ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ފޮރިން އިންވެސްޓްމަންޓްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ބިލް މަޖިލީހަށް ތައާރަފް ކުރުމެވެ.
މި ބިލްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖެއަށް ފޮރިން ކެޕިޓަލާއި ޓެކްނޮލޮޖީ އާއި އިލްމާއި ހުނަރު ގެނައުމަށް ފަހި މާހައުލެއް އުފައްދައި ރާއްޖޭގެ އިގުތިސާދު ތަރައްގީކުރަން އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.
އެގޮތުން ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އެ ދާއިރާތަކުގައި އިންވެސްޓްކުރެވޭނެ ޝަރުތުތައް ކަނޑައެޅުމާއި އިންވެސްޓްކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުތުތައް ކަނޑައެޅުން ހިމެނެ އެވެ.
ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްނުކުރެވޭނެ ދާއިރާތަކެއް ފޮރިން އިންވެސްޓްމަންޓާ ގުޅޭ ސިޔާސަތު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންވާނެ ކަމަށް މި ބިލްގައި ބުނެފައިވެ އެވެ.
އެ ދާއިރާތައް ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން ބިލްގައި ހިމަނާފައިވާއިރު އެ ދާއިރާތައް ކަނޑައަޅަންވާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ކަމަށް ބިލްގައިވެ އެވެ.
އޭގެ ތެރޭގައި ވަކި ސިނާއަތެއް ނުވަތަ ދާއިރާއެއްގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުޅުވާލުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރާއި ސިނާއަތުގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި އެ ސިނާއަތެއްގައި ދިވެހި ވިޔަފާރިތައް ތަރައްގީވެފައިވާ މިންވަރު ހިމެނެ އެވެ.
ބިލްގައިވާ ގޮތުން އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެއްގޮތަކަށްވެސް އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި ވަކި ޝަރުތުތަކެއް ފުރިހަމަވެގެން ނޫނީ އިންވެސްޓްނުކުރެވޭނެ ދާއިރާތަކަށް މި ބިލްގައި މިނިސްޓަރު ކަނޑައަޅާ ދާއިރާތައް ނޫން ދާއިރާތަކަށް ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ އެވެ.