ހަބަރު

ހައްޔަރުކުރި އޮފިސަރަށް ވަޒީފާ ދޭން އަންގައިފި

Mar 27, 2019
1

އެކެއް ފެބުރުއަރީގެ އަމުރަށްފަހު ހައްޔަރުކުރި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކުރީގެ އޮފިސަރެއް ކަމަށްވާ އަހުމަދު ޝާނީޒަށް އަލުން ވަޒީފާ ދޭން ހުކުމްކޮށްފި އެވެ.

ޝާނީޒަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ އޭނާ އެ ކޯޓަށް ހުށަހެޅި މައްސަލާގެ ހުކުމްގަ އެވެ. ވަޒީފާ އަލުން ދިނުމުގެ އިތުރުން ބަދަލުގެ ގޮތުގައި އެއް ލައްކަ އަށްޑިހަ ނުވަ ހާސް ރުފިޔާ ދޭން ވެސް ހުކުމްކޮށްފައިވެ އެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ހައްޔަރުކޮށް ދޫނިދޫގައި ބެހެއްޓުމަށްފަހު އެވެ. އޭނާ ހައްޔަރުކުރި ހުރީ އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީގާޑްގެ ގޮތުގަ އެވެ. އޭގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީގެ ބޮޑީގާޑްކަން ވެސް އޭނާ ކުރި އެވެ.

ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވަނީ އެމަނިކުފާނުގެ ބޮޑީގާޑެއްގެ މަގާމު ޝާނީޒަށް ދީފަ އެވެ. އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނު އުޅުއްވި ދުވަސްވަރު އެވެ.

ޝާނީޒާއެކު އިތުރު ދެ ސިފައިންގެ މީހަކު ވެސް އޭރު ހައްޔަރުކޮށް ވަޒީފާއިން ވަކިކުރި އެވެ. އޭގެ ތެރެއިން ސިމާދު އަހުމަދަށް ވެސް ވަޒީފާ އަލުން ދިނުމަށް ހުކުމްކޮށްފައިވެ އެވެ.