ފިނިޕޭޖް

އަންހެނުންގެ ދުވަހަށް ނަޒީރާގެ ލަވަ އެއް

އަންހެނުންގެ ދުވަހަށް ހާއްސަކޮށްގެން އެމްޑީއޭގެ އަންހެނުންގެ ގޮފީގެ ރައީސާ ނަޒީރާ އާދަމް ލަވައެއް ހަދައިފި އެވެ.

ނަޒީރާ ވިދާޅުވީ މިލަވަ އަކީ އަނިޔާ ލިބޭ އަންހެނުންނަށް ހިތްވަރު ދިނުމުގެ ގޮތުން އުފެއްދި ލަވައެއް ކަމަށެވެ. އަދި އަނިޔާ ލިބޭ އަންހެނުންނަކީ ބާރުވެރި ބައެއްގެ ގޮތުގައި އެމީހުން ހޭލުންތެރިކޮށް، އާއްމުންނަށް އެތަކެއް މެސެޖް ތަކެއް ދިނުމުގެ މަގްސަދުގައި ހެދި ލަވައެއް ކަމަށް ވެސް ނަޒީރާ ވިދާޅުވި އެވެ.

"މި ލަވަ ހަދަން އަޅުގަނޑު ވިސްނީ އަނިޔާ ލިބިފައިވާ އެތައް ބައެއްގެ ވާހަކަތައް އަޅުގަނޑު ގާތުގައި ހިއްސާ ކޮށްފައި އަދި ކުރަމުންދާތީ. އެމީހުންނަށް ހިތްވަރު ދީ އެމީހުން ބާރުވެރިކުރަން ބޭނުންވާތީ." ނަޒީރާ ވިދާޅުވި އެވެ.

ހަތާވީސް ހާސް ރުފިޔާގެ ބަޖެޓަކުން ހެދި މި ލަވައަކީ އާންމުން ހޭލުންތެރި ކުރުވުމަށް ވެސް ބޭނުންކުރެވޭނެ ލަވައެއް ކަމަށް ނަޒީރާ ވިދާޅުވި އެވެ.

ނަޒީރާ އަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އަންހެނުންނަށް ގިނަގުނަ އެހެން އިޖުތިމާއީ ހިދުމަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުންދާ އަންހެނެކެވެ.

މި ލަވަ ކިޔާފައިވަނީ މަޝްހޫރު ތިން ލަވަކިޔުންތެރިން ކަމަށްވާ ރާފިޔަތު ރަމީޒާ، މަރިޔަމް އަޝްފާ އަދި އިބްރާހިމް އަލީ (ކުޑަ އިއްބެ) އެވެ. ލަވައަށް ޝަހޫ، އަމަން، އާރިފާ، އައިންތު އަދި ޝަމީލް އެކްޓް ކޮށްފައިވާއިރު ލަވަ ރިލީޒް ކޮށްފައިވަނީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު އެވެ.

މިލަވައިގެ ޅެމާއި ރާގު ހުސައިން އިނާޒް ހެދިއިރު މިއުޒިކް ހަދާފައިވަނީ ކުޑަ އިއްބެ އެވެ. އަދި ވީޑިއޯ ހަދާފައިވަނީ ލަތީ އެކްޝަނަލް މޫވީސް ކަމަށާއި ލަވަ ލަވަޔަކަށް ހަދައި ދިނީ ލަތީ ކަމަށް ނަޒީރާ ވިދާޅުވި އެވެ. ލަވައަކީ އަމިއްލަ ރާގުގެ ލަވައެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ނަޒީރާގެ އިތުރު މަސައްކަތްތަކެއް ފެނިގެން ދާނެ ކަމަށް ނަޒީރާ ވިދާޅުވި އެވެ.

ނަޒީރާ ވަނީ އޭނާގެ އާއިލާއަށް އަދި ކުޑަކުއްޖެއްގެ ބައި ކުޅުނު އަލާއްކޮ އަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.