ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫ ޕްރޮމޯޓު ކުރުމަށް އެންމެ ރަނގަޅު އެއް މަންޒިލަކީ އިނގިރޭސިވިލާތް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ޑެސްޓިނޭޝަން އައްޑޫ-ސަމިޓްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، އައްޑޫއަކީ ތާރީހީ ގޮތުން އިނގިރޭސިވިލާތާ ގުޅުން އޮތް ގައުމެއް ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެ ގައުމުގައި އައްޑޫ ޕްރޮމޯޓްކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އައްޑޫގައި އިނގިރޭސިން ހަދާފައިވާ އިމާރާތްތައް އަލުން މަރާމާތުކުރަން ނިންމާފައިވާ ކަމަށެވެ. އިނގިރޭސިވިލާތުގައި ބާއްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި އައްޑޫ ސިޓީ ކައުންސިލުން ބައިވެރިވުމަކީ އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް ރަނގަޅު ފައިދާތަކެއް ކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޝަންގްރިއްލާ ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނައުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއްވެސް ކުރަމުންދާ ކަމަށެވެ.
"ޝަންގްރިއްލާ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން އެ ރިސޯޓްގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ކަމާ ބެހޭ އެއްބަސްވުމެއްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ސޮއިވެސް ކޮށްފައި،" ފައިސަލް ވިދާޅުވި އެވެ.
އައްޑޫގެ ޓޫރިޒަމް ހިންގާނެ ގޮތުގެ ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
އެ ސަމިޓްގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ ސިޓީގައި ނުހިންގޭ ޓޫރިޒަމެއް އެހެން ތަނެއްގައި ވަކި ނުހިންގޭނެ ކަމަށެވެ. ސަބަބަކީ އައްޑޫ ހިމެނޭ ސަރަހައްދަކީ އަމިއްލަވަންތަ ސިފަތަކެއްގެ އިތުރުން އިންސާނީ ވަސީލަތްތައްވެސް އެންމެ ގިނަ އެއް ސަރަހައްދު ކަމުގައިވާތީ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އއ. ތޮއްޑޫ ފަދަ ރަށްތަކެކޭ އެއްގޮތަށް އައްޑޫ ސިޓީގެ ވިޔަފާރިވެރިންވެސް އެ ސިޓީގައި ފަތުރުވެރި ކަމަށް އިންވެސްޓް ކޮށްދިނުމަށްވެސް މޭޔަރު އެދިވަޑައިގެންނެވި އެވެ.