ގއ. ނިލަންދޫ

މައްސަލަ ބޮޑުވި އިންތިހާބަށްފަހު އެންމެ ފަހުން ސްކޫލް ކެޕްޓަން ކަނޑައަޅައިފި

ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ކެޕްޓަން އަދި ސްކޫލުގެ އެހެނިހެން މަގާމުތައް ހޮވުމަށް ދަރިވަރުންގެ މެދުގައި ބޭއްވި އިންތިހާބުގެ މައްސަލަ ބޮޑުވެ، އަދި އެކަން ހައްލުނުވެ ދިގު ލައިގެން ދިއުމަށްފަހު އެންމެ ފަހުން ސްކޫލް ކެޕްޓަން ކަނޑައަޅައިފި އެވެ.

ސްކޫލް ކެޕްޓަން ކަނޑައެޅުމުގައި ހިނގައިދިޔަ ބައެއް ކަންކަމާ ގުޅިގެން ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރަކު ސަސްޕެންޑް ވެސް ކުރި އެވެ. އަދި ސްކޫލް ދޮށުގައި ބެލެނިވެރިން މުޒާހަރާވެސް ކުރި އެވެ.

ޓީޗަރަކު ސަސްޕެންޑް ކުރީ އޮންލައިންކޮށް ކުދިންގެ މެދުގައި ނެގި ވޯޓުގެ ނަތީޖާ ބަދަލުކުރި ކަމުގެ ތުހުމަތު ގައެވެ. އެހެންނަމަވެސް މިކަމުގައި އެކި ފަރާތްތަކުން އެކި ގޮތަށް ވާހަކަ ދައްކާތީ ކަމުގެ ހަގީގަތެއް ސާފެއް ނުވެ އެވެ.

ސްކޫލް ކެޕްޓަން ކަމަށް ދަރިވަރަކު މިހާރު ކަނޑައަޅާފައިވާއިރު އެ ދަރިވަރަކީ އެންމެ ފުރަތަމަ އިންތިހާބުން ބަލިވި ދަރިވަރެވެ. އިންތިހާބުން ބަލިވުމުން އެ ދަރިވަރުގެ ބެލެނިވެރިންގެ ފަރާތުން ސްކޫލަށް ޝަކުވާ ހުށަހަޅައި އަދި ފަހުން އެޑިޔުކޭޝަނަށްވެސް ޝަކުވާ ހުށަހެޅި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި ދަރިވަރުގެ މަންމައަކީ ސްކޫލްގެ ޓީޗަރެކެވެ. އަދި ސަސްޕެންޑް ކުރި ޓީޗަރަކީ އެ ދަރިވަރުގެ މަންމައާ ތިމާގެ މީހެކެވެ.

ނިލަންދޫއިން ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި އިންތިހާބުގެ ނަތީޖާ ބަދަލުކުރުމާ އަދި އެކަމާ ގުޅިގެން ހިނގައިދިޔަ ކަންކަމުގެ ތެރޭގައި ސްކޫލާ މުޅިން ނުގުޅޭ ކަންކަންވެސް ހިމެނޭ ކަމަށްވެ އެވެ. އޭގެ ތެރޭގައި އާއިލީ މައްސަލަތަކަކާއި ސިޔާސީ ހިޔާލު ތަފާތުވުންވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

ފ. އަތޮޅު ތައުލީމީ މަރުކަޒު ސްކޫލުގެ ކެޕްޓަން ހޮވުމަށް ގްރޭޑް 11 ގައި ކިޔަވާ ދެ ދަރިވަރުން ވާދަކުރި އިންތިހާބުގެ ވޯޓު ނެގީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.