ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގައި ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގާ ގެސްޓް ހައުސް ވިޔަފާރީގެ 85 ފަސްތަނެއް ގެސްޓްހައުސް މޯލްޑިވްސްއިން އިޝްތިހާރުކުރާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިހެން ބުނީ ފެއާގައި ގެސްޓް ހައުސް ޕްރޮމޯޓްކުރުން ހުއްޓާލަން އަންގާފައިވާކަމަށްބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށެވެ. އަދި ބުނީ ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގާ ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިއެއް ވެސް ބޭރުގެ ގައުމުތަކުގައި ބާއްވާ ފެއާތަކުގައި އިޝްތިހާރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެމްއެމްޕީއާރްސީން ބުނީ ގެސްޓް ހައުސް ޕްރޮމޯޓްކުރުން ހުއްޓާލަން އަންގާފައިނުވާނެކަމަށާއި ނަމަވެސް އައިޓީބީފެއާގައި ގެސްޓް ހައުސް ވިޔަފާރި ޕްރޮމޯޓްކުރަން ހުއްދަދީފައިި ކުންފުނި ގެސްޓްހައުސް މޯލްޑިވްސްއިން ގެސްޓް ހައުސް ވިޔަފާރި ޕްރޮމޯޓްކުރުމަށް ބޭނުންކުރި މެގަޒިންގައި ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ނުކުރާ 15 ވިޔަފާރިއެއް ހިމަނާފައިވާތީ އެ ފޮތް ބެހުން ހުއްޓާލަން އެންގި ކަމަށެވެ.
މިނިސްޓްރީގައި ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތައް އިޝްތިހާރުކުރުން ހުއްޓާލަން އަންގާފަވަނީ އެފަދަ ވިޔަފާރިތަކުން ޚިދުމަތްހޯދާ ފަތުވެރިންނަށް ދިމާވެދާނެ ހާލަތެއްގައި ޒިންމާ އުފުލަންޖެހޭނެ ފަރާތެއް ނެތުމުގެ މައްސަލަ ކުރިމަތިވިޔަ ނުދިނުމައްޓަކައިކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ. އަދި ބުނީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިތުރުބާރެއް އޮތްއިރު ރަޖިސްޓްރީ ނުކުރާ ތަންތަނުގެ މައުލޫމާތު ފަތުވެރިންނަށް ދިނުމަކީ ދޮގު މައުލޫމާތެއް ފޯރުވައިދިނުން ކަމަށެވެ.