ހަބަރު

ވަޒީފާ ދޭންކުރި ހުކުމަށް ތަބާވާނެ: އެމްއެންޑީއެފް

މިދިޔަ އަހަރު ނެރުނު 1 ފެބްރުއަރީގެ އަމުރަށް ފަހު ހައްޔަރުކުރި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކުރީގެ އޮފިސަރެއް ކަމަށްވާ އަހުމަދު ޝާނީޒަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތަވާބާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ސިވިލް ކޯޓަށް ޝާނީޒް ހުށަހެޅި އެ މައްސަލައާ ގުޅިގެން އެ ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ އޭނާއަށް އަލުން ވޒީފާ ދިނުމަށާއި ބަދަލުގެ ގޮތުގައި 189،000 ރުފިޔާ ދިނުމަށެވެ. އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ކޯޓުގެ ހުކުމަށް އެމްއެންޑީއެފް އިން ތަބާވާނެ ކަމަށެވެ.

ޝާނީޒް ވަޒީފާއިން ވަކިކޮށްފައި ވަނީ ހައްޔަރުކޮށް ދޫނިދޫގައި ބެހެއްޓުމަށްފަހު އެވެ. ހައްޔަރު ކުރިއިރު އޭނާ އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީގާޑްގެ ގޮތުގަ އެވެ. އޭގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑްކަން ވެސް އޭނާ ކުރި އެވެ. އަދި ވަޒީފާ އިން ވަކި ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު އެމަނިކުފާނުގެ ބޮޑީގާޑެއްގެ ގޮތުގައި ވެސް ވަނީ އޭނާ ހަމަޖައްސާފަ އެވެ.