ހިންދީ ޑްރާމާ ސިލްސިލާތަކަކީ ދިގުލައިގެން ދާއެއްޗެކެވެ. އެންމެ ސީނެއް އެޕިސޯޑަކަށް ދެމިގެންދާއިރު މުޅި ސީރީޒް މެދުކެނޑުމެއް އެތައް އަހަރަކަށް ކުރިއަށްދާކަމީ މީހުންގެ ސަމާލުކަން ކަނޑުވާލާކަމެކެވެ. ދެން މި އޮތީ އިނގިރޭސި ސިލްސިލާތަކުގެ ވާހަކައެވެ.
ސީޒަންތަކަކަށް ބަހާލައިގެން ގެނެސްދިނެއް ކަމަކު ހިތްތަޅުވާލާ ނިންމާލުމަކާއި އެކު އަހަރު ދުވަހު އިތުރު ސީޒަނަކަށް ކުރަން ޖެހޭ އިންތިޒާރަކީ ވޭނެކެވެ. އަދި ކޮންމެ ސީޒަނެއްގެ މެދުން އަންނަ ސީޒަން ބްރޭކަކީ ކެތްތެރިކަން ކޮޅުން ލައިގެން ދާކަމެކެވެ.
ކޮންމެއަކަސް ނިމިދިޔަ އަހަރުގެ ސީޒަން ބްރޭކަށް ފަހު ވޯކިން ޑެޑްގެ އެޕިސޯޑްތައް މި ފެށޭ ފެބްރުއަރީ މަހުގެ އަށެއް ގައި ބެލުންތެރިންނާ ހަމައަށް އަންނަކަމީ އުފާވެރި ހަބަރެކެވެ. ޝޯގެ އެންމެ މަޤްބޫލު އެއް ކެރެކްޓަރު ކަމުގައިވާ ބެތުގެ މަރަށްފަހު ދެން ކަންވެގެންދާގޮތް ބަލާލަން ވޯކިންގ ޑެޑްގެ ފޭނުން ގައިމުވެސް ތިބޭނީ ބޭނުންވެފައެވެ.
ސީޒަން ފަހެއްގައި ބާކީ އޮތް އަށް އެޕިސޯޑުން އާ ކެރެކްޓާއެއް ފެނިގެންދާނެ ކަމަށްވެއެވެ. އަދި މި ސީޒަން ނިމުމުން "ފިއާ: ވޯކިން ޑެޑް" ގެ ނަމުގައި ފެށުމަށް ހަމަޖެހިފައިވާ ސްޕިން-އޮފް ސީރީސް ކުރިއަށް ގެންދާނީ އަލަށް ތައާރަފްވާ ކެރެކްޓަރާ ގުޅުވައިގެން ކަމަށްވެއެވެ.
މި ސީޒަންގައި އިތުރު އެތައް ކަމެއް ފެނިގެންދިއުމުގެ އިތުރުން ސީޒަންގެ ފަހު އެޕިސޯޑުން އަނެއްކާވެސް ބެލުންތެރިންގެ ލޯބި ލިބިފައިވާ ކެރެކްޓަރެއް ޝޯއާ ވަކިވުން އެކަށީގެންވާ ކަމަށް ޝޯގެ އުފެއްދުންތެރިން ވަނީ ބުނެފައެވެ. ގިނަ ފޭން ސައިޓްތަކުގައި ޕްރެޑިކްޓް ކޮށްފައިވާ ގޮތުންނަމަ މި ސީޒަން ނިމޭ އިރު ތާރާ ނޫންނަމަ ގްލެން ޝޯއާ ވަކިވެގެންދާނެއެވެ.