މަންމައަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކ. ގުރައިދޫއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަށްކުރާ ތުހުމަތުތަކުގެ ތެރޭގައި މާރާމާރީ އަދި ގެވެށި އަނިޔާ ހިމެނެ އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖެހީ އިއްޔެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ މަންމައަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވެ އެވެ. އަދި ހުށަހަޅާފައިވާ ބަޔާންތަކުންވެސް އޭނާ މަންމައަށް އަނިޔާދިން ކަމަށް ބެލެވޭ ކަމަށް އަމުރުގައިވެ އެވެ.
އޭނާ ބަންދުކުރީ ކުށުގެ އަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު ތަކުރާރުކޮށް މި އަމަލު ކޮށްފާނެ ކަމަށް ބެލެވޭފަދަ ކަންތައްތަކެއް ހުރުމުންނާއި މައްސަލައިގައި ހެކިބަސްދޭން ހުރި މަންމައަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ބެލެވޭތީ ކަމަށް ކޯޓު އަމުރުގައިވެ އެވެ.