ގާނޫނާ ހިލާފަށް ސިފައިންގެ ވަޒީފާ އިން ވަކިކުރި މީހަކަށް ބަދަލުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދު ވަޒީފާއިން ވަކި ކުރީ ނޮވެމްބަރު 25، 2013، ގައެވެ.
އަލީ ވަހީދު ވަޒީފާ އިން ވަކިކުރީ ސިފައިންގެ ހިދުމަތުގައި 30 އަހަރު އުޅުމަށްފަހު ރިޓަޔާވުމަށް ހުށަހެޅުމުންނެވެ.
މިމައްސަލަ އަލީ ވަހީދުގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުންވެސް މީގެކުރިން ނިންމީ އޭނާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި ބަދަލު ދިނުމަށް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ނިމިގެން ދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2020 ވަނަ އަހަރުގެ ނޮވެމްބަރުގައި އޭނާއަށް އަލުން ވަޒީފާ ދީފައިވެ އެވެ. އެކަމަކު އޭނާއަށް ވަަޒީފާ ދިނުމަށްފަހު ބަދަލު ނުދީ އޮތުމުން އަލީ ވަހީދު ވަނީ 2.1 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށް ސިވިލް ކޯޓަށް ވަކި މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ބަދަލުގެ ގޮތުގައި ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކުރީ އަލީ ވަހީދު އެދުނު އަދަދަށް ވުރެ ކުޑަ އަދަދެެއް ދިނުމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފް މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމްގައި ވަނީ އަލީ ވަހީދަށް ސިފައިންގެ ވަޒީފާ އަލުން ދިން ދުވަހާ ހަމައަށް ދޭންޖެހޭ މުސާރަ އާއި އެލަވަންސްތަކާއެކު 1.8 މިލިއަން ރުފިޔާ ދައުލަތުން ބަދަލުގެ ގޮތުގައި ދިނުމަށެވެ. އަދި މިފައިސާ 15 ދުވަހުގެ ތެރޭގައި ދިނުމަށްވެސް އަމުރުކޮށްފައިވެ އެވެ.