ހަބަރު

ވިޔަފާރިވެރިޔާ މަރާލި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

މަރާލުމަށްފަހު އައްޑޫ ހިތަދޫ އަލަ އޮޅެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ މިދިޔަ ބުދަ ދުވަހު ފެނުނު އެ ރަށު ބުރުނީގޭ، 47 އަހަރުގެ އަލީ އަބްދުﷲ ގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވިޔަފާރިވެރިޔާގެ މަރުގެ މައްސަލާގައި މިއަދު 39 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކުރި މީހާއަކީ އަލީ އަބްދުﷲއަށް ބޮޑުބޭބެ ކިޔާ މީހެކެވެ.

މި މައްސަލާގައި މީގެ ކުރިން ވެސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު ވިދާޅުވީ ވިޔަފާރިވެރިޔާގެ މަރުގެ މައްސަލާގައި ހެއްކާއި ގަރީނާ ހޯދުމަށްޓަކައި އިއްޔެ ހަވީރުން ފެށިގެން ރެއާ ހަމައަށް އެ ސަރަހައްދު ބަންދުކޮށް، އެ ސަރަހައްދު ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ބައެއް ތަކެތި ހޯދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ހިތަދޫ ސްކޫލު ފުރަގަހުގައި އޮންނަ އަލަ އޮޅެއްގެ ތެރެއިން އަލީ އަބްދުﷲ ފެނިފައިވަނީ، އާއިލާ އާއި ފުލުހުން އޭނާ ހޯދަމުން ދަނިކޮށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސާދިގު އަވަސް އަށް ވިދާޅުވެފައިވަނީ، އަލީ އަބްދުﷲގެ ފިހާރަ "ޓޫވޭވް" ހުންނަނީ އޭނާގެ މައިންބަފައިން ގެ ކައިރީގަ ކަމަށާއި ނަމަވެސް އޭނާ ދިރިއުޅެނީ އަންހެނުންގެ ގޭގައި ކަމަށެވެ. ފިހާރައިގެ ސެކްރިޓީ ބެލެހެއްޓުމަށް ދަންވަރު ވެސް އޭނާ އުޅެނީ ފިހާރައިގަ ކަމަށާއި އޭނާ ނިދަނީ ވެސް ފިހާރައިގަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަލީ މަރުވި ރޭ ދަންވަރު ތިނެއް ޖެހިއިރު ވެސް ފިހާރާގައި އޭނާ އުޅުނުކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.