އުރީދޫ

އުރީދޫ ނޭޝަނުން އޮފީސްތަކަށް ބޭއްވި އީސްޕޯޓްސް މުބާރާތް ނިންމާލައިފި

އުރީދޫ ނޭޝަންގެ ފުރަތަމަ އިންޓަ އޮފީސް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިއުނިޓީގެ ތެރޭގައި މަގުބޫލު ތިން ގޭމު ކަމަށްވާ ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް އަދި އީއޭއެފްސީ ހިމަނައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އޮފީސްތަކަކުން ބައިވެރިވި އެވެ.

މިމަހުގެ 13 އިން 18 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 33 އޮފީހަކުން ބައިވެރިވި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި މުބާރާތަކީ ޓީމް ސްޕިރިޓާއި ރަހްމަތްތެރިކަމާއި ވާދަވެރިކަން އިތުރުކޮށް، އީ-ސްޕޯޓްސް ކޮމިއުނިޓީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހާއްސަ ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތް ކުރި މުބާރާތެއް ކަމަށެވެ.

އީ-ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ހިމެނޭ ޕަބްޖީ މޮބައިލް މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހެޅި 10،000 ރުފިޔާ ކާމިޔާބު ކުރީ ބީއެމްއެލްގެ ޓީމެވެ. ރަނަރަޕަށް ހުށަހެޅި 6،000 ރުފިޔާ ކާމިޔާބު ކުރީ އީއެމް އެންޓްރަޕްރިޒަސް އެވެ. މުބާރާތުގެ ތިންވަނައަށް ހުށަހެޅި 3،000 ރުފިޔާ ކާމިޔާބުކުރީ މި ކަސްޓަމްސްގެ ޓީމުންނެވެ. ޕަބްޖީ އެމްވީޕީގެ ޓައިޓަލް ހޯދައި 1،000 ރުފިޔާ ހާސިލްކުރީ އީއެމް އެންޓަ ޕްރައިޒަސްގެ އަހްމަދު އިކްރާމް އެވެ.

އީ-ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ހިމެނޭ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހެޅި 4،500 ރުފިޔާ ކާމިޔާބު ކުރީ މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސް އެވެ. ރަނަރަޕަށް ހުށަހެޅި 3،000 ރުފިޔާ ކާމިޔާބުކުރީ ބީއެމްއެލްގެ ޓީމެވެ. މި މުބާރާތުގެ ތިންވަނަ އަށް ހުށަހެޅި 1،500 ރުފިޔާ ކާމިޔާބު ކުރީ އެމްއޭސީއެލްގެ ޓީމު 2 އެވެ. މި މުބާރާތުގެ އެމްވީޕީގެ ޓައިޓަލް ހޯދައި 1،000 ރުފިޔާ ކާމިޔާބު ކުރީ މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސަސްގެ އައިމަން ރަޝީދެވެ.

އީ-ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ހިމެނޭ އީއޭއެފްސީގެ ޗެމްޕިއަން ޓީމަށް ހުށަހެޅި 10،000 ރުފިޔާ ކާމިޔާބު ކުރީ ކޭ އެންޑް އެފް ހޯލްޑިންގްސްގެ ޖަނާން މުހައްމަދެވެ. ދެވަނައަށް ހުށަހެޅި 6،000 ރުފިޔާ ކާމިޔާބު ކުރީ ބީއެމްއެލްގެ އިސްމާއިލް ނަޝާއު އެވެ. އަދި ތިންވަނައަށް ހުށަހެޅީ 3،000 ރުފިޔާ ހާސިލް ކުރީ މީރާ ޓީމުގެ ޖައިލަމް މުހައްމަދެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް ފައިސާގެ އިނާމުތައް ހަވާލުކުރީ މިމަހުގެ 17 ވަނަ ދުވަހު އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.