ށ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ސިއްރުފެންފުށި ރިސޯޓްގެ މޫދު އަޑީގައި ބުދުތަކެއް ބަހައްޓައިގެން ހެދި "މޫދު އަޑީގެ ގެލަރީ" ފަސް ގަޑިއިރު ތެރޭގައި ނެގުމަށް ސިވިލް ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑުގެ އުފުލުން ދައްކުވައިދޭ ގޮތަށް އެ ރިސޯޓުން ހެދި ކަނޑުއަޑީގެ ގެލަރީގައި އިންސާނުންގެ ސޫރަ ފެންނަ ގޮތަށް ހަދާފައިވާ ބުދުތަކެއް ބެހެއްޓި މައްސަލަ ފެންމަތިވީ މިދިޔަ ޖުލައި މަހު ކުރީކޮޅުގަ އެވެ. އެކަމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އެންގެވުމަށް ޖުލައި 28 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ބުދުތައް ނަގަން ސިއްރު ފެންފުއްޓަަށް އަންގައި ސިޓީއެއް ފޮނުވައިފަ އެވެ.
ސިއްރު ފެންފުުއްޓަކީ ޖީބީއެޗް ރިސޯޓްސް މޯލްޑިވްސް އިން ތަރައްގީ ކުރި ރިސޯޓެކެވެ. ބުދުތަކުގެ މައްސަލާގައި ސަރުކާރު އެތަކެތި ނަގަން އެންގުމުން އެ ރިސޯޓުން ވަނީ ނެގުމުގެ މަސައްކަތް ފަށާފައެވެ. އަދި ބުދުތަކެއް ހިމެނޭ ސްޓްރަކްޗާ ބަރު ކަމުން އެ އޮނިގަނޑު ނެގުން ލަސްވާތީ އެ ތަކެއްޗާއި ސްޓްރަކްޗާ ނެގެންދެން ބުދުތަކެއްގެ ގޮތުގައި ނުފެންނާނެހެން ސަތަރި އަޅައި ވަނީ ފޮރުވާފަ އެވެ.
ނަމަވެސް މިނިސްޓްރީގެ އަމުރާ އެއްގޮތަށް ބުދުތައް އަދިވެސް ނަގާފައިނުވާތީ ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލާގައި މިއަދު ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ، އެ ބުދުތަކަކީ އިސްލާމް ދީނުގެ ވަހުދަތާއި ދިވެހި ދައުލަތުގެ މަސްލަހަތާ ހިލާފު ތަކެތިކަން ލިޔެކިތުންތަކުން އެނގެން އޮންނަ ކަމަށެވެ. އެފަދަ ކަމަކަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށް ބުނެ އަމުރުގައި ވަނީ ބުދުތައް ނަގަން އަންގާފަ އެވެ.
ފަސް ގަޑިއިރު ތެރޭގައި ރިސޯޓުން ބުދުތައް ނުނަގައިފިނަމަ އެ ބުދުތައް ފުލުހުން ހަތް ދުވަސް ތެރޭގައި ނެގުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް ވެސް ސިވިލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.
ސިއްރު ފެންފުށީގައި އިންސާނުންގެ ސިފަ ރަމްޒުވާ ގޮތަށް އަޅުކަން ކުރާ ބުދު ބަހައްޓަން ސަރުކާރުން އެއްވެސް އިރެއްގައި ހުއްދައެއް ނުދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކުރިން ވަނީ ވިދާޅުވެފަ އެވެ.