ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 2-0އިން ބަލިކޮށް، ލިވަޕޫލް ހަމަޖެހިލައިފި އެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލަށް ރޭ ގޯލު ޖަހައިދިނީ ޑެނިއަލް ސްޓަރިޖާއި ރޮބާޓޯ ފިރްމީނިއޯ އެވެ. ސްޓަރިޖް ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
މި މޮޅާއެކު މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ލިވަޕޫލް ޖެހިލިއިރު ނަތީޖާ ބަދަލުކުރަން ޔުނައިޓެޑް ލިބޭނެ ފަހު ފުރުސަތަކީ މި ދެ ޓީމު މީގެ ހަފުތާއެއް ފަހުން ޔުނައިޓެޑުގެ ދަނޑުގައި ކުޅޭ މެޗެވެ. އެ މެޗު 3-0އިން ކާމިޔާބުކޮށްގެންނޫނީ ޔުނައިޓެޑް މުބާރާތުން ނުކަޓާނެ އެއްވެސް ގޮތެއްނެތެވެ.
މިހެންވެ މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުނީ ދެން އޮތީ ވަރަށް އުނދަގޫ މަރުހަލާއެއް ކަމަށެވެ.
"ވަރަށް އުނދަގޫވާނެ. އަހަރުމެން ޖެހޭނީ މިރޭ ލިވަޕޫލް މި ދެއްކި ފަދަ ކުޅުމެއް އެ މެޗުގައި ދައްކަން. އަހަރުމެންނަށް މިރޭ ލިވަޕޫލާ ދެކޮޅަށް މާ ރަނގަޅަށް ނުކުޅެވުނު. ލިވަޕޫލަށް މި ނަތީޖާ ހައްގު. އެކަމަކު އަހަރުމެން މަސައްކަތް ކުރާނަން އަހަރުމެންގެ ދަނޑުގައި ނަތިޖާ ބަދަލު ކުރަން،" ކޯޗު ބުންޏެވެ.
މެޗުގައި ގިނަ ފައުލްތަކެއް ކުރި ނަމަވެސް އޭނާ ބުނީ މަރައުނޭ ފެލައިނީ އަކީ އޭނާގެ ނަޒަރުގައި ދަނޑުމަތީގައި ހުރި ޔުނައިޓެޑުގެ އެންމެ ރަނގަޅު ކުޅުންތެރިޔާ ކަމަށެވެ.
ލިވަޕޫލް ކޯޗުގެ ބަސް:
މި މެޗުގައި ލިވަޕޫލަށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު ފޮނުވާލި ގިނަ ހަމަލާތައް ނާކާމިޔާބުވީ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެޔާގެ ސަބަބުންނެވެ. އޭނާ އަކީ މެޗުގެ މޮޅު ކުޅުންތެރިޔާ ވެސްމެ އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ 2-0 އަކީ ރަނގަޅު ނަތީޖާއެއް ކަމަށާއި ނަމަވެސް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށެވެ.
"އެކަމަކު ނުޖެހި ދިޔައީ. އެއީ ފުޓްބޯޅައިގައި ދިމާވާ ގޮތެއް. އަހަރުމެންނަށް އެނގޭ ކޮންމެ ގޮތެއް ވިޔަސް މެންޗެސްޓާ ޔުނައިޓެޑާއެކު ކުޅޭ ކޮންމެ މެޗެއް ވެސް އުނދަގޫވާނެކަން. ފުރަތަމަ ގޯލަށް ފަހު ދެ ވަނަ ގޯލެއް ޖަހަންޖެހޭކަން އަހަރުމެންނަށް ވިސްނުނު. އެކަމަށް މަސައްކަތް ކުރެވުނު. އަހަރެން ވަރަށް ހިތްހަމަޖެހޭ މި މެޗާމެދު،" ކްލޮޕް ބުންޏެވެ.