އިލެކްޝަނުން 2014 ވަނަ އަހަރު ބޭއްވި އިންތިހާބުތަކުގައި އިންތިހާބީ އޮފިޝަލުންނަށް ދޫކުރި ދިރާގު އަދި އުރީދޫ ޕޯސްޓް ޕެއިޑް ސިމްތަކުން މޯބައިލް ޑޭޓާ އަދި މޯބައިލް އިންޓަނެޓް ގިނަ އަދަދަކަށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އެ އޮފީހުން، އިލެކްޝަންސް ކޮމިޝަން އޮޑިޓްކޮށް އެކުލަވައިލި އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން އިލްކްޝަންސް ކޮމިޝަނުން އިންތިހާބުތަކާ ގުޅިގެން ހޯދި ސިމްތަކުގެ ތެރެއިން 11 ސިމް ޑީއެކްޓިވޭޓް ކުރަން 2014 ވަނަ އަހަރުގެ މާޗް މަހުގެ ފަސްވަނަ ދުވަހު ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން މެއިންޓެނަންސް އެންޑް ޕްރޮކިއުމަންޓް ސެކްޝަނަށް ނޯޓެއް ފޮނުވާފައިވާ ކަމަށެވެ.
"ނަމަވެސް އެ ނޯޓާއެކު ފޮނުވި ސިމް ނަންބަރުތަކުގެ ތެރެއިން ބައެއް ނަންބަރުތައް ޑިއެކްޓިވޭޓްކޮށްފައި ނުވުމުގެ ސަބަބުން 2014 އެޕްރީލް މަހުގެ ނިޔަލަށް އެދި ބައެއް ނަންބަރުތަކަށް 2014 މެއި މަހުގެ ނިޔަލަށް ބިލް ލިބި ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި މޯބައިލް ނަންބަރު 9800144 އަށް 2014 އޮކްޓޯބަރު މަހުގެ ނިޔަލަށް ބިލް ލިބި ފައިސާ ދައްކާފައިވާކަން ފާހަގަކުރެވުނު ކަމަށާއި މީގެ ސަބަބުން ދައުލަތުގެ ބަޖެޓުން ހިނގަން ނުޖެހޭ ހަރަދެއް ހިނގާފައިވެއެވެ." އޮޑިޓް ރިޕޯޓްގައިވެއެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ އެކި މަސައްކަތްތަކާ ގުޅިގެން ހޯދުނު ބައެއް ޕޯސްޓްޕެއިޑް ސިމްތަކުން އެކި ނަންބަރުތަކަށް ކްރެޑިޓް ޓްރާންސްފާ ކޮށްފައިވެ އެވެ. އަދި ކްރެޑިޓް ފޮނުވާފައިވާ ނަންބަރުތަކަކީ އިލެކްޝަންސް ކޮމިޝަންގެ ނަމުގައި ހުރި ނަންބަރުތަކެއް ނޫން ކަމުން ރީޗާޖް ކޮށްފައިވަނީ ކޮމިޝަންގެ މަސައްކަތަކާ ގުޅިގެން ނޫން ކަމަށްވުން އެކަށީގެންވެ އެވެ. އަދި އޭގެ ސަބަބުން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް މަގުފަހިވެފައިވާކަން ފާހަގަ ވެއެވެ.
"އަދި އިންތިހާބުތަކާ ގުޅިގެން ހޯދުނު ބައެއް ޕޯސްޓްޕެއިޑް ސިމްތަކުން މޯބައިލް ޑޭޓާގެ އިތުރުން މޯބައިލް އިންޓަނެޓް ގިނަ އަދަކަށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ އއ. އަތޮޅު ޔުނިޓްގައި ބޭނުންކޮށްފައިވާ ސިމް ނަންބަރު 9642097 އިން ގިނަ އަދަދަކަށް މޯބައިލް ޑޭޓާގެ އިތުރުން މޯބައިލް އިންޓަނެޓް ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނެވެ." އޮޑިޓް ރިޕޯޓްގައިވެއެވެ.
މިކަމުގެ ސަބަބުން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެވިފައިވާ ކަމާއި ދައުލަތުގެ ބަޖެޓުން ހިނގަން ނުޖެހޭ ހަރަދެއް ހިނގާފައިވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައިވާއިރު މިކަމުގައި އިހުމާލުވާ ފަރާތްތއް ޖަވާބުދާރީ ކުރުވުމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
ދެހާސް ސާދަވަނަ އަހަރު ބާއްވާފައި ވަނީ ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބެވެ.