ހަ އަހަރުވީ ލޯބީގެ ގުޅުން ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ޖެނުއަރީ މަހު ނިންމާލި ހަބަރުވީ ގިނަ ބަޔަކަށް ހައިރާން ކަމެއް ގެނުވި ކަމަކަށެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2014 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން މި ދެތަރިން ވަނީ އެކުގައި ދިރިއުޅެން ފަށާފަ އެވެ. އަދި ރުޅިވިފަހުން އެކުގައި އުޅުނު ގެއިން ރަންބީރު ނިކުމެ ވަކިން ދިރިއުޅެން ފެށިފަހުން ކެޓްރީނާ ވެސް ވަނީ އޭނާ ކުރިން ދިރިއުޅެމުންދިޔަ ގެއަށް ބަދަލުވެފަ އެވެ.
ކެޓްރީނާ އޭނާ ކުރިން ދިރިއުޅެމުން އައި ގެއަށް ބަދަލުވި ނަމަވެސް، އެގޭގައި ފެން ލީކުވުމުގެ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ވަނީ މިހާރު ވަނީ އާ ގެއެއް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. މިފަހަރު ކެޓްރީނާ ހިތްހަމަޖެހޭ ފަދަ ގެއެއް ހޯދަން އޭނާ އާއެކު ނިކުމެ އުޅެނީ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާންގެ މެނޭޖަރު ރޭޝްމާ ޝެޓީ އެވެ. ރޭޝްމާ އާއެކު ކެޓްރީނާ ގެއެއް ހޯދަން ނިކުމެފައިވަނީ މިހަފްތާގެ ކުރީކޮޅު އެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދީފައިވާ ނޫސްތަކުގައިވާ ގޮތުން، ކެޓްރީނާއާ ރޭޝްމާ ގެތައް ބަލަން ނިކުމެ އުޅެނިކޮށް އެމީހުން ފަހަތުން ނޫސްވެރިންނާއި ފޮޓޯގްރާފަރުން އަންނާތީ އެކަމާ ހިތްހަމަނުޖެހި އޭނާ ދާހާތަނަކަށް ފަހަތުން ނުދާން ވަނީ އެދިފަ އެވެ. އަދި ފޮޓޯގްރާފަރުން ކެޓްރީނާއާ ދިމާލަށް އެމީހުންގެ ވަޒީފާ އަދާކުރަނީ ކަމަށް ބުނުމުން ވަނީ އިތުރަށް އޭނާގެ ފަހަތުން އަންނަނީ ނަމަ ފުލުހުންނަށް ރިޕޯޓްކުރާނެ ކަމަށް ބުނެފަ އެވެ.
ކެޓްރީނާ އާއި ރަންބީރު ރުޅިވިފަހުން އޭނާއާ ސަލްމާންގެ ގުޅުން ކުރިއަށް ވުރެން ބަދަހިވެފައިވާ ކަމުގެ އަޑުތައް އަރަ އެވެ. އަދި ރަންބީރާއި ރުޅިވުމުގެ ކުރިން ސަލްމާނާ ބައްދަލުކޮށް އޭނާގެ ލަފައެއް ހޯދިކަމުގެ ވާހަކަތައްވެސް ވަނީ ދެކެވިފަ އެވެ. ސަލްމާންއާ ރުޅިވެ ކެޓްރީނާ ރަންބީރާ ރައްޓެހިވާން އުޅުމުން އެކަން ނުކުރުމަށް ސަލްމާން ވަނީ ކެޓްރީނާ ކުރެން އާދޭސްކޮށްފަ އެވެ.
ރަންބީރާއި ކެޓްރީނާ ރުޅިވިއިރު މިދެތަރިން އެކުގައި އައީ ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ޖައްގާ ޖާސޫސް" ކުޅެމުންނެވެ. މިފިލްމުގެ ބޮޑުބައި އަދި ޝޫޓްކޮށް ނުނިމޭއިރު، މިދެތަރިން ރުޅިވުމުން ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައި އޮތް ޝޫޓިން ވަނީ މިމަހަށް ބަދަލުކޮށްފަ އެވެ. އަދި މިދެތަރިން ރުޅިވުމުން މިފިލްމުގެ ޝޫޓިން ނިންމާނެ ތޯ ސުވާލުކުރެވެމުން ދަނިކޮށް އިއްޔެ ވަނީ މިފިލްމުގެ ނުނިމި އޮތް ބައިގެ ޝޫޓިން ފަށާފަ އެވެ.
ތިން ފަހަރެއްގެ މަތިން ރިލީޒްކުރުން ލަސްކޮށްފައިވާ މިފިލްމު މިހާރު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ.