މިނިސްޓްރީ އޮފް އެޑިއުކޭޝަން

"ފުރަތަމަ އެހީ" އަށް 250 ޓީޗަރުން ތަމްރީނުކުރަން އެއްބަސްވެއްޖެ

އެމްއެންޑީއެފް އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހިންގާ "ޓީޗާސް ފަސްޓް އެއިޑް" ޕްރޮގްރާމުގައި މިއަހަރު 250 ޓީޗަރުން ތަމްރީނު ކުރަން ދެ މިނިސްޓްރީން މިއަދު އެއްބަސްވެއްޖެ އެވެ.

މިދިޔަ އަހަރު އެމްއެންޑީއެފުން ހިންގި ފަސްޓް އެއިޑް ޕްރޮގްރާމުގައި ބައިވެރިވެ ކޯސް ފުރިހަމަކުރި 21 ޓީޗަރަކަށް ސެޓްފިކެޓް ދިނުމަށް އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ، އެ ޕްރޮގްރާމް ކުރިއަށްވުރެ ފުޅާކޮށް ހިންގުމަށް ކުރިއަށް އޮތް ދެއަހަރަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ސްކޫލްތަކުގައި މަސައްކަތްކުރާ 250 ހެލްތު ސުޕަވައިޒަރުން ތަމްރީން ކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީން ކުރުމަށް 2014 ވަނަ އަހަރު އެކުލަވައިލި އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އެ އެއްބަސްވުމުގެ މުއްދަތުވެސް 2016 ވަނަ އަހަރަށް އިތުރުކޮށްފަ އެވެ. އަދި އެ މަސައްކަތް ހުރިހާ ރަށެއްގައި އެއްގޮތަކަށް ކުރިއަށްގެންދިޔުމުގެ ގޮތުން ގައިޑްލައިނެއް ވެސް ނެރެފަ އެވެ.

ސްކޫލް ކުދިންގެ ހެލްތު ސްކްރީނިން ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިނެއް ނެރުނީ، މާލެއާ ބައެއް ރަށްރަށުގައި ކުދިން ޓެސްޓް ކުރުމުގައި ބައެއް ތަފާތު ހުންނާތީ އެ ތަފާތު ކުޑަކޮށް، ހުރިހާ ރަށެއްގެ ސްކޫލްތަކެއްގައި ވެސް ޕްރޮގްރާމް އެއް ފެންވަރަކަށް ކުރިއަށް ގެންދިއުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ސްކޫލްތަކުގައި އަލަށް ގްރޭޑް އެކަކަށް ވަންނަ ކުދިންގެ ސިއްހީ ފެންވަރު ދެނެގަތުމަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް، އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އެމްއެންޑީއެފް ގުޅިގެން ފެށީ 2014 ވަނަ އަހަރު އެވެ. އެ ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ ދެ އަހަރު މުޅި ރާއްޖެއިން 4000 އެއްހައި ކުދިން ވަނީ ޓެސްޓުކޮށްފަ އެވެ.