މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރަން ބަޔަކު ހޯދަނީ

ހއ. އުލިގަމުގައި ތަރައްގީކުރަން ނިންމާފައިވާ "އުލިގަން މެރީނާ ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްް (އެމްޕީއެލް) އިން އިއްޔެ ކޮށްފައިވާ އިއުލާންގައިވާ ގޮތުން އުލިގަން މެރީނާ ޕްރޮޖެކްޓްގައި މައިގަނޑު ހަ ބައެއް ހިމެނެ އެވެ. އެއީ ޔޮޓް މެރީނާއަކާއި، ކުރޫޒް ޓާމިނަލަކާއި، ވެސަލް ޑޮކިން ފެސިލިޓީއަކާއި، އުލިގަން ޕޯޓް ފެސިލިޓީއާއި، ސިޓީ ހޮޓެލްގެ އިތުރުން ކެފޭ އާއި ރެސްޓޯރަންޓްވެސް ހިމެނެ އެވެ.

މިމަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ޔޮޓް މެރީނާ ހެދުމަށް މަޖުބޫރުކޮށްފައިވާއިރު މި މަޝްރޫއުގައި ދެން ހިމެނޭ ކޮންމެވެސް އެއް ބައެއް ނުވަތަ ދެ ބައެއްގައި ހިމެނޭ މަސައްކަތްތައް ކުރަންޖެހެ އެވެ.

މިމަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށް އެމްޕީއެލް އިން ވަނީ އެދިފަ އެވެ. މިމަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަންޖެހެނީވެސް އީމެއިލް މެދުވެރިކޮށް މިމަހުގެ 12 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިންނެވެ.

އެމްޕީއެލް އިން ބުނީ އުލިގަން މަޝްރޫއުގައި ހިމެނޭ ބައިތަކުގެ މަސައްކަތްތައް ފެށުމާއެކު ގިނަ އަދަދެއް ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވި އިގްތިސާދީ ގޮތުން ހެޔޮ ބަދަލުތައް އުތުުރުގެ ރަށްތަކަށް އަންނާނެ ކަމަށެވެ.

އުލިގަން މެރީނާ މަޝްރޫއަކީ ރާއްޖޭގެ އެންމެ އުތުރުން ދަތުރުކުރާ ބޭރުގެ ކާގޯ ބޯޓުތަކާއި ސަފާރީތަކާއި އަދި ޔޮޓްތަކަށް ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް އެ ތަންތަނުން ހިދުމަތް ދީގެން ބޮޑު އާމްދަނީއެއް ހޯދުމެވެ. އުލިގަން މެރީނާ މަޝްރޫއު ހަގީގަތަކަށް ވުމުން ރާއްޖެއަކީ ކާގޯ ބޯޓުތަކާއި ސަފާރީތަކާއި އަދި ޔޮޓްތަކަށް ހިދުމަތް ދޭ "ޕްރިމިއަ" މަންޒިލަކަށް ވާނެ ކަމަށް އެމްޕީއެލް އިން މައުލޫމާތުދެ އެވެ.

އުލިގަމް ޔޮޓް މެރީނާ އެޅުމަށް ބޭނުންވާ ބިން އެ ރަށު ކައުންސިލުން މިއަދު ވަނީ އެމްޕީއެލްއަށް ހަމަޖައްސައިދީފަ އެވެ.

އުލިގަން މެރީނާ ޕްރޮޖެކްޓަކީ ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު މަޝްރޫއެކެވެ.