ކްރިމިނަލް ކޯޓް

ކުޑަކަމުދާތަކެތި ނުދިނުމުން އެއް އަހަރަށް ޖަލަށް

މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތު ކުރެވޭ މީހަކު ތަހުގީގަށް ބޭނުންވާ ކުޑަކަމުދާތަކެތި ނުދިނުމުން އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރިކަމަށް އިންކާރުކޮށް، ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުން އެދިފައި ނުވަ ކަމަށް ބުނެފަ އެވެ.

މި މައްސަލައިގައި އެއް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ސ. ހިތަދޫ، ޔެލޯވިލާ އަދުނާނެވެ.

މި ދައުވާ އަދުނާނުގެ މައްޗަށް ދައުލަތުން އުފުލުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަން ސާބިތުކުރުމަށް ދެ ފުލުހަކު ވަނީ ހެކިބަސް ދީފަ އެވެ. އަދި އިތުރު ހަތަރު ފުލުހަކު ވަނީ އޭނާ ކުޑަކަމުދާ ތަކެތި ނުދިންކަން ސާބިތުކުރުމަށް ހެކިބަސް ދީފަ އެެވެ.

އެހެންވެ ޝަރީއަތުން މައްސަލަ ނިންމީ ހެކިން ހެކިބަހަށް ބަލައިގެންނެވެ.