ރިޕޯޓް

ހައްލުވެސް ބޭނުން! އެކަމަކު މަޝްވަރާ ކުރާކަށް ބޭނުމެއް ނޫން!

  • އިދިކޮޅު ފަރާތްތަކުން ޝަރުތަކަށް ފަހު ޝަރުތެއް
  • ސަރުކާރުން ބުނަނީ މަޝްވަރާނުފަށާ ލީޑަރުން މިނިވަން ނުކުރޭވޭނެ ކަމަށް
  • އެންމެން ވެސް ގޮތް ދޫކުރަން ވެއްޖެ

މަޝްވަރާތަކަށް ގޮވާލައި، މައްސަލަތައް ހައްލުކުރެވޭނީ އެއް މޭޒެއްގެ ދޮށަށް ގޮސް، ސަރުކާރުން ދޫދީގެން ކަމަށް އިދިކޮޅު ޕާޓީތަކުން ގޮވަމުން ދިޔައީ ހަރު އަޑުންނެވެ. މައްސަލަތަކެއް ހައްލު ކުރަން ސިޔާސީ މަޝްވަރާތަކެއް ބޭއްވުމަކީ މިހާތަަނަށް ރާއްޖޭގައި އަދި ކާމިޔާބެއް ހޯދިފައި އޮތް ކަމެއް ނޫން ނަމަވެސް، ޕާޓީތަކުން އެގޮތަށް ދިޔައީ އުއްމީދުކުރަމުންނެވެ.

މި އުއްމީދުތަކަށް ކުލަ ޖެހިގެން ދިޔައީ ސިޔާސީ މަޝްވަރާތަކަށް ސަރުކާރުން އެއްބަސްވުމުންނެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސިޔާސީ މަޝްވަރާތަކަށް ގޮވާލެއްވުމުންނެވެ. އެއީ މިދިޔަ އަހަރެވެ. މަޝްވަރާތައް ކާމިޔާބުވާނެ ކަމުގެ އުއްމީދީ ކުލަ ޖެހިފައިވަނިކޮށް އެކަން ފަނި ކޮށްލީ ހެދިހާ "ޑީލް"އެއް އަތަށް ގޮވުމުން ނޭ ކިޔާ އަޑުއިވެ އެވެ.

އާ އަހަރާއެކު އަނެއްކާ ވެސް މަޝްވަރާތަކުގެ ވާހަކަ ފެށި އެވެ. ރައީސް ޔާމީން އަނެއްކާވެސް މަޝްވަރާތަކަށް އިސްނެންގެވި އެވެ. މިފަހަރު ރައީސް މަޝްވަރާ ކުރައްވާނެ ކަންތައްތައް ޕާޓީތަކަށް ލިޔުމުން ފޮނުއްވި އެވެ. ރައީސް ޔާމިން ވިދާޅުވީ ސަރުކާރުން ހުޅުވާލި މަޝްވަރާގެ ފުރުސަތުގައި ހުރިހާ ޕާޓީތަކުން އައިސް މަޝްވަރާ ކުރަންވީ، ރާއްޖޭގެ ވެރިކަން ހަވާލު ކުރާނީ ކޮން ބޭފުޅަކާތޯ ކަނޑައަޅަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގުޅިގެން ގައުމު ތަރައްގީ ކުރުމަށް ސިޔާސަތުތައް އެކުލަވާލައި އުފެއްދުންތެރި މަޝްވަރާތަކެއް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިފަހަރުގެ މަޝްވަރާތަކަށް ސަރުކާރުން ދިޔައީ ހުސް ފޮތަކާއެކުގަ އެވެ. އެއްވެސް ކަމެއް ޝަރުތު ނުކޮށް ޕާޓީތަކުގެ ކަންބޮޑުވުންތައް އަޑު އަހާށެވެ. މަޝްވަރާތައް ވަރަށް އުއްމީދާއެކު ފެށި އެވެ. ނަމަވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އެންމެ ބޮޑަށް މަޝްވަރާތަކަށް ގޮވާލި ދެ ޕާޓީން މަޝްވަރާކުރަން ޖެހުމުން ދެއްކީ ފުރަގަހެވެ. ސަބަބުތަކެއް ދެއްކި އެވެ. އަދާލަތު ޕާޓީ އަދި އެމްޑީޕީއިން ބުނީ ސަރުކާރާއެކު މަޝްވަރާކުރާނީ ޖަލުގައި ބަންދުކޮށްފައިތިބި ސިޔާސީ ޕާޓީތަކުގެ ބޭފުޅުން މިނިވަންކުރުމުން ކަމަށެވެ.

"މަޝްވަރާކުރަން ސަރުކާރުން އިއުލާނު ކުރުމާއެކު އަޅުގަނޑުމެން ވާނީ މަޝްވަރާ ކުރާނެ މާހައުލެއް ފަހިކޮށްދޭން ސަރުކާރަށް ގޮވާލާފަ. އެގޮތަކީ ޖަލުގައި ތިބި ސިޔާސީ ކުށްވެރިން މިނިވަންކުރުން، އެނޫން ގޮތަކަށް އަޅުގަނޑުމެން އެއްބަހެއް ނުވަން. މަޝްވަރާ އަށް ހުޅުވާލީ ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް އޮވެގެން ކަމަށް ވާނަމަ އެ މާހައުލު އަޅުގަނޑުމެންނަށް ހޯދައިދޭނެ،" އަދާލަތު ޕާޓީގެ ނައބު ރައީސް އަލީ ޒާހިރު ވިދާޅުވީ މިހެންނެވެ.

މަޝްވަރާތަކަށް ބޭނުންވަނީ އެ ދެ ޕާޓީ އެވެ. އެ ޕާޓީ ނުލައިކުރާ މަޝްވަރާތަކުގެ އެއްވެސް މަނާއެއް ނެތެވެ. މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ ތެދުފުޅެކެވެ. ސުއޫދު ވިދާޅުވީ، އިދިކޮޅު ޕާޓީތަކާ ނުލައި މަޝްވަރާކުރުމަކީ ފެންވަރަން ހުރެ އަމިއްލައަށް ވާހަކަ ދެއްކުން ފަދަ ކަމެއް ކަމަށެވެ.

ފެންވަރަން ހުރެ އަމިއްލަ ވާހަކަ ދައްކަން ސަރުކާރުން ވެސް އަދި ސަރުކާރު ކޯލިޝަން އަދި ސަރުކާރުގެ ސިޔާސަތުތަކަށް ތާއިދުކުރާ ޕާޓީތަކުން ވެސް ބޭނުމެއް ނުވި އެވެ. ބޭނުންވީ އަލުން އެމްޑީޕީ އަދި އަދާލަތަށް ދައުވަތު ދޭށެވެ. ދައުވަތު ދެވުނެވެ. ޕާޓީތަކެއް ނައެވެ.

އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ޝަރުތުތަކަށް ބޯލެނބުމުގެ ގޮތުން އެމްޑީޕީއާއެކު ވަކިން މަޝްވަރާކުރަން ވެސް ސަރުކާރުން ނިންމި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރަން ނިންމި އެވެ. ފުރަތަމަ ފަހަރަށެވެ. އެ މަޝްވަރާއަށް ވެސް އެމްޑީޕީއިން އިޖާބައެއް ނުދިނެވެ. ދެއްކީ ހަމަ ކުރިން ވެސް ދެއްކި ބަހަނާ އެވެ. ރައީސް ނަޝީދު ދޫކޮށްލައި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް މިނިވަން ކުރުމެެވެ. އެ ޝަރުތު އެމްޑީޕީއިން ދައްކަމުންދާތީ، ސަރުކާރުން ހަތިޔާރު ތިރިކޮށް އެކަމާ މަޝްވަރާކުރަން ވެސް އެއްބަސްވި އެވެ. ރައީސް ނަޝީދާއި އިމްރާން މަޝްވަރާތަކުގައި ބައިވެރިކުރަން ވެސް އެއްބަސްވި އެވެ. ނަމަވެސް ރައީސް ނަޝީދަށް ލުޔެއް ހޯދައިދިނުމަށް ބާއްވަން ރޭވި މަޝްވަރާތަށް ވެސް ދިޔައީ ފަނުފުލުންނެވެ. އެމްޑީޕީ ބައްދަލުވުމަށް ދައްކައެއް ނުލި އެވެ.

"އެމްޑީޕީއަށް އެންމެ އުނދަގޫވާ ކަންތައް ރައީސް ނަޝީދު ހައްޔަރުގައި ހުރުން އެކަމަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެން އަންނާށޭ ސަރުކާރުން ދައުވަތު ދިނީމާ އެކަމަށް ނާދެވިއްޖެނަމަ ރައީސް ނަޝީދަށް އިހުލާސްތެރި ބޭފުޅަކު ވެސް ނެތީނޫންތޯ ޕާޓީގައި، ރައީސް ނަޝީދަށް އިހުލާސްތެރި ބޭފުޅަކު އެ ޕާޓީގައި ހުރިނަމަ އެ ބޭފުޅަކު ބާރުއަޅައިގެން ނަމަވެސް މި މަޝްވަރާއަށް ވަޑައިގަތީސް،" ސަރުކާރުގެ ފަރާތުން މަޝްވަރާތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އެންމެ އިސް މަންދޫބު، މުހައްމަދު ޝައިނީ ވިދާޅުވި އެވެ.

މަޝްވަރާތަކަށް ގޮވި ޕާޓީތަކުން މަޝްވަރާތަކަށް އިޖާބަ ނުދިނުމުގެ ސަބަބުން މަޝްވަރާތައް މިވަނީ ފާޑަކަށް ހުއްޓިފަ އެވެ. ސަރުކާރުން އަދިވެސް ދަނީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު މިހާރު ސަރުކާރުގެ އުކުޅަކީ، އދ. މެދުވެރިއެއްގެ ގޮތުގައި ބޭނުންކޮށްގެން މަޝްވަރާތައް ކުރުމެވެ.

އދ.އިން ކަނޑައެޅި ހާއްސަ މަންދޫބު ތަމްރަތް ސެމިއުލް ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ހުރިހާ ޕާޓީތަކާ ބައްދަލުކޮށް، މަޝްވަރާގައި ބައިވެރިވުމަށް ހިތްވަރު ދެއްވި އެވެ. ނަމަވެސް މަޝްވަރާތަކަށް އެއްވެސް އަލިމަގެއް ނުފެނުނެވެ. ދެވަނަ ފަހަރަށް ވެސް މަންދޫބު ވަޑައިގަތީ އެވެ. އެމަނިކުފާނު އަނެއްކާވެސް ރާއްޖެއިން އިއްޔެ ވަޑައިގަތީ ހުސް އަތާ އެވެ. އެއްވެސް ކުރިއެރުމެއް މަޝްވަރާތަކަށް ނުލިބުނެވެ. މިފަހަރު ބައްދަލުކުރެއްވުނީ ވެސް ސަރުކާރާއި ސަރުކާރަށް ތާއިދުކުރާ ޕާޓީތަކާ އެކަންޏެވެ. އިދިކޮޅު ފަރާތްތަކުން ވަނީ ލީޑަރުން މިނިވަން ނުކުރަނިސް މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެ، މަންދޫބާ ވެސް ބައްދަލު ނުކޮށްފަ އެވެ.

އދ.ގެ މަންދޫބު ފުރާވަޑައިގަތީ، މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހުރިހާ ފަރާތްތަކަށް ވެސް ބާރުއަޅުއްވަމުންނެވެ. މިފަހަރު މަޝްވަރާތައް ކާމިޔާބު ނުވި ނަމަވެސް، މަޝްވަރާތަކަށް އޮތް އުއްމީދު އަދިވެސް ސަރުކާރުން ގެއްލުވާލައެއް ނުލަ އެވެ. ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވާން އިދިކޮޅު ފަރާތްތަކުން ދެންވެސް ދެކޮޅު ހެދުމުން، އެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް އދ ގެ މަންދޫބު ރާއްވަވާނެ ކަމަށެވެ. އަދި މަޝްވަރާތައް ފެށުމަށް ދެން ހުރި ގޮތްތައް ވަރަށް އަވަހަށް މަންދޫބު ހާމަ ކުރައްވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"މިހާރު މި އެނގެނީ އެބޭފުޅުންގެ އިހުލާސްތެރިކަމެއް ނެތްކަން. އަޅުގަނޑުމެން މި ބުނަނީ ސިޔާސީ މީހުން މިނިވަން ކުރަން ވެސް މަޝްވަރާ ކުރަން އަންނާށޭ. އެކަމުގައި ކުރެވޭނެ ކަންކަން ބަލަން ހިނގާށޭ. އެކަމަކު އެބޭފުޅުން ބަހަނާއެއް ދަައްކަވަނީ. އެހެން ވީމާ ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް އިނގޭނެ މިހާރު އެބޭފުޅުންގެ އިހުލާސްތެރިކަން މިހުރި މިންވަރު،" ޝައިނީ ވިދާޅުވި އެވެ. "މި ޕްރޮސެސް އެބޭފުޅުން ދިގުއްމި ދައްމަނީ. އަޅުގަނޑުމެން މިތިބީ މަޝްވަރާތައް މިހާރު ވެސް ފަށަން،"

ގައުމު މަސްލަހަތު ގުޅިފައިވާ މި މަޝްވަރާތަކަށް ދެ ފަރާތުގެ ވެސް އިހުލާސްތެރިކަން ވަަރަށް މުހިންމެވެ. އަދި ޝަރުތުތައް އެއް ފަރާތްކޮށްލައި މަޝްވަރާތަކާއެކު ކުރިއަށް ގޮސް ގައުމު ހަމަ މަގަށް އެޅުވުމަށް މަސައްކަތްކުރުމަކީ ރައްޔިތުން އެބަޔަކަށް ތާއިދުކުރާ ހުރިހާ ސިޔާސީ ފަރާތްތަކަށް ވެސް މިހާރަށް އޮތް ވާޖިބެކެވެ.