މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ތިންވަނަ ސިނާއަތެއްގެ ގޮތުގައި މެރިޓައިމް ދާއިރާ އުފެއްދިދާނެ: ވަޖީހު

މެރިޓައިމް ދާއިރާއަކީ ރާއްޖޭގެ އިގުތިސާދަށް އެންމެ ބޮޑެތި މަންފާތަކެއް ހޯދައިދޭ ތިންވަނަ ދާއިރާއަށް ހެދިދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެރިޓައިމް ހިދުމަތްތައް ފޯރުކޮށްދިނުމަށް ހއ. އުލިގަމުގައި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މެރިޓައިމް ދާއިރާގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށެވެ.

ވަޖީހު ވިދާޅުވީ އުލިގަމު އޮންނަ ސަރަހައްދަކީ ގިނަ ޔޮޓުތަކެއް ބަނދަރު ކުރާ ސަރަހައްދަކަށްވުމުން އެ ސަރަހައްދުގައި ޔޮޓުތަކަށް ހާއްސަ މެރީނާއެއްވެސް ހަދާނެ ކަމަށެވެ. އެ މަޝްރޫއު ވެގެންދާނީ އުލިގަމުގައި ހިންގާ ބޮޑު ތިން މަޝްރޫއު ތެރެއިން އެއް މަޝްރޫއަށް ކަމަށްވެސް ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ މެރިޓައިމް ދާއިރާއަކީ ކާމިޔާބު ދާއިރާއަކަށް ހެދުމަށްޓަކައި ކުރެވޭ ގިނަ މަސައްކަތްތަކުގެ ތެރެއިން އެހެނިހެން ގިނަ މަޝްރޫއުތަކެއްވެސް އިހަވަންދިއްޕޮޅުގައި ހިންގާނެ ކަމަށެވެ. އެގޮތުން ބޭރުގެ ޕެސެންޖާ ލައިނުތަކަށް ހިދުމަތް ދޭނެ ތަނެއްވެސް ގާއިމުކުރާނެ ކަމުގައި ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އެމްޕީއެލް އަކީ ހަމައެކަނި ކޮންޓެއިނަރުތައް އަރުވާ، ބޭލުމުގައި މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި ފެނުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި މެރިޓައިމްގެ މަސައްކަތްތަކުގެ ތެރެއިން ކުންފުންޏަށް ފައިދާ ހޯދައިދޭނެ ކަމަށެވެ. އަދި ވިޔަފާރިވެރިންގެ އަތުން ނަގާ ފީއާއި މުދަލުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރުވެސް ބޭރުގެ ބޯޓުތައް ހިންގާ ކުންފުންޏެއް ވަނީ އެހީތެރިކަމަށް އެދިފައި ކަމަށާއި އަދި އިތުރު ބޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އުލިގަމުގަިއ ރޭ ބޭއްވި ޖަލްސާގައި އައިއެސްޕީއެސް ގޭޓު އިފްތިތާހުކޮށްދެއްވީ ޖަސްޓިސް ރިޓަޔާޑް އަލްއުސްތާޒު އިދުރީސް އާދަމް އެވެ.