އެސްޓީއޯ

ތެޔޮ އަގުހެޔޮ ކުރުމުން އެސްޓީއޯގެ ފައިދާ ދަށަށް

ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާއި ގުޅިގެން ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި ގުޅިގެން އެސްޓީއޯގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީ ދަށްވެއްޖެ އެވެ.

އެސްޓީއޯއަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 23 އިންސައްތައިގެ ދަށްވުމެކެވެ.

ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާއި ގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށް އެސްޓީއޯ އިން ފާހަގަކުރެ އެވެ.

ތެލުގެ އަގުތައް ދަށްކުރުމާއެކު ޖުމްލަ ފައިދާ މީގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 16 އިންސައްތައިން ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި 515 މިލިއަން ރުފިޔާ ލިބުނެވެ.

ޖުމްލަ ފައިދާ ދަށްވި ނަމަވެސް ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި 203 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓަރުގެ ސާފު ފައިދާއަކީ 177 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 148 މިލިއަން ރުފިޔާ ލިބިފަ އެވެ.