(3 އޯގަސްޓް 2024 އާ ގުޅޭ )
"މިހާރު މިހެން ތިބޭތާ ދޮޅުގަޑިއިރުވީ. އޭނާގެ އެޕާޓްމެންޓަކު ވެސް ނެތް. އަފްރާހު ބުނި މިތާއޭ އޭނާ އުޅެނީ." ވޭންތެރޭގައި އިން ހުމޭދު ބުންޏެވެ.
"ސަޅި މަންޖެގަނޑެއް. އަހަރެން ހިތަށް އަރާ އަފްރާހާ އޮތީ ކޮން ބީފެއްބާއޭ. ފައިސާގެކަމެއް ކަންނޭނގެ." އަތުގައި އޮތް ފޮޓޯގަނޑަށް ބަލަން އިނދެ ފާއިޒު ދެއްކީ މުޅީން އެހެން ވާހަކައެކެވެ.
"އެތިބަ އަންނަނީ. އޭނާއާއެކީ ފިރިހެނަކު އެބަހުރި." ޑްރައިވަރު ސީޓުގައި އިން ނިޝާން އެންމެން ސަމާލުކަމަށް ގެނުވި އެވެ.
އަނދިރިގަނޑެއްގައި ޕާކުކޮށްފައި އޮތް ވޭން ދުއްވާލުމާއެކު އައިސް މަޑުކޮށްލީ މާޔާ ދިރިއުޅޭ އިމާރާތުގެ ކުރިމައްޗެށެވެ. އޭރު މާޔާއާއި ރާހިން ބޭރުން އައިސް އިމާރާތަށް ވަންނަނީ އެވެ. ވޭންއިން ފޭބި ހަތަރު ފިރިހެނުން ތިބީ ކަޅުކުލައިގެ މާސްކެއް އަޅައިފަ އެވެ. އެމީހުން އައީ ހަލުވި ފިޔަވަޅުގަ އެވެ. އިމާރާތުގެ ދޮރުން އެތެރެއަށް ނުވަދެވިގެން އުޅެނިކޮށް އެތަނުން މީހެއްގެ އަތުގައި އޮތް ލަޓިބުރިން ޖެހީ ރާހިންގެ ބޮލުގަ އެވެ. ފުއްކިބަ ފަޅައިގެން ގޮސް ލޭތައް އޮހިގަތުމާއެކު ރާހިންގެ ހެޔަށް ވެސް ގޮތް ވެއްޖެ އެވެ. މީހާ އަރިއަޅާލާ ގޮތްވީ ހިނދު މާޔާގެ ގައިގާ ހިފުމަށް އޭނާ އަތް ހޫރާލި އެވެ. ނަމަވެސް އޭނާއަށް ފެނުނީ ދެން ތިބި ތިން ފިރިހެނުން ވެގެން މާޔާ ނަގައިގަނެގެން ގޮސް ވޭންގެ ތެރެއަށް އެރުވީތަނެވެ. އަދި ރާހިންގެ ކައިރީ ލަޓިބުރި ހިފައިގެން ހުރި މީހާ ދުވަމުން ގޮސް ވޭނަށް އެރުމާއެކު އެ ވޭން ނައްޓާލައިފި އެވެ. އެހީއަކަށް ގޮވާ ހަޅޭލަވާނޭ ވަގުތެއް ރާހިންއާއި މާޔާއަކަށް ނުލިބުނެވެ. ވައަތުން ބޮލުގައި އަތްއަޅައި ލޭމަނާކުރަން މަސައްކަތް ކުރަމުން ރާހިން އިމާރާތުގެ ތެރެއަށް ވަނީ ވެއްޓެމުން ކަހަލަ ގޮތަކަށެވެ. ސެކިއުރިޓީ މީހާ އިނީ އޭނާއަށް ޚާއްޞަކޮށްފައި އިން ޕޯސްޓުގެ ތެރޭގަ އެވެ. ރާހިން ފެނުމުން އޭނާގެ ދެ ކަންފަތުގައިވީ ހެޑްސެޓް ނައްޓާލުމާއެކު ދުވެފައި ނުކުމެގެން އަތުވެއްޖެ އެވެ.
ރާހިން ހޮސްޕިޓަލަށް ގެންދެވުމާއެކު ވަގުތުން ފަރުވާދޭން ފެށި އެވެ. އޭނާއަށް ވާހަކަދެއްކޭވަރު ވުމުން ދެ ފުލުހަކު އޭނާގެ ކައިރިޔަށް އައެވެ. ފުލުހުން ބޭނުންވީ މަޢުލޫމާތު ނެގުމަށްފަހު އެމީހުން ދިއުމާއެކީ ރާހިން ގުޅީ އޭނާ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ މީހަކަށެވެ. ބަޔަކު މާޔާ ނަގައިގަނެގެން ގެންދިޔައިރު މާޔާގެ ޚަބަރެއް ވީހާ ވެސް އަވަހަކަށް ހޯދަން އޭނާ ބޭނުމެވެ. އެކަމުގެ ފަހަތުގައިވަނީ ކާކުތޯ އެނގެން ރާހިން ބޭނުމެވެ. އޭނާ މާލެ އައިތާ އަދި ހަފްތާއެއް ނުވެ އެވެ. މާޔާއަށް ފަހަކަށް އައިސް ދިމާވަމުން އަންނަ ކަންތައްތަކާމެދު ރާހިން ހުރީ ނުހަނު ކަންބޮޑުވެފަ އެވެ. އޮފީހުގެ ތެރެއިން މާޔާއަށް ހަމަލާދޭން މީހަކު މަސައްކަތް ކުރިތާ އަދި ގިނަ ދުވަސްތަކެއް ނުވާކަން ރާހިން ދެނަހުއްޓެވެ. ކޮންމެވެސް މީހަކު މާޔާއަށް ދެރައެއް ދޭން އުޅެނީކަން ރާހިންއަށް މިހާރު ޔަޤީނެވެ. އޭނާ ކޮންމެ ގޮތަކުން ވިޔަސް މާޔާ ރައްކާތެރިކުރާނެ އެވެ.
* * * * *
ދެ އަތް އައްސާފައިވާލެއް ބާރުކަމުން މާޔާގެ އަތުގެ ކުޑަހުޅަށް ތަދުވެ އެވެ. ދެ ފިރިހެނުންގެ މެދުގައި އޭނާ ބައިންދާފައި އިންއިރު ކުރިމަތީ ސީޓުގައި އިން މީހާ ފޯނުން މީހަކާ ވާހަކަދައްކަ އެވެ. މާޔާ ގޮވައިގެން ދިހަ ވަރަކަށް މިނެޓު ތެރޭ ކައިރި ކުރާނޭކަން އެ މީހާ ފޯނުން ބުނެލި އެވެ. އަދި ލިބެންޖެހޭ ފައިސާ ޓްރާންސްފަރ ކުރުމަށް އޭނާ ބުންޏެވެ.
"ތީ ކޮންބައެއް؟. ކޮންތާކަށް އަހަރެން ތިގެންދަނީ؟." މާޔާ ސުވާލުކުރި އެވެ.
"ވާހަކަދައްކާކަށް ނުބުނަމެންނު." ފޯނުގައި އިން މީހާ މާޔާގެ ކޮލުގެ ދެފަރާތަށް ފިތާލި އެވެ.
"އަހަރެމެންގެ އަތުން އަނިޔާއެއްވާން ބޭނުނިއްޔާ މޮޅުކަމެއް ކުރާން ނޫޅެ މަޑުން އިނދޭ." ވައަތް ފަރާތުގައި އިން މިހާ މާޔާއަށް ބުނެލި އެވެ.
މާޔާ ވަގުތުން ހިމޭންވި އެވެ. ފޯނުގައި އިން މީހާ ދައްކާ ވާހަކައަށް މާޔާ ސަމާލުކަން ދީގެން އިނެވެ. އެމީހުން އޭނާ އެ ގެންދަނީ އަފްރާހު ކިޔާ މީހަކު ބުނެގެންކަން މާޔާއަށް ޔަޤީންވި އެވެ. އަދި އެމީހުން ލައްވާ އެކަން އެ ކުރުވަނީ ރުފިޔާއަށްކަން ވެސް މާޔާއަށް އެނގުނެވެ.
"އަފްރާހު... އަފްރާހު... ކާކުބާ އެއީ. އެ ނަން ކިޔާ މީހަކު ނުދަންނަން." މާޔާއަށް ވިސްނާލެވުނެވެ. ހިމޭނުން އިންނަން އެ މީހުން މާޔާއަށް އިންޒާރު ދީފައި ވިޔަސް އޭނާ އެގޮތް ބޭނުމެއްނުވި އެވެ.
"އަފްރާހު ބުނެގެންތަ އަހަރެން ކިޑްނެޕްކުރީ. ކިހާވަރެއް އޭނާ ދޭނަމޭ ބުނީ... އަހަރެން ދޫކޮށްލާ މަތިން އޭނާ ދޭން ބުނި އަދަދުގެ ދެގުނަ ދީފާނަން." މާޔާ ވާހަކަދެއްކީ ވިސްނުންތެރިކަމާއެކު އެވެ.
"ކައި ކިހިނެއް؟. އަހަރެމެން ބުނި ވަރެއް ދެވޭނެތަ؟." މާޔާގެ ވައަތްފަރާތުގައި އިން މީހާ ވާހަކަދެއްކި އެވެ.
"އަހަރެންނަކީ އެލް.ސީ.އެލްގެ ޑިރެކްޓަރެއް. ކިހާވަރެއް އަފްރާހު ދޭން ބުނީ. ޔަޤީންކުރޭ. އަހަރެން އޭގެ ޑަބަލް ކަލޭމެންނަށް ދޭނަން. މީ ނުވާކަމެއްގެ ގޮތުގައި ބަލާނަން." މާޔާ ބުންޏެވެ. އެވަގުތު ޑްރައިވަރަކަށް އިން މީހާ ވާހަކަދެއްކި އެވެ.
"ބްރޯ އޭނާގެ ވާހަކައަށް ނުހެއްލޭތި. ފޭކު އަންހެން ގޮލައެއް ތީ. މަސައްކަތް ކުރާ ތަނަކުން އެތަނެއްގެ މުވައްޒަފަކަށް ބޭނުންވަރަކަށް ފައިސާދޭނެހެން ހީވޭތަ؟. އެމީހުންނަށް ކީއް މީނައަށް ކޮންމެގޮތެއް ވިޔަސް. އަނެއްކާ އިހައްދުވަހު މި ގޮލާގެ ވާހަކަ ނޫހުގަ އޮއްވާ ވެސް ދުށީން. އޮފީސް ކަމެއްގައޭ ކިޔާފައި ގެސްޓްހައުސް ތެރޭގައި ރިޗު ގޮލައަކާއެކީ އޮއްވާ ބަސްޓުވެފައި ހުރި އަންހެން ގޮލައެއް." ޑްރައިވަރު ބުންޏެވެ.
ވޭން ތެރޭގައި ތިބި މީހުންގެ ޚިޔާލު ހުރި ގޮތުން މާޔާ ސަލާމަތްވާން ދޮގު ހަދަނީ އެވެ. އެމީހުން ބޭނުންވާ ވަރަށް ފައިސާ ދެވޭނެ ފެންވަރެއް އޭނާގެ ނުހުންނާނޭ އެމީހުން ޤަބޫލުކުރީ އެވެ. އަނެއްކާވެސް ހިމޭންވާން މާޔާއަށް މަޖުބޫރުވީ އެހެންވެ އެވެ. އެމީހުން އޭނާގެ ވާހަކަ އަޑު ނޭހުމުންނެވެ.
ހުޅުމާލޭގައި އާންމުކޮށް މީހުން އައިސް ނޫޅޭ ހިސާބު ތޮށިގަނޑު ކައިރިއަށް ވޭން މަޑުކުރި އެވެ. ދެ މީހުން ހިފަހައްޓައިގަނެގެން މާޔާ ވޭނުން ބޭލި އެވެ. ތޮށިގަނޑާއި ކައިރިކޮށްލާފައި އޮތް ސަފާރީ މާޔާއަށް ފެނުނީ ދެނެވެ. އެމީހުން މާޔާ ގެނެސް އެރުވީ އެ ސަފާރީ އަށެވެ. ސަފާރީގެ ތެރޭގައި ދުވަސްވެފައިވާ ހަރު ފިރިހެނަކު ބަލަހައްޓައިގެން ހުއްޓެވެ. މާޔާ ގެނެސް ހަވާލު ކުރީ އެ މީހާއާ އެވެ.
"ބޮސް..." މާޔާގެ އަތުން ދޫކޮށްލުމުގެ ކުރީން ވޭންއިން ފައިބައިގެން އައި މީހާ ގޮވާލި އެވެ.
"މިހާރު ލިބޭނެ." އެ ދުވަސްވީ މީހާ ބުންޏެވެ. ދެން ފެނުނީ ވޭންގެ ޑްރައިވަރަކަށް ހުރި މީހާ ފޯނު ބަލަން ފެށިތަނެވެ. އަދި އޭނާ އަތުގެ އިޝާރާތުން ދާންވީކަމުގައި އަންގާލުމުން އެމީހުން ސަފާރީއިން ފައިބައިފި އެވެ. އެއާއެކު ސަފާރީ ވެސް އޮތްތަނުން ނައްޓާލައިފި އެވެ.
"ތީ ދޯ މާޔާއަކީ." ދުވަސްވީ މީހާ މާޔާގެ ކަނާއަތުގެ މުލައްދަނޑީގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ.
"ތީ ކާކު؟. އަހަރެންގެ ފަރާތުން ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ." މާޔާ ގަދަ ހަދާލަމުން ބުންޏެވެ. ނަމަވެސް އެ ފިރިހެންމީހާ އަތް ނައްޓުވައެއް ނުލެވުނެވެ. އޭނާ ހީނލާފައި ވާހަކަދައްކަން ފެށި އެވެ.
"އަހަރެންގެ ދަރިފުޅު ވެސް ހުތުރެއްނޫން. އޭނާގެ މޫނުގައިވާ ފަދަ މައުސޫމްކަމެއް ތި މޫނުގައި ނެތަސް ތީ ފިރިހެނުން އަޅައިގަންނަ ކަހަލަ ރީތިކަމެއް ލިބިފައިވާ އަންހެންކުއްޖެއް. ޗާލު ބައްޓަމެއް... މިހާރު އެނގިއްޖެ ސޫޒަން އެހާ ރުޅި އަންނަނީ ކީއްވެކަން. އަހަރެން މީ ސޫޒަން ނަމަވެސް ތިކަހަލަ އަންހެނަކު ކައިރީގައި އުޅޭކަށް ބޭނުމެއްނުވާނެ." ޒާތެއްގެ ހިންޏެއް އައިސްފައި ހުރެ އަފްރާހު ބުންޏެވެ.
"ސޫޒަންއޭ... ސޫޒަން ބުނެގެންތަ ތިހެން ތިހަދަނީ." މާޔާގެ ދެ ލޯ ބޮޑުކޮށްލެވުމާއެކު އަހާލެވުނެވެ.
"ސޫޒަން އެއީ އިޒީކިއަލް އިންނަން އުޅުނު ކުއްޖާ. މިހާރު އެމީހުން ތިބޭނީ މެރީ ވެސް ކޮށްގެން... ދެން ކީއްވެ؟. އިޒީކިއަލްގެ ސަބަބުން. އާން. އެއްވެސް އަންހެނަކު ބޭނުމެއްނުވާނެ އޭނާގެ ފިރިމީހާ އެހެން އަންހެނެއް ކައިރިޔަށް ދާކަށް. ސޫޒަންއަށް އަހަރެންނާއި އިޒީކިއަލް އެކުގައި ނުފެނެއޭ ބުނެވޭކަށްނެތް. ސިކުނޑިއެއް ހުރި މީހެއްވިއްޔާ ބުނަން އެނގޭނެ އިޒީކިއަލްއާއި އަހަރެންނާ ދެމެދު ކަމެއް އެބަ ހިނގާކަން. އެކަމަކު އަހަރެންގެ ކައިރިޔަށް އަންނަ މީހަކީ އިޒީކިއަލް. އަހަރެން އޭނާއާ ދުރަށްދާން މަސައްކަތް ކުރިޔަސް އެ ފުރުޞަތު ނުދިނީ އިޒީކިއަލް. ހުރިހާ ހުތުރު ނަމަކާއި މީހުންގެ ރުޅިވެރިކަން އަމާޒު މިވަނީ އަހަރެންނަށް." ހިތާހިތުން ވާހަކަދައްކަމުން ދިޔަ މާޔާއަށް ބޮލުގައި ހިފަހައްޓާލެވުނެވެ.
ސަފާރީ ކައިރިކުރީ މާލޭ ކައިރީ ރަށަކަށެވެ. މާޔާއަށް އެއީ ކޮންތަނެއްކަމެއް ނޭނގުނެވެ. ކަނުއަނދިރިކަމުގައި ސަފާރީން ފޭބި ގޮތަށް އަފްރާހު އޭނާ އެރުވީ ކާރަކަށެވެ. އެމީހުން ގޮސް ފޭބީ ގެއަކަށެވެ. ކައިރީގައި ދިރިއުޅެން ފަށާފައިވާ ގެއެއްނެތް ހިސާބެކެވެ. އެމީހުން ވަން ގެ ވެސް ހުރީ ޑެކު އަޅާފައި މަތީބައި އެއްކޮށް ހަދާ ނުނިމި އެވެ. ގަޑިންވީއިރެއް ވެސް މާޔާއަކަށް ނޭނގެ އެވެ. ހުޅުމާލޭގައި ހުންނަ އޭނާގެ އެޕާޓްމެންޓަށް ވަންނަން އަންނަނިކޮށް މީހުންތަކެއް އައިސް އޭނާ ނަގައިގަތް އިރު އަތްދަބަސް ވެއްޓުނީ އެވެ. އޭނާގެ ފޯނު އޮތީ އަތްދަބަހުގަ އެވެ. ބޭރަށް ނުދާން ހުރެފައި ވެސް ނުކުތީ ރާހިން ކިޔާވަރުންނެވެ. އެހެންވެ ނުކުތީ މާބޮޑު ތައްޔާރީތަކެއް ނުވެ އެވެ. އާންމުކޮށް ގަޑި އަޅަން އޭނާ ހަނދާން ކުރަނީ އޮފީހަށް ދާއިރު އެވެ.
"އަހަރެންގެ ދަރިފުޅު އެހެރީ ކަލޭގެ އިންތިޒާރުގައި." ގޭތެރެއަށް ވަދެވުމާއެކު އަފްރާހު ބުންޏެވެ.
"މީ... ސޫޒަންގެ ބައްޕަތަ؟." ގޭތެރޭގައި ބޮޑު ދެ ފިރިހެނުންނާއެކީ ސޫޒަން ހުރިތަން ފެނި އަފްރާހު އިޝާރާތްކުރީ ސޫޒަންއަށްކަން އެނގޭތީ މާޔާގެ ހިތަށް އެރި އެވެ.
"އަހަރެން ކައިރީ އެދުނު ގޮތަށް އޭނާ އެ ހުރީ ގެނެސްދީފައި. އެހެންވީ އަހަރެންނާ ވީ އެއްބަސްވުމުގެ މަތިން ހަނދާންނައްތާ ނުލާތި." ސޫޒަންއަށް ބަލަން ހުރެ އަފްރާހު ބުންޏެވެ.
"އޯކޭ. މިވަގުތު ދެން އެންމެން ބޭރަށް ނުކުމޭ. އަހަރެން އޭނާއާ ވާހަކަދައްކާނީ." ސޫޒަން ބުންޏެވެ. އެއާއެކު އެތަނުގައި ތިބި ދެ ފިރިހެނުންނާއި އަފްރާހު ނުކުމެ ދޮރުލައްޕާލައިފި އެވެ.
"މާޔާ... މިއަދު ސަލާމަތްވެވިދާނޭ ހީނުކުރާތި." ދެއަތް އުރާލަމުން ވިހަ ހިނިތުންވުމެއް އެއްމިޔަކަނުން ފާޅުކޮށްލައިގެން ހުރެ ސޫޒަން ބުންޏެވެ.
"މިގޮތަށް އަހަރެން ގެނައުމުގެ މާނައަކީ ކޮބާ؟. އިޒީކިއަލްއާ އަހަރެންގެ ދެމެދުގައި ހަޤީޤީ ގުޅުމެއް އޮތްނަމަ އޭނާ ސޫޒަންއާ އިންނާނެތަ؟. އަހަރެންނަށް އެނގިފައޭ އޮތީ އިހަށް ދުވަހު ތި ދެ މީހުން ކައިވެނިކޮށްފިކަން. އަހަރެން ނެތިން ތި ދެމެދަށް ވަންނާކަށް. ޤަބޫލުކުރޭ. އަހަރެން ދުވަހަކުވެސް ކަލޭމެން ދެމަފިރިންގެ ދެމެދަކަށް ނުވަންނާނަން. ކީއްކުރާނީ... އަހަރެންގެ ދިރިއުޅުން މިވަނީ އޮޅުންބޮޅުންވެފައި. އިޒީކިއަލްއާއެކު ނަހަމަ ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއްނޫން. އެ ގެސްޓްހައުސްގެ ހާދިސާއަކީ ވެސް ހަޤީޤަތެއްނެތް ކަމެއްކަން އެނގެއެއްނު. މިހުރިހާ ކަމަކީ ބޮޑު މިސްއަންޑަސްޓޭންޑިންނެއް. ޕްލީޒް ބީ ސެންސިބަލް. އަހަރެން ދޫކޮށްލާ ސޫޒަން." މާޔާ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކު އެވެ.
"މިސްއަންޑަސްޓޭންޑިންއެކޭ... ކިހާ ރީތި." ސޫޒަންއަށް ހަޅޭލަވައިގަނެވުނެވެ. އޭނާ މާޔާގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.
"އެއީ މިސްއަންޑަސްޓޭންޑިންއެއް ވިއްޔާ. ކީއްވެ އަދިވެސް އަހަރެން ހުހަށް މިހުރީ. އަހަރެމެން ދެމަފިރިންނަށް ނުވީ. އެއީ މިސްއަންޑަސްޓޭންޑިންނަމަ... ކީއްވެ އޭނާ އަހަރެން އިންތިޒާރުގައި ބައިންދާފައި އެހެން އަންހެނެއްގެ ގާތަށް ދާންވީ. ކައިވެނި ހެދުމުގައި އަހަރެން އިނީ އޭނާ އަންނާނޭ އިރެއްގެ އިންތިޒާރުގައި... އެކަމަކު އަހަރެންނަށް ޚަބަރެއްވުމުގެ ބަދަލުގައި އަހަރެން ގުޅީމާ ފޯނު ނުނަގާފައި އޭނާ ގުޅީ ކަލެއަށް. އޭނާ ދިޔައީ ކަލޭގެ ކައިރިޔަށް. ނޫންތަ؟." ސޫޒަންގެ ރުޅިގަނޑު އިންތިހާއަށް ގޮސްފައިވި އެވެ.
(ނުނިމޭ)