ބޭރު ކުޅިވަރު

އިންޑިޔާ – ޕާކިސްތާނުގެ މެޗު ކުޅޭ ދަނޑު ބަދަލުކޮށްފި

ސަލާމަތީ ސަބަބުތަކަށްޓަކައި ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ޕާކިސްތާނާއި އިންޑިޔާ މެޗު ދަނޑު ބަދަލުކޮށްފި އެވެ.

ކްރިކެޓްގެ މައި އިދާރާ އާއި އިންޑިޔާގެ ކްރިކެޓް ބޯޑުން މަޝްވަރާކޮށް ދަނޑު ބަދަލު ކުރަން ނިންމި ނިންމުން ޕާކިސްތާނުން ވަނީ ގަބޫލުކޮށްފަ އެވެ. ނަމަވެސް އިންޑިޔާ އަށްދާ ޕާކިސްތާން ޓީމުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ޕާކިސްތާނުން ވަނީ އެދިފަ އެވެ.

މުބާރާތުގައި ޕާކިސްތާނާއެކު އިންޑިޔާ ކުޅޭ މެޗު ކުރިން ކުޅެން އޮތީ ދަރަމްސާލާގަ އެވެ. ނަމަވެސް ލިބެމުންދިޔަ ތަފާތު އިންޒާރުތަކާހުރެ މިހާރު މެޗު ކުޅެން ނިންމާފައިވަނީ ކަލްކަތާ އެވެ.

އިންޑިޔާގައި އިންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރަކަށް ކުރިއަށްދާ މުބާރާތުގައި ޕާކިސްތާނާއި އިންޑިޔާ ހިމެނެނީ ގްރޫޕް ބީގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑެވެ.