ޑރ. އަބްދުﷲ ޚަލީލް

މިއަހަރު އަތޮޅު ހޮސްޕިޓަލްތަކުގައި ޑައިލިސިސް ފަށަނީ

އަތޮޅު ހޮސްޕިޓަލްތަކުގައި މި އަހަރު ނިމުމުގެ ކުރިން ޑައިލިސިސް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަލީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ ރަށްތަކުގައި ޑައިލިސިސްގެ ހިދުމަތް ފެށޭނެ ތާރީހަކާމެދު އެ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހަލީލް ވިދާޅުވީ މިހާރުވެސް މަދުވެގެން ދެ ހޮސްޕިޓަލްގައި އެ ހިދުމަތް ފޯރުކޯށްދެމުންދާ ކަމަށާއި، އެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިތުރު މެޝިންތައް ބައެއް ހޮސްޕިޓަލްތަކަށް ހޯދާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ހޮސްޕިޓަލްތަކުގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް ބޭނުންވާ ޖާގަވެސް ހަދަމުންދާ ކަމަށެވެ. އަދި އާބާދީއަށް ބެލުމަށްފަހު ޑައިލިސިސްގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ހޮސްޕިޓަލްތަކުގައި ހިދުމަތް ފެށުން އަވަސްކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އާބާދީއަށް އެފަދަ ހިދުމަތެއް ބޭނުންވާ ރަށެއްނަމަ އެ ރަށަކަށް އެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނަން،" ހަލީލް ވިދާޅުވިބއެވެ.

ޑައިލިސިސްގެ ހިދުމަތް މުޅި ރައްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ހަ ހޮސްޕިޓަަލަކުން އެ ހިދުމަތް ފޯރުކޮށްދެމުންދެއެވެ.