ބޭރު ކުޅިވަރު

ޑޯޓްމުންޑް އަތުން ބަލިވި ސަބަބު ބުނެދޭކަށް ނޭނގެ: ޓޮޓެންހަމް ކޯޗު

ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް އަތުން ރޭ ޔޫރޮޕާ ލީގުގައި ޓޮޓެންހަމް 3-0 އިން ބަލިވި ސަބަބު ކިޔައިދޭން ނޭނގޭ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ ބުނީ ޕެޓްރިކް އެމެރިކް އައުބަމިޔަންގގެ ގޯލަކާއި މާކޯ ރޮއިސްގެ ދެ ގޯލުން ބަލިވުމުން ކުއާޓާ ފައިނަލަށް ދާން ވަރަށް އުނދަގޫވީ ކަމަށެވެ.

"ދެން ވަރަށް އުނދަގޫވާނެ. މިއީ ގަބޫލު ކުރަންދަތި އަދި މިވީ ގޮތް ކިޔާދޭން ވެސް ނޭނގޭ ބައްޔެއް. އަހަރުމެންނަށް ދެން އޮތީ ކުރިއަށް އޮތް މެޗުގައި މަސައްކަތްކޮށްގެން ނަތީޖާ ނެރުން. އެކަމަކު އެއީ ވަރަށް އުނދަގޫ ކަމެއް. ޑޯޓްމުންޑަކީ މިކަހަލަ މުބާރާތްތަކުގައި މޮޅު ޓީމެއް،" ކޯޗު ބުންޏެވެ.

އާޖެންޓީނާ އަށް އުފަން ކޯޗު ބުނީ އޭނާގެ ޓީމަކީ ޔޫރަޕުގެ މުބާރާތްތަކުގެ ފަހު ސްޓޭޖުގެ ތަޖުރިބާ މަދު ޓީމެއް ކަމަށާއި އެއާ ހިލާފަށް ޑޯޓްމުންޑަށް ލިބިފައިވާ ތަޖުރިބާއަކީ ވެސް މެޗެއް ކާމިޔާބުކުރަން މުހިންމު ކަންތައްތައް ކަމަށެވެ.