އިލެކްޝަންސް ކޮމިޝަން

އައިލެންޑް އޭވިއޭޝަނުން އިލެކްޝަންސްއަށް ދޭންޖެހޭ މިލިއަނެއްހާ ރުފިޔާ އަދިވެސް ނުލިބޭ

އައިލެންޑް އޭވިއޭޝަނުން އިލެކްޝަންސް ކޮމިޝަނަށް އަނބުރާ ދޭން ޖެހޭ މިލިއަނެއްހާ ރުފިޔާގެ މައްސަލަ އޮޑިޓާ ޖެނެރަލް ފެންމަތި ކުރައްވައިފި އެވެ.

މީގެ ދެ އަހަރު ކުރިން 2022 ވަނަ އަހަރުގެ އިލެކްޝަންސް ކޮމިޝަންގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އިލެކްޝަންސް ކޮމިޝަނަށް ލިބެން ޖެހޭ 1،043،706 ރުފިޔާގެ ގާތްގަނޑަކަށް 80 އިންސައްތައަކީ، އައިލެންޑް އޭވިއޭޝަނުން އިލެކްޝަންސް ކޮމިޝަނަށް އަނބުރާ ރައްދުކުރަން ޖެހި އެހެންނަމަވެސް ރައްދު ނުކޮށް ހުރި ފައިސާ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އައިލެންޑް އޭވިއޭޝަނުން އިލެކްޝަނަށް ދޭން ޖެހޭ ފައިސާގެ އަދަދކީ، 875,989 ރުފިޔާ އެވެ. މީގެ ތެރެއިން 11،298 ރުފިޔާއަކީ 2020 ވަނަ އަހަރު އިލެކްޝަންސް އިން ނަގާފައިވާ ޓިކެޓްތަކުގެ ތެރެއިން ރިފަންޑް ދޭން ޖެހޭ އަދަދެވެ. ބާކީ 864،700 އަކީ 2017 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރު ފިޔަވައި، 2022 ވަނަ އަހަރުގެ ނިޔަލަށް ނަގާފައިވާ ޓިކެޓްތަކުގެ ރިފަންޑުގެ ގޮތުގައި ދޭން ޖެހޭ ފައިސާ އެވެ.

މި ފައިސާ ހޯދުމަށް އައިލެންޑް އޭވިއޭޝަނަށް ހުށަހަޅަން ޖެހޭ ރިފަންޑް ފޯމް ހުށަހަޅާފައިވީ ނަމަވެސް މި ފައިސާ ހޯދުމަށް އިލެކްޝަންސް އިން އިތުރު އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފަ އެވެ. އަދި މި ފައިސާއަކީ ނުލިބޭނެ ފައިސާއެއް ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މިގޮތަށް ފައިސާ ނުލިބޭނެ ކަމަށް ނިންމަން ވާނީ ފިނޭންސުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވިޔަސް މިކަމުގައި ފިނޭންސާއެކު މަޝްވަރާކޮށްފައިވީ ނަމަވެސް މިކަމުގައި އަމަލުކުރަންވީ ގޮތެއް ފިނޭންސުން ނާންގަނީސް އިލެކްޝަނުން ގޮތެއް ނިންމާފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އިލެކްޝަނަށް ލިބެން ޖެހި ނުލިބި އޮތް މިލިއަނެއްހާ ރުފިޔާގެ ފައިސާގެ ތެރޭގައި ދެން ހިމެނެނީ ލޯކަލް ކައުންސިލްތަކުން ލިބެން ޖެހޭ ފައިސާ އެވެ. މިގޮތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 167،708 ރުފިޔާ އެވެ. ލޯކަލް ކައުންސިލްތަކުން ދޭން ޖެހޭ ފައިސާގެ ގޮތުގައި މި އަދަދު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި އޮތް ނަމަވެސް އެއީ ކޮންކޮން ކައުންސިލްތަކެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.