މެންބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ތުހުމަތު ކުރެއްވުމުން، އެ ތުހުމަތުތަކަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ރައްދު ދެއްވައިފި އެވެ.
މަޖިލީހުގެ ޖަލްސާއަށްފަހު މެންބަރު އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރަޕްޝަނުގެ އެއްވެސް ފައިސާއެއްގައި ޖެހިފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެ ބުނާ ފައިސާ ގޯންޏެއް އަނާރާއާ ހަމައަށް ނާންނަ ކަމަށެވެ.
މިއަދުގެ ޖަލްސާއަށް ހުށަހެޅި އެމްއެމްޕީއާރްސީގެ މައްސަލައިގެ ގަރާރަށް މެންބަރަކު ބަހުސް ކުރައްވަމުން ގެންދަވަނިކޮށް ނިޒާމީ މައްސަލައެއްގައި މެންބަރު މުހައްމަދު ވިދާޅުވީ، އަދީބު ހޯއްދަވާފައިވާ ފައިސާ ގޯނި ހިފައިގެން އެމްޑީޕީގެ މެމްބަރުންނަށް ފައިސާ ބަހަން ވަޑައިގެންނެވި ކަމަށާއި ހުރިހާ މެންބަރުން އެ ފައިސާގައި ހިފި ކަމަށެވެ. މެންބަރު މުހައްމަދު މި ތުހުމަތުތައް ކުރައްވާފައިވަނީ އެމްޑީޕީގެ މެންބަރުންނަށެވެ. އަނާރާ މިކަމަށް ރައްދު ދެއްވާފައިވާއިރު، އަދާލަތު ޕާޓީގެ މެންބަރެއް ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަކަށް މެންބަރު މުހައްމަދު ވިދާޅެއް ނުވެ އެވެ.
"މިތަނުގައި އެކި ބޭފުޅުން ވަގުންގެ ވާހަކައާއި އެކި ފައިސާގެ ވާހަކަދައްކާކަށް މާ ރަނގަޅެއް ނޫން. އެ ފައިސާ ގޯނި ހިފާގެން ހިނގީ އަޅުގަނޑޭ ހިފައިގެން އެބޭފުޅުންނަށް އެފައިސާ ބެހީ އަޅުގަނޑު، ހުރިހާ އެންމެން އޭގައި ހިފިއޭ،" މުހައްމަދު ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީ އިން ގެއްލިފައިވާ 1.22 ބިލިއަން ރުފިޔާ ލިބުނީ ކޮންފަރާތްތަކަށްތޯ ބަލައި، މިމައްސަލަ މަޖިލީހުގެ ފަރާތުން މިނިވަން ތަހުގީގެއް ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅި ގަރާރު މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.