ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުން ހުސައިން ޝަމީމް އިސްތިއުފާ ދެއްވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވަނިކޮށް ޝަމީމު އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ޝަމީމް މަގާމުން ވަކިކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގެ ރިޔާސަތުގައި އިންނެވި އަހްމަދު ނާޒިމު ފުރުސަތު ހުޅުވާލުމާ ގުޅިގެން ޝަމީމް މަގާމުން ވަކިކުރުމަށް 65 މެންބަރުން ވަނީ ތާއީދުކުރައްވާފަ އެވެ. ޝަމީމު މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ.
ޝަމީމު އިސްތިއުފާ ދެއްވާފައި ވަނިކޮށް މިރޭގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަނީ ކީއްވެގެންތޯ ނިޒާމީ މައްސަލައެއް ނަންގަވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު ވަނީ މަޖިލީހުގެ މިރޭގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް ނާޒިމްއާ ސުވާލުކުރައްވާފަ އެވެ.
ޖަވާބުގައި ނާޒިމު ވިދާޅުވީ ޝަމީމުގެ އިސްތިއުފާގެ ސިޓީ ލިބެންވާނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. ނަަމަވެސް މިރޭގެ މިހާތަނަށް ޝަމީމުގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ކަމަށް އެ އޮފީހުން މަޖިލީހުގެ އިދާރާއަށް އަންގާފައި ނުވާ ކަމަށެވެ.
ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ މިމަހުގެ 13 ވަނަ ދުވަހު އެންމެ ފުރަތަަމަ ހުށަހެޅީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމަކަށެވެ. މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ކޮމިޓީން އެ މައްސަލަ ފޮނުވީ މަޖިލީހުގެ ރިޔާސަތަށެވެ.
މަޖިލީހުގެ ތަޅުމަށް މިމަހުގެ 14 ވަނަ ދުވަހު މި މައްސަލަ ހުށަހެޅިއިރު ޕީޖީ ޝަމީމަށް ކުރެވޭ ގިނަ ތުހުމަތުތަކެއް މަޖިލީހުގެ ތަޅުމުގައި އަމީންއާންމު އެ ދުވަހު އިއްވެވި އެވެ.
ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ޝަމީމު އަމަލުކުރެއްވީ ޕީޖީގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައްވަންޖެހޭ ގޮތަކަށް ނޫން ކަމަށެވެ.
ޕީޖީ މަސައްކަތް ކުރަންވަންޖެހޭނީ އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ނުފޫޒަކާ ނުލައި، ހަމަހަމަކަމާއެކު ކަމަށާއި ނަމަވެސް ޕީޖީ އެގޮތަށް އަމަލުނުކުރައްވާފައި ނެތް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މަގާމުގައި ހުންނަވައިގެން މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުން ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވުމާއެކު އޭނާގެ މައްޗަށް ދައުވާކުރުމަށްފަހު ގާނޫނީ މާބޮޑު ސަބަބަކާ ނުލައި އެ މައްސަލަ ކޯޓުން އަނބުރާ ގެނެސް މައްސަލަ ފައިލް ކުރި މައްސަލަވެސް ފާހަގަކޮށްފަ އެވެ. މީގެއިތުރުން ކޮވިޑް 19ގެ ދުވަސްވަރު ވެންޓިލޭޓަރު ގަތުމުގެ ހިންގި ހިޔާނާތުގެ މައްސަލައާއި، ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާއާއި، ސަފާރީ ރޭޕް މައްސަލައިގެ އިތުރުން ށ. މިލަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ރިޒާގެ ކުންފުންޏާ ދެކޮޅަށް ހުރި މައްސަލަތަކުގައި ޕީޖީ ޝަމީމް ރަނގަޅަށް ޒިންމާ އަދާކުރައްވާފައި ނުވާކަންވެސް ފާހަގަކުރައްވާފަ އެވެ.
ޝަމީމްގެ ޕީޖީ ކަމުގައި ބަނގުރާ ބުއިމުގެ މައްސަލަތަކުގައި އަމަލުކުރައްވާފައިވާ ގޮތުން އެއީ ކުށެއް ނޫން ކަމަށް ބެލެވެން ފަށާފައިވާ ކަމަށާއި ބަނގުރާ ބުއިމާ ބެހޭ 71 މައްސަލައެއް ޝަމީމުގެ ޕީޖީ ކަމުގައި ކޯޓުތަކުން އަނބުރާ ގެނެސްފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އިންސްޓަގްރާމުގައި ބަނގުރާ ފުޅިއަކާއެކު ޝަމީމް ޕޯސްޓް ކުރުމާއި ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރެއް އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުކުރެވި، ރަސޫލާއަށް ފުރައްސާރަކުރަމުން ދިޔައިރު އެއްވެސް ފިޔަވަޅެއް ނާޅުއްވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް ޝަމީމް ހާއްސަ އިސްކަމެއް ދެއްވައިގެން ފާތުކުރުން ގެންގުޅުއްވާ ކަމަށްވެސް ތުހުމަތުކުރައްވާފަ އެވެ.