މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމަށްޓަކައި އަޅާ ފިޔަވަޅު ތަކަކީ ބައެއްގެ ހައްގުތައް ނިގުޅައި ގަތުން ކަމަށް ދެކެވޭ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އިހްސާނު މިހެން ވިދާޅުވީ "ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރަން ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން ވިދާޅުވީ މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓޭނީ މުޖުތަމައުގައި އުޅޭ މީހުންގެ ވިސްނުމަށް ބޮޑު ބަދަލެއް ގެނެސްގެން ކަމަށެވެ. އެގޮތުން ގައުމަށް އަންނަމުންދާ ތަރައްގީއާ އެއްވަރަށް އިންސާނުންގެ ސިކުނޑި ތަރައްގީ ވެގެން ނޫނީ ގައުމުގައި ހުރި މައްސަލަތައް ހައްލުކުރަން ދަތިވާނެ ކަމަށް ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ގާނޫނުތައް ތަންފީޒު ނުކޮށް މީގެކުރިން ދޫކޮށްލާފައިވާތީ އެކަމުން ފައިދާތަކެއް ނެގި ބަޔަކު އުޅޭ ކަމަށާއި ނަމަވެސް ގާނޫނުތައް ތަންފީޒުކުރަން ފެށުމުން އެފަދަ މީހުންނަށް އުނދަގޫތައް ކުރިމަތިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގާނޫނު ތަންފީޒުކޮށް، ކަންކަން ހައްލުކުރަން އަޅާ ފިޔަވަޅަކީ ބައެއްގެ ހައްގުތައް ނިގުޅައިގަތުން ކަމަށް ދެކޭ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށެވެ. ގާނޫނު މުގުރާ މީހުންގެ ހައްގު ހޯދައިދޭން ކަމަށް ބުނެ އަޅާ ބައެއް ފިޔަވަޅުތަކާ ގުޅިގެން މުޖުތަމައުގެ ކަންކަން ގޯހުން ގޯހަށްދާ މަންޒަރު ފެނިފައިވާ ކަމަށްވެެސް ވިދާޅުވި އެވެ.
"އުސޫލުގެ ދަށުން ފުލުހުން ފިޔަވަޅު އެޅީމަ އެއީ ހައްގު ނިގުޅައިގަނެވުނީ ކަމަށް ދެކޭ މީހުން އެބަތިބި. ގާނޫނު ނަގަހައްޓާނަމަ ކޮންމެވެސް ވަރެއްގެ ދަތިކަމެއް އަންނާނެ. ނަމަވެސް މީހަކު ގާނޫނާއި ގަވައިދާ ހިލާފުވީމަ ފިޔަވަޅު އަޅަނީ. އުސޫލުން ފިޔަވަޅު ނޭޅި އިސްލާހެއްވެސް ނުވާނެ،" އިހްސާން ވިދާޅުވި އެވެ.
ރައްކާ ރޯޑް ސޭފްޓީ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަކުރަން ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް އެވެ.