ފިއްލަދޫ

ފިއްލަދޫ ފިހާރަ އަކުން ޑަންލޮޕް ދަޅެއް ވަގަށް ނެގި މީހަކު ޖަލަށް

ހއ. ފިއްލަދޫ ފިހާރައަކުން ކުޑަ ޑަންލޮޕް ދަޅެއް ވަގަށް ނެގި މީހަކު ޖަލަށްލުމަށް އެ ރަށު ކޯޓުން ހުކުމްކޮށްފި އެވެ.

މި ދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ފިއްލަދޫ ވިވިޑް މާޓުން ކުޑަ ޑަންލޮޕް ދަޅެއް ވަގަށް ނަގައިގެން ޖަލަށްލާން ހުކުމްކޮށްފައިވަނީ އެ ރަށު ސުވާސާ މުއައްލިމް މުހައްމަދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަކީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިދިޔަ ޖޫން މަހުގެ 23 ވަނަ ދުގަހުގެ ރޭ، މުއައްލިމް މުހައްމަދު ވަނީ ވިވިޑް މާޓުން، ކުޑަ ޑަންލޮޕް ދަޅެއް ނަގައިގެން އެއަށް ފައިސާ ނުދައްކައި އެ ހިފައިގެން ގޮސްފަ އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި މުއައްލިމް ވަނީ އޭނާ އެކަން ކުރި ކަމަށް އިއުތިރާފް ވެފަ އެވެ.

މި މައްސަލައިގައި މުއައްލިމް އެދިފައިވަނީ ވީހާވެސް ލުއި އަދަބެއް ދިނުމަށެވެ. އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވީ، ޖޫރިމަނާއަކަށް އެ ހުކުމް ބަދަލު ކުރުމަށް އޭނާއަށް ފުރުސަތު ދިންނަމަވެސް ޖޫރިމަނާ ދެއްކޭނެ ފަދަ ގޮތެއް އޭނާއަށް އޮތްކަން ކޯޓަށް ސާބިތުކޮށް ނުދެވުމުންނެވެ.

ޖޫރިމަނާ ކުރިނަމަ އޭނާގެ މައްޗަށް އަންނާނީ 10،800 ރުފިޔާގެ ޖޫރިމަނާ އެކެވެ. އެހެންނަމަވެސް އެ ފައިސާ ދެއްކޭނެ ގޮތެއް ކޯޓަށް ބުނެދީފައި ނުވުމުން ޖަލު ހުކުމެއް އިއްވީ އެވެ.

މި މައްސަލައިގައި ހއ. ފިއްލަދޫ ކޯޓުގެ މެޖިސްޓްރޭޓް ކޯޓާ ހަވާލުވެ ހުންނެވި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އިއްވި ހުކުމަކީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.