ހަބަރު

ބައިކް މޯލްޑިވްސްއިން ހޮނިހިރު ދުވަހު ބައިސްކަލު ބުރެއް ބާއްވަނީ

ބައިކް މޯލްޑިވްސްގެ ހަރަކާތްތަކަށް އަހަރެއް ފުރުމާއި ގުޅިގެން އަންނަ ހޮނިހިރު ދުވަހު މާލޭގައި ބައިސްކަލް ބުރެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ ތިމާވެށްޓާއި ޒުވާނުންގެ ދުޅަހެޔޮކަމާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ބައިކް މޯލްޑިވްސްއިން މި ހަރަކާތް ބާއްވަން ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ން 6:00 ށެވެ. މި ހަރަކާތް ފަށާނީ ރަސްފަންނު ބީޗުން ކަމަށް ބައިކް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.

ބައިކް މޯލްޑިވްސް އިން ބުނީ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެ ރޭ 8:30 ގައި ހިރިޔާ ސްކޫލުގައި ފަރިއްކޮޅެއް ބާއްވަން ވެސް ހަމަޖެހިފައިވާ ކަމަށާއި އެ ފަރިއްކޮޅު ހިނގަމުންދާއިރު ބައިކް މޯލްޑިވްސްއިން ފޮޓޯ މައުރަޒެއްވެސް ކުރިޔަށް ދާނެ ކަމަށެވެ. މީގެ އިތުރުން އެދުވަހާއި ގުޅުވައިގެން ހާއްސަ ލަވައެއް ނެރެން ވެސް ވަނީ ހަމަޖެހިފަ އެވެ.

ބައިކް މޯލްޑިވްސް އިން ބުނި ގޮތުގައި ފަރިއްކޮޅުގެ ޓިކެޓެއް 100 ރުފިޔާއަށް ލިބޭއިރު ޓިކެޓް ވިއްކަން ހުންނާނީ "ކީބޫޓް" އިން ނެވެ.