ޑިފެންސް މިނިސްޓްރީ

ސަފޫރާ، ޑިފެންސް މިނިސްޓްރީއަށް ބަދަލުކުރައްވައިފި

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ސަފޫރާ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރައްވައިފި އެވެ.

މިބަދަލު ގެނައީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށް އަވަސްއަށް އެނގިފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސަފޫރާ ވަކިކޮށް ޑިފެންސް މިނިސްޓްރީއަށް ބަދަލުކުރި ވަކި ދުވަހެއް އަދި މިބަދަލު ގެނައި ވަކި ސަބަބެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

އެކަމަކު އަވަސްއަށް އެނގިފައިވާ ގޮތުގައި ތައުލީމީ ދާއިރާގެ ބައެއް ނިންމުންތަކުގައި ސަފޫރާއާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުގެ ހިޔާލުތަފާތުވުންތަކެއް ހުރުމަކީ މިބަދަލު ގެނައި އެއް ސަބަބެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިދިޔަ ޑިސެމްބަރު ދެވަނަ ހަފްތާގެ ތެރޭގައި ސަފޫރާ އައްޔަންކުރެއްވީ ސީއެޗްއެސްއީގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.

ސޮފޫރާ އަކީ ތައުލީމީ ދާއިރާ އިން ކިޔަވާ ވިދާޅުވުމަށްފަހު އެ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެކުރިން މަޖީދިއްޔާ ސްކޫލުގައިވެސް މަސައްކަތް ކުރައްވާފައިވާ ސޮފޫރާ ވަނީ ސައިންސްގެ ދާއިރާއިން ބެންގަލޫރު ޔުނިވާސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެމެރިކާގެ އޮހިއޯ ސްޓޭޓް ޔުނިވާސިޓީގައި އާޓް އިން މެތްސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފަ އެވެ. އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މައި ކޮލެޖުގައިވެސް މާސްޓާސް ހާސިލްކުރައްވާފައިވެ އެވެ.

ޑިފެންސް މިނިސްޓްރީގައި ސޮފޫރާގެ އިތުރުން އެހެން ބޭފުޅަކު ވެސް ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނަވަ އެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރައިގެ ގޮތުގައި 32،000 ރުފިޔާއާއި އެލަވަންސްތަކާ އެކު މަހަކު 47،000 ރުފިޔާ ލިބެ އެވެ.