ހަބަރު

އިންޑިއާއަށް ގޮސް ދެއްކީ ދީނީ ވާހަކަ: މައުމޫން

  • އެމްޑީޕީއާއެކު މަޝްވަރާކުރާ ވާހަކައެއް ވިދާޅެއް ނުވޭ
  • ނަޝީދު ހުކުމް ތަންފީޒުކުރައްވަން ޖެހޭ ކަމަށް ވިދާޅުވި
  • އިންޑިއާއަށް ވަޑައިގަތީ އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ދައްކާތީ

އިންޑިއާއަށް ވަޑައިގެންނެވީ ދީނީ ތަގުރީރެއް ދެއްވަން ކަމަށާއި އެމްޑީޕީއާއި އެކު ސަރުކާރުން މަޝްވަރާ ފެށި ވާހަކައެއް ވިދާޅު ނުވާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނިއުދެއްލީގައި އިސްލާމް ދީނާއި ބެހޭ ތަގުރީރެއް ކުރެއްވުމަށް ވަޑައިގެންނެވި ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ މައުމޫން ވިދާޅުވީ، ތަގުރީރު ކުރެއްވުމަށްފަހު އިންޑިއާގެ ނޫސްވެރިންނަށް އެމަނިކުފާނު ވިދާޅުނުވާ ބައެއް ވާހަކަ އިންޑިއާގެ ނޫސްތަކުގައި ހުއްޓާ ފެނިވަޑައިގަތް ކަމަށެވެ. އެމްޑީޕީއާ އެކު ސަރުކާރުން މަޝްވަރާކުރަން ފަށައިފި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ނަމަވެސް މަޝްވަރާތައް ފެށުނު ވާހަކައެއް ވިދާޅު ނުވާ ކަމަށެވެ.

"އަޅުގަނޑު ނުބުނަން މަޝްވަރާތައް ފަށައިގެން ކުރިއަށްދާ ވާހަކައެއް. އެކަމަކު ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި އަޅުގަނޑު ބުނިން، ރައީސް ނަޝީދުގެ ހުކުމަކީ ޖިނާއީ ކޯޓަކުން ކޮށްފައިވާ ހުކުމެއް ކަމަށް. އަދި އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ކުރީގެ ރައީސް ނަޝީދަށް އިއްވެވި ހުކުމް ތަންފީޒުކުރާނެ ތާއޭ. އަދި އަޅުގަނޑު ބުނިން މަޝްވަރާއަށް ސަރުކާރުން ދައުވަތު ދީފައިވާ ވާހަކައާއި ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި ބޭސްފަރުވާއަށް ވަޑައިގެން ހުންނެވި ވާހަކަ ވެސް،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާއަށް ވަޑައިގެންނެވީ އިސްލާމްދީނާ މެދު ސާބިތު ނުހިފޭ ވާހަކަ އެކި އެކި މީޑިއާތަކުގައި ދެކެވޭތީ، ދީނުގައި ކަންކަން އޮތްނެތް ގޮތާމެދު ވާހަކަފުޅު ދައްކަވަން އެމަނިކުފާނަށް ނިއުދެއްލީގެ ތިންކް ޓޭންކް، އޮބްޒާވަރ ރިސާޗް ފައުންޑޭޝަންގެ ފަރާތުން ލިބިވަޑައިގެންނެވި ދައުވަތަކަށް ކަމަށެވެ. އެ ތަގުރީރުގައި އެމަނިކުފާނު މުޅިންވެސް ދައްކަވާފައިވާނީ އިސްލާމް ދީނުގައި އެކި ކަންކަމުގައި ހުކުމް އޮތް ނެތް ގޮތުގެ މައްޗަށް ކަމަށާއި ހައްދު ފަހަނައަޅާފައިވާ ހިޔާލުތަކާއި އިސްލާމްދީނުގެ ފިކުރާއި ހުރި ތަފާތުތަކުގެ އިތުރަށް ހަމަ ނުޖެހުމަށް އިސްލާމްދީން މަނާ ކުރާ މިންވަރުގެ މައްޗަށް ކަމަށެވެ.

"އަޅުގަނޑު ވާނީ އެ ތަގުރީރުގައި އަޅުގަނޑަށް ވީ މިންވަރަކުން އިސްލާމްދީނުގައި ހަރުކަށި ހިޔާލުތަކަށް ތާއީދު ނުކުރާކަން ގުރުއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި ކިޔައިދީފަ،" މައުމޫން ވިދާޅުވި އެވެ.

ތިންކް ޓޭންކް، އޮބްޒާވަރ ރިސާޗް ފައުންޑޭޝަންގެ ދައުވަތަކަށް އިންޑިޔާގެ ނިއުދިއްލީ އަށް ވަޑައިގެން ރައީސް މައުމޫން ތަގުރީރުކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ.