ރާއްޖެ ކުޅިވަރު

ޔަންގޮން އަތުން މާޒިޔާ އަށް ޕޮއިންޓެއް

މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއެކު އޭއެފްސީ ކަޕުގައި މިއަދު ކުޅުނު މެޗު 1-1އިން އެއްވަރުވެ، ޕޮއިންޓަކުން މާޒިޔާ އަށް ފުއްދާލަންޖެހިއްޖެ އެވެ.

ނަމަވެސް މެޗުގައި ލަނޑު ޖަހަން މާޒިޔާ އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. ފުރަތަމަ ހާފުގައި ވެސް އަހުމަދު އިމާޒް (އާއްކޮ) އާއި އަހުމަދު ރަޝީދު (އައްމަޑޭ) އަދި އިސްމާއީލް އީސާ (މެސީ) އާއި ޔާމީން އިބްރާހީމަށް ހަތް ފުރުސަތެއް ލިބި ބޭކާރރުވި އެވެ. މި ހާފުގައި ކީޕަރު އިމްރާން މުހައްމަދު ރަނގަޅު ދެ ސޭވްކުރިއިރު ދެ ވަނަ ހާފުގައި ހުސް ފުރުސަތުތައް މާޒިޔާ ހޯދި އެވެ.

މެޗުގެ ފުރަތަމަ ލަނޑު އައްމަޑޭ މާޒިޔާ އަށް ޖަހައިދިނީ 63 ވަނަ މިނިޓްގައި ނެގި ހުރަހަކުންނެވެ. ނަމަވެސް އޭގެ ފަހުން ކުޅުން ރަނގަޅުކޮށް ޔަންގޮން ނަތީޖާ ހަމަހަމަކުރީ ސަމަދޫހު މުހައްމަދަށް ހެދުނު ގޯހަކުން ލިބުނު ހުސް ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މި ލަނޑު ޖެހީ ކޯކޯ އެވެ. މި ލަނޑު ޖެހީތާ ދެ މިނިޓް ފަހުން އޭނާ އަށް ވަރަށް ހުސްކޮށް ލިބުނު ބޯޅައެއް ކީޕަރު އިމްރާނުގެ އަތްނުފޯރާ ފަށުން ފޮނުވާލުމުން ބޭރުވީ އަރިމަތީ ދަނޑި ކައިރިންނެވެ.

ކޯޗުންގެ ބަސް:

މެޗަށް ފަހު ޔަންގޮންގެ ކޯޗު މާޔަން ބުނީ އޭނާގެ ޓީމަށް މެޗުގެ 30 މިނިޓަށް ފަހު ރަނގަޅަށް ނުކުޅެވުނު ކަމަށާއި ސަބަބަކީ ރާއްޖެ ހޫނުވުން ކަމަށެވެ.
"އަހަރެން އެކްސްޕީރިއަންސްކޮށްފިން މި ދަނޑުގައި ކުޅުމުގެ އުނދަގޫ ކަމާއި މާލޭގައި ކުޅޭއިރު ހޫނުވާ މިންވަރު. މިހެން ކުޅުންތެރިންނަށް ވެސް އެކަން ކިޔާދިނިން. އަހަރެން ހިތްހަމަޖެހޭ މި މެޗުން ޕޮއިންޓެއް ލިބުމުން،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ތިބި ކުޅުންތެރިންނަށް ބަލާއިރު އޭނާގެ ޓީމު ކުޅުނީ ބައެއް މުހިންމު ކުޅުންތެރިން ނުލައި ކަމަށާއި ނަމަވެސް މާޒިޔާ އަކީ 99 ޕަސެންޓް ރާއްޖޭގެ ގައުމީ ޓީމު ކަމަށެވެ.

"މިހެންވީމަ އަހަރެން ހިތްހަމަޖެހޭ މެޗުގެ ނަތީޖާއާއެކު. އަހަރުމެން މިކުޅުނީ މާޒިޔާއާ. އެކަމަކު މިއީ 99 ޕަސެންޓް ރާއްޖޭގެ ގައުމީ ޓީމު،" މީގެ ކުރިން ދެ ފަހަރެއްގެ މަތީން މުބާރާތުގައި ތަފާތު ޓީމުތަކާއެކު މާލެ އައިސްފައިވާ ކޯޗު ބުންޏެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ ލިބުނު ގިނަ ފުރުސަތުތައް ބޭކާރުވީ ކަމަށާއި އިދިކޮޅު ޓީމު ކިތަންމެ މަޑުން ތިއްބަސް މޮޅު ދެތިން ކުޅުންތެރިން ތިބުމުން ކޮމްބިނޭޝަން ޕްލޭގައި ލިބޭ ފުރުސަތުތައް ނިންމާލާ ކަމަށެވެ.

"ދެން ޕޮއިންޓް ޓޭބަލަށް ބަލާއިރު މާޒިޔާގެ ހާލަތު މިއޮތީ މާގިނަ ޕްލޭންތަކެއް ހެދޭ ގޮތަކަށްނޫން. އެހެންވީމަ ސްޓެޕްބައި ސްޓެޕް ވިސްނާނީ. ސައުތު ޗައިނާ އާއި މޯހަން ބަގާން މެޗުގެ ނަތީޖާ މިހާރު އޮތް ގޮތުން މާޒިޔާ އަށް އެބައޮތް އަދި ސައުތު ޗައިނާ މެޗު ކާމިޔާބުކޮށްގެން ހަމައަކަށް އެޅުމުގެ ފުރުސަތު. އެކަމަށް ތައްޔާރުވާނީ،" ސުޒޭން ބުންޏެވެ.