ހަބަރު

ވޯލްޑް ކިޑްނީ ޑޭ ފާހަގަކުރަން މާދަމާ ހިނގާލުމެއް ބާއްވަނީ

ދުނިޔޭގެ ކިޑްނީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކިޑްނީއަށް ޖެހޭ ބަލިތަކަށް އާންމުންނާއި ކުޑަކުދިން ހޭލުންތެރިކުރުމުގެ ގޮތުން މެޑިކަލް އެސޯސިއޭޝަނާއި އައިޖީއެމްއެޗް އަދި އޭޑީކޭ ގުޅިގެން މާދަމާ ހެނދުނު ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

ދުނިޔޭގެ ކިޑްނީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ 10 ވަނަ ދުވަހު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މިއަހަރުގެ ޝީއާރަކީ "ކުޑަކުދިންނާއި ކިޑްނީ ބަލި" އެވެ.

މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން ކިޑްނީ ބަލިތަކަށް ހާއްސަ ޑޮކްޓަރު އިބްރާހިމް ޝިހާމް ވިދާޅުވީ، މާދަމާގެ ހިނގާލުމަކީ ކިޑްނީ ބަލިތަކަށް އާންމުންނާއި ބެލެނިވެރިން އަދި ކުޑަކުދިން ހޭލުންތެރިކުރުމަށް ބާއްވާ ހިނގާލުމެއް ކަމަށެވެ. އެ ހިނގާލުމުގައި ކިޑްނީ އަށް ދިމާވާ މައްސަލަތަކާ ބެހޭގޮތުން މައުލޫމާތު ދޭނެ ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ކުޑަކުދިންނާއި އާންމުންނަށް ހިނގާލުމުގައި ބައިވެރވުމަށް ދައުވަތު ދެއްވާ ކަމަށް ވިދާޅުވި އެވެ.

ކިޑްނީ ދުވަސް ފާހަގަކުރުމަށް މާދަމާ ބާއްވާ ހިނގާލުން ފެށޭނީ ހެނދުނު 6:30 ގައި ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ. އެ ހިނގާލުމުގައި މާލޭގައި ތިބި ގިނަ އަދަދެއްގެ ކިޑްނީގެ ޑޮކްޓަރުންނާއި ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން ހޮސްޕިޓަލްތަކުގެ ބޭފުޅުންނާއި ނަރުހުން ބައިވެރިވާނެ އެވެ.

ޑރ. ޝިހާމް ވިދާޅުވީ ކިޑްނީ ދުވަހަށް ކުޑަކުދިންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް މިއަދު ވެސް އައިޖީއެމްއެޗުގައި މައުލޫމާތު ސެޝަންތަކެއް ބާއްވާނެ ކަމަށެވެ. އެ ސެޝަންތައް މިއަދު ހަވީރު ހަތަރަކުން ފެށިގެން ވެސް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ކިޑްނީ ބަލިތަކަށް ޑޮކްޓަރުން މިހާރަށް ވުރެ ބޮޑަށް އަހުލުވެރި ކުރުމަށް މާދަމާ ރޭ ޑޮކްޓަރުންނަށް ވެސް ހާއްސަ މައުލޫމާތު ސެޝަނެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.