މީހުން މެރުން

ގެއަކަށް ވަދެ ފޭރުނު މީހަކީ މަރުގެ މައްސަލައެއްގައި ދައުވާ އުފުލާފައިވާ މީހެއް

Aug 9, 2024

ނިމުނު ހަފްތާގެ ތެރޭގައި މާލޭގެ އެޕާޓްމަންޓަކަށް ވަދެ ފޭރުނު މީހަކީ، މަރުގެ މައްސަލައެއްގައި ކުރިން ދައުވާ އުފުލާފައިވާ މީހެއްކަން އެނގިއްޖެ އެވެ.

މާލޭގެ ގެއަކަށް ވަދެ، 26،960 ރުފިޔާ ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ދިންމަނަ، އަބްދުﷲ ތިލްމީޒު އެވެ.

އޭނާގެ ބަންދަށް 60 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާއިރު، އޭނާއަކީ 2012 ވަނަ އަހަރު އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ވެސްޓް ޕާކް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މ. ފެއަރީކޯނާ، އަލީ ޝިފާން (ތޮޅިޕެލޭ) މަރާލި މައްސަލާގައި ދައުވާކުރި އެކަކެވެ.

ތިލްމީޒް ހިމެނޭހެން ދައުލަތުން 2013 ވަނަ އަހަރު، ޝިފާނަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ތުހުމަތުގައި ހަ މީހަކަށް ދައުވާ ކުރި އެވެ.

ދަށު ކޯޓުން އެ އެންމެން ސަލާމަތްވި ނަމަވެސް ހައިކޯޓުން އެކަކު މަރަން ހުކުމް ކުރި އެވެ. ދައުލަތުން ތިލްމީޒުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ރިކޯޑްތައް ދައްކާ ގޮތުން އޭނާގެ މައްޗަށް ހައިކޯޓުންވެސް ކުށް ސާބިތު ނުވި އެވެ.

މާލޭގައި މިހާރު ފޭރުމުގެ މައްސަލަތައް ގިނަވަމުންދާއިރު މިފަދަ މައްސަލަތަކުގައި ކުށުގެ ރެކޯޑް އޮންނަ މީހުން ބައިވެރިވާ ނިސްބަތް އިތުރެވެ.