ކުޅިވަރު

ސްޕެއިންގެ ޒުވާން މިޑްފިލްޑަރ ޑެނި އޮލްމޯ އަލުން އަނބުރާ ބާސާއަށް!

ސްޕެއިންގެ ޒުވާން މިޑްފިލްޑަރު ޑެނީ އޮލްމޯގެ ފުޓުބޯޅަ ކެރިއަރު ފެށި ކްލަބް ކަމުގައިވާ ބާސާއަށް ބަދަލުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޮލްމޯ ގަންނަން ބާސެލޯނާ އިން ވަނީ ނިންމާފަ އެވެ.

ލައިޕްޒިގްގެ މިޑްފީލްޑަރު އޮލްމޯ ބާސާއާ ގުޅެން ބޭނުންވާކަން މީގެކުރިންވެސް އޮތީ ބުނެފަ އެވެ. އެކަމަކު އޮލްމޯ ގަންނަން ބާސާއިން ނިންމީ، އެ ކްލަބުން އޭނާގެ އެޖެންޓާއި ލައިޕްޒިގްއާއެކު މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެވެ.

އުމުރުން 26 އަހަރުގެ އޮލްމޯ ބާސާއާ ގުޅޭނީ 62 މިލިއަން ޔޫރޯގެ އަގެއްގަ އެވެ. އަދި ކްލަބާއި އޭނާއާ ދެމެދު އެއްބަސްވެވިފައިވަނީ 2030 ވަނަ އަހަރުގެ ޖޫންއާ ހަމައަށް ކޮންޓްރެކްޓް އެކުލަވާލުމަށެވެ.

މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނިގޮތުގައި، އޮލްމޯ މިހާރު ދަނީ އޭނާގެ އެޖެންޓާއެކު ޖަރުމަނުން ސްޕެއިންގެ ބާސެލޯނާއަށް ދަތުރުކުރަމުންނެވެ.

މިއީ މި ޓްރާންސްފާ ވިންޑޯގައި ބާސާއަށް ގެންނަން ނިންމި ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާގެ އިތުރުން އެހެންވެސް ބައެއް މުހިއްމު ޓްރާންސްފާތައް ހެދުމަށްޓަކައި، މިހާރު ތިބި ބައެއް ކުޅުންތެރިން ވިއްކާލަން އެ ކްލަބުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބާސާއިން ދަނީ އެތުލެޓިކް ކްލަބަށް ކުޅެމުން އަންނަ 22 އަހަރުގެ ޒުވާން ފޯވާޑް ނިކޯ ވިލިއަމްސް ގަތުމަށްވެސް މަސައްކަތް ކުރަމުންނެވެ. އަދި ބާސާއިން މިހާރު މަޑުކުރަނީ ވިލިއަމްސްގެ ޖަވާބަކަށް ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފައިވެ އެވެ.