- ބުލީކޮށްގެން ލިބުނު އަނިޔާ ވަރަށް ބޮޑު
- ފަހުން ހިތްވަރު ހޯދީ އެ އަނިޔާ އިން
- މިއަދު މިއީ އެތައް ބައެއްގެ އުއްމީދު
އާ ޖީލެއްގެ ލަވަކިޔުންތެރިން އުފެއްދުމުގެ ސަގާފަތެއް ރާއްޖޭގައި ޕްރޮމޯޓްކުރަމުންދާއިރު މިއީ އެ ހުނަރުވެރިއެއްގެ ވާހަކަ ނުދައްކައި ދޫކޮށްލެވެން ނެތް ފެންވަރުގެ ލަވަކިޔުންތެރިއެކެވެ. ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި "އެވްރެޖު" ޕާފޯމާއެއްގެ ގޮތުގައި ފާހަގަކުރެވުނަސް 15 އަހަރުގެ ބަތޫލް އަހުމަދަކީ މިއަދު "އެވްރެޖު" ލަވަކިޔުންތެރިއެއް ނޫނެވެ.
ވަރަށް ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މިއީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އަށް އިންގިލާބެއް ގެނެސްދެވޭ ފެންވަރުގެ އަޑެކެވެ؛ މިހާރު ވެސް ސުޕަސްޓާރެކެވެ!
އެކަމަކު މި ޅަ، ޅަ ބަތޫލެއް ސޯޝަލް މީޑިއާ އަށް ގިނަވެގެން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން ފާޑުކިޔައި އޭނާގެ ހުނަރުވެރިކަމަށް ހަމަލާދޭން މަސައްކަތްކުރާ ބަޔަކު ވެސް އެބަތިއްބެވެ. ބައެއް މީހުންގެ ނަޒަރުގައި އުމުރުން 15 އަހަރުގައި ބަތޫލް އުޅެމުންދާ ލައިފްސްޓައިލަކީ އެއްގޮތަށް ވެސް މި އުމުރުގެ ދިވެހި އަންހެން ކުއްޖަކަށް ފިޓްވާ ލައިފްސްޓައިލެއް ނޫނެވެ.
އާއިލާ އިން ހުޅުވާލަ ދީފައިވާ ދޮރުން ވަދެގެން ގޮސް ހަލާކުގެ ތެރެއަށް ބަތޫލް މިސްރާބު ޖަހާފައިވާ ކަމަށް ބައެއް މީހުން ބުނަނީ މި ސަބަބާ ހެދި އެވެ. އެކަމަކު އެއީ ހަގީގަތެއް ހެއްޔެވެ؟
ބަތޫލް އަކީ ސްޕޮއިލްޑް ޗައިލްޑެއް ހެއްޔެވެ؟ ނުވަތަ ޓީން އައިޑޮލްއެއް ހެއްޔެވެ؟
ތިރީގައި މި އޮތީ އަވަސް ވީކެންޑަށް އޭނާ ދިން ހާއްސަ އިންޓަވިއު އެވެ.
އެންމެ ފުރަތަމަ ވެސް ހިނގާބަލަ ބަތޫލްގެ މަސައްކަތުގެ އަޕްޑޭޓަކުން ފަށައިގަންނަމާ. ކޮބާ ކޮން ކޮން މަސައްކަތްތަކެއްތައް މި ދުވަސްކޮޅު ކުރަމުން ތިދަނީ. އަލްބަމެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށްވަނީ؟
"އެންމެފަހުގެ އަޕްޑޭޓަށް ބަލާލާއިރު އަޅުގަނޑު މަސައްކަތް މި ކުރަނީ ހީޓްގެ އެމްބަސެޑަރެއްގެ ގޮތުގައި. އެމީހުންގެ ސެލޫން ވެސް ހުޅުވައިދިނީ އަޅުގަނޑު. މީގެ އިތުރުން އަޅުގަނޑުގެ އަމިއްލަ ރާގުތަކެއްގެ މަސައްކަތާއި އަލްބަމެއްގެ މަސައްކަތް ވެސް މި ދަނީ ކުރަމުން. އޭގެ އެއް ލަވައިގެ ވީޑިއޯ ވެސް ނެރެން މަސައްކަތްކުރަމުން މި ދަނީ."
"އެއަށް ފަހު މި އަހަރު ޗައިނާގައި އޮންނަ އަބޫ ސޯންގް ފެސްޓިވަލްގައި ރާއްޖެ އިން ޕާފޯމްކުރާ އެއް އާޓިސްޓެއްގެ ފުރުސަތު ވެސް މިހާރު ވަނީ އަޅުގަނޑަށް ލިބިފައި."
އަބޫ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރަން ލިބުމަކީ ވަރަށް ވެސް ބޮޑު ޝަރަފަކަށްވާނެތާ ބަތޫލް އަށް. ކުރިން ރާއްޖެ އިން އެ ފުރުސަތު ލިބުނީ އުނޫޝާ އާއި މޫޝަން އަށް. މި ފުރުސަތު މިފަހަތު ބަތޫލް އަށް ލިބުނީމަ ވަރަށް އެކްސައިޓެޑްތަ؟
"އަބޫ ފެސްޓިވަލް ކަހަލަ ބޮޑު ފެސްޓިވަލަކަށް އަރަން ފުރުސަތު ލިބުނީމަ އަސްލު ވަރަށް ވަރަށް އުފާވޭ. އަދި މީގެ ކުރީ އަހަރުތަކުގައި ވެސް ރާއްޖެ ތަމްސީލުކޮށްދީފައި ވަނީ އަޅުގަނޑަށް ވުރެ މާ ބޮޑަށް އެކްސްޕީރިއަންސްޑް ލަވަކިޔުންތެރިން. އެއީ ކިޑީ ދައްތަ (މަރިޔަމް އުނޫޝާ) އާއި މޫޝާން. އެހެންވީމަ ވަރަށް އެކްސައިޓިން. އަދި ވަރަށް އޮނާޑް މިކަހަލަ ރީތި ރީތި ގައުމެއް ރިޕްރެޒެންޓްކުރަން ފުރުސަތު ލިބުނީމަވެސް."
އުމުރުން އެންމެ 15 އަހަރުގައި މިވަރަށް މަޝްހޫރުވުން މިއީ ކޮން ކަހަލަ އިހްސާސެއް؟ އެ ޖަޒުބާތުތަކާއި ޕްރެޝާ ހެންޑްލްކުރަނީ ކިހިނެތް؟
"މިހާ ޔަންގް އޭޖެއްގައި ރާއްޖެ ކަހަލަތަނެއްގައި ސެލެބްރިޓީއަކަށް ވުމަކީ އަސްލު އެހާ ފަސޭހަ ކަމެއް ނޫން. ވަރަށް ބައިވަރު މީހުންގެ ބަސްތަކާ ވެސް ކުރިމަތިވޭ. އަދި ހޭޓް ވެސް ކޮންމެވެސް ވަރަކަށް އަންނާނެ. ޖެލަސީ ވެސް. އެކަހަލަ ކަންތައްތައް އޮވޭ."
"ފޭމަސްވީމަ ޕްރެޝާ ވެސް އާދޭ. ބައެއް ފަހަރު ވަރަށް ވަރަށް ދެރަވާ އެއްޗެހި ވެސް ބުނެފައި ހުރެދާނެ އިންޓަގްރާމްގައި އަޅުގަނޑުގެ ފޮޓޯތަކަށް ކޮމެންޓްކޮށްފައި. ވަރަށް ރޫޑް އެއްޗެހި ވެސް ޖަހާލާފައި ހުރެދާނެ މީހުން. އެކަމަކު އަޅައެއް ނުލަން. އަޅުގަނޑު ބަލަނީ އަޅުގަނޑު ކުރާ މަސައްކަތަށް ފޯކަސްކޮށްގެން ކުރިއަށް ދާން."
އަބަދުވެސް ބޭނުންވީ މިހާ މަޝްހޫރު މީހަކަށް ނުވަތަ މިއަށް ވުރެ ވެސް މަޝްހޫރު މީހަކަށްވާންތަ؟
"ޑިސައިޑެއް ނުކުރަން އަޅުގަނޑުގެ ލައިފް މިއަދު މިއޮތް ގޮތަކަށް އަންނާނެ ކަމަކަށް. ލަވަކިޔުމުގެ ދާއިރާ އިން މިގޮތަށް ކުރިއަށް ދިއުމަކީ ވެސް ކުރިން ނިންމާފަ އޮތް ގޮތެއް ނޫން. އެކަމަކު ބޮޑުވަމުންއައިއިރު އުފެދުނު ޝައުގުވެރިކަމެއްގެ ތެރެއިން ބަދަލުގޮތެއް މިއީ. މިހާރު ކުރިއަށް ދާން ބޭނުންވޭ ދެވެން އޮތް އެންމެ ކުރިއަކަށް. އެކަމަކު ކުރިން ނިންމައިގެން ހުރި ގޮތެއް ނޫން މިއީކީ."
"މީހުންނަށް އެނގޭ މީހުން ދަންނަ މީހަކަށް ވުމަކީ ޕްލޭންކޮށްފައި އޮތް ކަމެއް ނޫން.
ބަތޫލް އަދިވެސް ވަރަށް ކުޑަ. އެކަމަކު އެންމެ ކުރިން ވެސް ބޭނުންވި ގޮތްތަ މިއީ، ލަވަކިޔުމާއިގެން މިގޮތަށް ކުރިއަށް ދާން؟
"ލަވަކިޔުން އެންމެ ކުޑައިރުއްސުރެން ވެސް އޮވޭ. ހަނދާން ހުންނަން ފެށިއްސުރެން ލަވަކިޔަން. އެންމެ ފުރަތަމަ ލަވަ މުބާރާތެއްގައި ލަވަކީ ދެ އަހަރާއި ބައިގައި. އެކަމަކު ވެސް ހީއެއް ނުކުރަން ލަވަކިޔުމުގެ ދާއިރާ އަށް ފޯކަސްކޮށްގެން މިހެން ދާނެ ކަމަކަށް."
"އެންމެ ކުޑައިރު ވަރަށް ބައިވަރު ކަންތައްތައް ބޮލުގައި ހުރޭ. ޑޮކްޓަރަކަށޭ ވާން ބޭނުންވަނީ. ނާސްއަކޭ ވާށޭ. ޓީޗަރަކަށޭ. އެގޮތަށް ބައިވަރު ބައިވަރު ކަންތައްތައް ބޮލުގައި ހުރޭ. އެކަމަކު އެންމެފަހުން އިންޓްރެސްޓް އުފެދުނީ ލަވަކިޔުމުގެ ދާއިރާ އިން. އެހެންވީމަ ބޮޑަށް ކުރިއަށް ދާން ބޭނުންވަނީ ވެސް މި ދާއިރާ އިން."
ފާޑުކިޔުންތައް ބަލައިގަންނަ ގޮތަކީ ކޮބާ ބަތޫލް؟ އުޅޭކަން ނޭނގެ ބަތޫލް އުޅޭ ގޮތާ މެދު ހިތްހަމަނުޖެހިގެން އެއްޗެހި ގޮވާ މީހުން ވެސް؟
"މީހުން ދަންނަ މީހަކަށް ވީމަ ވެސް ނެގެޓިވް ސައިޑަކާއި ޕޮޒިޓިވް ސައިޑެއް އަންނާނެ. މީހުންގެ ބަސްތައް ވެސް ލިބޭނެ. ރުޅި ބަސްތައް ވެސް ލިބޭނެ. ދެން އަނެއްކޮޅުން މީހުންގެ ލަވް ވެސް އެހާ ބޮޑަށް ލިބޭނެ."
"ނެގެޓިވް ސައިޑާ އަޅުގަނޑު ޑީލްކުރާ ގޮތަކީ އެމީހުން ކިޔާ އެއްޗިހިން ދެރަވިޔަސް އެ އެއްޗެހި އަޑުއަހައިގެން. އަޅުގަނޑު މަސައްކަތްކުރަނީ އެގޮތަށް ފާޑުކިޔާ މީހުންގެ އަޑު ވެސް އަހައިގެން އެއަށް ވުރެ ބެޓާ މީހަކަށްވާން. އެމީހުން ބުނާ އެއްޗިއްސަށް ގޮންޖަހާލާފަ އެމީހުންނަށް ވުރެ ހައި ލެވެލްގެ މީހަކަށް ސްޓޭންޑްވާން މަސައްކަތްކުރަނީ."
"އެއީ އަޅުގަނޑު ހޭޓްއާ ޑީލްކުރާ ގޮތަކީ."
ބަތޫލްގެ މި ކާމިޔާބީގައި އާއިލާ އިން ކުޅޭ ރޯލަކީ ކޮބާ؟ މީހުން ބުނޭ އާއިލާ އިން ބަތޫލް ކޮނޑަށް ލައިގެން ޕްރޮމޯޓްކުރަނީއޭ ވެސް؟
"ފެމިލީ އަކީ އަަޅުގަނޑުގެ އެންމެ ސަޕޯޓިވް ފޭން. ފެމިލީ ނެތިއްޔާމު އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑަށް ވާނެ ގޮތެެއް ވެސް. ހާއްސަކޮށް މަންމަ އާއި ބައްޕަ. އެ ދެ މީހުންނަކީ އަޅުގަނޑަށް ހުރިހާ ކަމެއްގައި ވެސް އެންމެ ސަޕޯޓްކުރާ ދެ މީހުން. ދެން އަޅުގަނޑުގެ ދެ ދައްތަ އާއި ބޭބެ ވެސް. އެންމެ ކުރީގައި އަބަދުވެސް ތިބޭނެ އެމީހުން އަޅުގަނޑަށް ހިތްވަރު ދޭން.
"ދެން މަންމަ އެއީ އަޅުގަނޑުގެ އެންމެ މެއިން މީހާ. މެނޭޖަރޭ ވެސް ބުނެވިދާނެ. ކޮންމެ ތަނަކަށް ދާން ޖެހުނަސް ގެންގޮސްދީ، ކަމެއްވިޔަސް އެންމެ ކުރީގައި ހުންނާނެ. މިކަހަލަ ޝޫޓްތަކަށް އަންނައިރު ވެސް މަންމަ ހުންނާނެ އެންމެ ކައިރީގައި. ލަވައެއް ރިކޯޑްކުރަން ދިޔަޔަސް މަންމަ ހުންނާނެ. ލަވަކިޔާއިރު ވެސް މިވެނި ތަންކޮޅެއް ރަނގަޅުކޮށްލާށޭ ކިޔާފައި އެންމެ ބޮޑަށް ބުނެދޭނީ ވެސް މަންމަ."
"މީގެ އިތުރުން އަޅުގަނޑުގެ ބޮޑުބެގެ މަސައްކަތް ވެސް ފާހަގަކޮށްލަން ބޭނުންވޭ. މި ދާއިރާ އިން އަޅުގަނޑު ކުރިއަށް ދާން އެންމެ ބޮޑަށް އެހީތެރިވެ ދިން އެކަކު ބޮޑުބެއަކީ."
ހީޓް ކަހަލަ ބޮޑު ނަމެއް ޕްރޮމޯޓްކުރުމުގެ މަސްއޫލިއްޔަތު ބަތޫލް އަށް ތި އުމުރުގައި ލިބުމަކީ ކޮން ކަހަލަ ކަމެއްގެ ގޮތުގައި ދެކެނީ؟ ބަތޫލް އަށް ހީވޭތަ އެތަނުގެ އެމްބެސަޑަރެއްގެ ގޮތުގައި މިކަން ކުރެވިދާނެހެން؟
"އަޅުގަނޑަކީ އަސްލު އެންމެ ޔަސްގެސްޓް އެމްބެސަޑާ ވެސް މިގޮތަށް."
"މި ފުރުސަތު އަޅުގަނޑަށް ދިނީ ހީޓްގެ ވެރިޔާ އަނާ. ހީޓަށް ބޮޑަށް ބޭނުންވެފައި ހުރީ ހާޑް ވޯކިން، ކޯޕަރޭޓިވް އަދި އެމީހުން ޕްރޮމޯޓްކުރާނެ ކުއްޖެއް. ވެދާނެ އެ ހުރިހާ ކަމެއް އަޅުގަނޑުގެ ކިބައިން އެމީހުންނަށް ފެނުނީކަމަށް. އެގޮތަށް ބަލައިފައިކަން ނޭނގެ އެތަނުގެ އެމްބެސެޑަރަކަށް ހަމަޖެއްސީ އަޅުގަނޑު. އެހެންވީމަ އެތަން ޕްރޮމޯޓްކުރުމަށް އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއްކުރާނަން."
މީހުން ބުނޭ ބަތޫލް ވަރަށް ވައްތަރޭ އެމެރިކާގެ މަޝްހޫރު ފެޝަން މޮޑެލް ކެންޑަލް ޖެނާއާ. އަދި އެއަށް ވުރެ ބޮޑަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާ މާ ވައްތަރު ކަމަށް ވެސް މީހުން ބުނޭ. ކިހިނެތްތަ ބަތޫލް އަށް ހީވަނީ؟
"ރާފިޔަތު ރަމީޒާއާއޭ ވެސް ވައްތަރޭކިޔާ. މޯލްޑިވިއަން ކެންޑަލްއޭ ކައިލީއޭ ވެސް ކިޔާ މީހުން. ސޯނަމް ކަޕޫރޭ ވެސް ކިޔާ."
"އަސްލު އިންޓަގްރާމަށް ލާ ފޮޓޯތައް ފެނިގެން ވަރަށް ވަރަށް ވަރަށް ގިނަ މީހުން ޑައިރެކްޓް މެސެޖު ވެސްކޮށްފައި ބުނާނެ ހާދަ ސޯނަމް ކަޕޫރާ ވައްތަރޭ. އެކަމަކު އަޅުގަނޑަކަށް އެކަން ރިއަލައިޒެއް ނުވޭ. ދެން މަންމަ ކައިރީގަ ވެސް އަޅުގަނޑު އަހާލަން ސޯނަމް ކަޕޫރާ އަޅުގަނޑު ވައްތަރު ހެއްޔޭ ވެސް. ދެން މަންމަ ވެސް ބުނާނެ ފުދޭވަރަކަށް ވައްތަރޭ. އެކަމަކު އަޅުގަނޑަކަށް އެހާ ވައްތަރެއް ނޫން."
"ދެން ބައެއް މީހުން ބުނާނެ ކައިލީ ޖެނާއާ ވައްތަރޭ. ކެންޑަލް ޖެނާއާ ވައްތަރޭ. މިހެން ގޮސް ބައިވަރު މީހުންގެ ނަންތައް އަންނާނެ. އެއީ އެކިފަހަރު ލެވޭ ފޮޓޯތަކުން ހުންނަ ގޮތް ފެނިގެން. އެކަމަކު އެންމެ ގިނައިން ކިޔަނީ ސޯނަމް ކަޕޫރާ ވައްތަރޭ. މަގުމަތިންދާއިރު ގޮވާ ވެސް ލަފާނެ ސޯނަމްއޭ ކިޔާލާފައި."
އަނެއްކާ ބަތޫލް އަކީ މި ސޯނަމް ކަޕޫރަކާ ކެންޑަލް ޖެނާއެއްގެ މާ ބޮޑު ފޭނަކީތަ؟ ނުވަތަ ބުނެވިދާނެތަ ބަތޫލް މި ސެލެބްރިޓީން ކޮޕީކުރަނީއޭ؟
"އަޅުގަނޑު ނުބުނާނަން އަޅުގަނޑަކީ ބޮލީވުޑް ނުވަތަ ހޮލީވުޑްގެ ސެލެބްރިޓީން ކޮޕީ ކުރާ މީހެކޭ. އަސްލު ބަތޫލް ވަރަށް އިންސްޕަޔާވޭ އެމީހުންގެ ލައިފްސްޓައިލް އިން. އެމީހުން އުޅޭ ގޮތް ފެނުނީމަ. އެކަމަކު އައި ވުޑް ނޮޓް ކޮޕީ ދެމް."
"އެކްޗުއަލީ އައި އެމް މައިސެލްފް. އަޅުގަނޑުގެ ލައިފަކީ އަޅުގަނޑު އަމިއްލަ އަށް ބިލްޑްކުރާނެ އެއްޗެއް. ނޮޓް ރިލޭޓެޑް އޮން ދެމް."
"އެގޮތަށް ސެލެބްރިޓީންނަށް ބަލާއިރު އަޅުގަނޑު އެންމެ އިންޕަޔާވާ މީހަކީ ބިޔޯންސޭ. އޭނާގެ ލަވަތަކާއި ވަޓް ޝީ ހޭޒް ޑަން ޓު ޕީޕަލް އެންޑް ޗިލްޑްރެން. ވަރަށް ވަރަށް އިންސްޕަޔާވޭ."
ތި އުމުރުގައި، 15 އަހަރުގައި މިގޮތަށް ސޯޝަލް މީޑިއާގައި މިހާ ބޮޑަށް އާންމުވުމަކީ ރަނގަޅު ކަމެއްހެން ބަތޫލް އަށް ހީވޭތަ؟ މީހުން ބުނޭ ތި އުމުރުގެ އަންހެން ކުއްޖަކު އުޅެން ޖެހޭ ގޮތަކަށް ނުނޭ ބަތޫލް އުޅެނީކީ؟ ގަބޫލުކުރަންތަ އެ ވާހަކަ؟
"އަޅުގަނޑު ގަބޫލުކުރަނީ ޔަންގް އޭޖެއްގައި ސޯޝަލް މީޑިއާގައި ކުއްޖަކު އަމިއްލަ އަށް ޕްރޮމޯޓްވާން ލިބޭ މި ފުރުސަތަކީ ވަރަށް ރަނގަޅު އޮޕަޗިއުނިޓީއެއް. ގިނަ ބަޔަކަށް އެ ކުއްޖެއްގެ ޓެލެންޓް ފެނުމަށް ފުރުސަތު ލިބިގެންދާ ކަމެއް"
"ދެން މީގައި އިންނާނެ ނެގެޓިވް ސައިޑަކާއި ޕޮޒިޓިވް ސައިޑެއް ވެސް. ކުރާ ކޮންމެ ކަމެއްގައި ވެސް އެކަން އޮންނާނެ. ޔޫ ޖަސްޓް ހޭވް ޓު ޑީލް ވިތު އިޓް. އެ ހުރިހާ ކަމަކާ."
ބަތޫލް މޯލްޑިވިއަން އައިޑޮލް އިން ނުފެނިގެން ބައެއް މީހުން ހިތަށް އަރާ ތިހާ ޓެލެންޓެޑް ކުއްޖަކު މިފަދަ ޕްލެޓްފޯމެއްގެ ބޭނުން ނުހިފީ ކީއްވެގެންބާއޭ. މި ޝޯ އިން ބަތޫލް ފެނުމުގެ ފުރުސަތެއް އެބައޮތްތަ؟
"އަސްލު މިފަހަރު ވެސް ވަރަށް ގިނަ މީހުން ބުނި ބައިވެރިވާން. އެކަމަކު އަޅުގަނޑަކަށް ބައިވެރިއެއް ނުވެވޭނެއެއް ނޫން އޭގައި އޭޖު ލިމިޓް އިންނާތީ. ބިކޯޒް އައި އެމް ފިފްޓީން. އަދި ސިކްސްޓީންއެއް ވެސް ނުވޭ."
"ދެން މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަނަކަށް ވެސް އަޅުގަނޑު އަރާނެހެނެއް ހީއެއް ނުވޭ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އާ މޫނުތަކަށް ހާއްސަކޮށްފައިވާ މުބާރާތެއް. އަޅުގަނޑު މިއީ މޯލްޑިވްސް އަށް އާ މޫނެއް ނޫން މިހާރު އަޅުގަނޑު ދެކޭ ގޮތުގައި."
މޯލްޑިވިއަން އައިޑޮލް އިން އެންމެ ކަމުދަނީ ކޮން ލަވަކިޔުންތެރިންތަކެއް؟ އަދި ޑުއެޓްކޮށްލަން ބޭނުންވާ ވަކި ލަވަކިޔުންތެރިޔަކު އެބަހުރިތަ ޝޯގެ ޓޮޕް 10ގައި؟
"މޯލްޑިވިއަން އައިޑޮލް އިން ވަރަށް ކަމުދާ ލަވަކިޔުންތެރިންތަކެއް ފެނިއްޖެ. އެގޮތުން ޝަލަބީ، އިޝާން އަދި ލައިޝާ ވަރަށް ކަމުދޭ. ނަޒީހް އަކީ ވެސް ރަނގަޅު ލަވަކިޔުންތެރިއެއް."
"މީގެ ތެރެއިން އިޝާންއާ އެކު ޑުއެޓެއް ހަދާލަން ލިބިއްޖެއްޔާ އަޅުގަނޑު ވަރަށް އުފާވާނެ. ހީ ހޭޒް ދިސް ސްޓްރޯންގް ވޮއިސް. ވަރަށް ވަރަށް ރަނގަޅު ލަވަކިޔުންތެރިއެއް އޭނާ އަކީ އަޅުގަނޑު ދެކޭ ގޮތުގައި."
ކޮބައިތަ ބަތޫލްގެ މި ކާމިޔާބީގެ ސިއްރަކީ. މިހާ ޅަ އުމުރުގައި މިހާ ބޮޑު ކުރިއެރުންތަކެއް މި ދާއިރާއިން ހޯދައި މިހާ ހިސާބަށް އާދެވުމުގެ ސިއްރަކީ؟
"މި ކާމިޔާބީގެ ފަހަތުގައި ތިބޭނެ ވަރަށް ވަރަށް ވަރަށް ބައިވަރު މީހުން. ހުންނާނެ ވަރަށް ބައިވަރު ކަންތައްތައް. އެކަމަކު ކްރެޑިޓް ދޭން ބޭނުންވަނީ ވަކިން ހާއްސަކޮށް ފެމިލީ އަށް. ހާއްސަކޮށް މަންމަ އަށް."
"އެންމެނަށް އެންމެން އެނގޭ މިކަހަލަ ކުޑަކުޑަ ގައުމެއްގައި ރެޕިއުޓޭޝަން ހިފަހައްޓަން ވެސް ޖެހޭނެ. އެހެންވީމަ އެންމެ ފުރަތަމަ ވެސް ބަލަން ޖެހޭނީ ތިމާ ތިމާގެ ގޮތުގައި ހުރެވޭތޯ. ކާމިޔާބީއެއް ހޯދަން ބަލާ ނަަމަ. އަދި ބުރަކޮށް މަސައްކަތްކުރަން ޖެހޭނެ. އަޕްސް އެންޑް ޑައުންސް އަންނާނެ. އެކަމަކު ބޭނުންވާ ކަމަކަށް ފޯކަސްކުރަން ޖެހޭނީ."
އެހެންވީމަ ބުނެވިދާނެތަ ރޯލް މޮޑެލް އަކަށް ނަގަން ކަމުދާވަރުގެ ކުއްޖެކޭ ބަތޫލް އަކީ؟ ތިއުމުރުގެ ކުދިންގެ މެދުގައި އުޅޭނެކަން ނޭނގެ ބަތޫލް ގޮތަށް އުޅެން ބޭނުންވާ ކުދިން ވެސް. އެ ކުދިންނަށް ދައްކަން ޖެހޭ އެ ނަމޫނާ އެންމެ ރަނގަޅަށް ދެއްކޭ ކަމަށް ގަބޫލުކުރަންތަ؟
"ޓް ބީ އޮނެސްޓް، ނޯ ވަން އިޒް ޕާފެކްޓް. އެންމެންގެ ލައިފްގައި ވެސް ހުންނާނެ ބައިވަރު ކަންތައްތައް ދިމާވެފައި."
"ރޯލް މޮޑެލް އަކަށް އަޅުގަނޑު ނަގާ ކުދިން ވެސް އުޅޭނެ. އޭގައި ނެތް މައްސަލައެއް ވެސް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑަކީ ވަރަށް ޑިސިޕްލިންޑް ވެލް މެނާޑް ކުއްޖެއް. އައި ހެވެންޓް ޑަން އެނީ ތިން ބޭޑް. އައި ރެސްޕެކްޓް ޕީޕަލް. ބޮޑެތި މީހުންނަށް ވެސް ކުޑަކުދިންނަށް ވެސް."
"އައި ވުޑް ވޯކް ފޯ ޕީޕަލްސް ރައިޓްސް އަސްލު. އައި ވޯންޓް އެވްރިވަން ޓް ލިވް އިން އަ ސޮސައިޓީ ވެއާ ދޭއި ފީލް ސެކިއާޑް އެންޑް ހެޕީ. އެކަމަށް މަސައްކަތްކޮށްދޭން ވެސް ބޭނުންވޭ."
މީހުން އަށް އެނގޭ މަޝްހޫރު މީހަކަށްވީމަ ދިރިއުޅެން އުނދަގޫތަ؟
"ގިނަ މީހުންނަށް އެނގޭ ކުއްޖަކަށްވީމަ ބައެއް ފަހަރަށް ވަރަށް އުނދަގޫވޭ. ބޭނުންވާ ތަންތަނަށް ބައެއް ފަހަރު ނުވެސް ދެވޭ. އެއީ ތަނަކަށް ދާ ތަނުން ކައިރީގައި އިށީނދެވެސްފާނެ. މަންމައާ އެކު ދާއިރު ބަތޫލް ބަތޫލްއޭ ކިޔާފައި ވަރަށް ގޮވާނެ. މަގުމަތިން ދާއިރު ވެސް ގޮވާ ހަދާ ވަރަށް."
ބުނެވިދާނެތަ ބަތޫލް އަކީ ސްޕޮއިލްޑް ޗައިލްޑެކޭ؟
"ބަތޫލް އަކީ ސްޕޮއިލްޑް ޗައިލްޑެކޭ ނުބުނެވޭނެ. ބިކޯޒް އައި އެމް ނޮޓް. އަސްލު ގިނަ މީހުންނަށް ހީވެފައި އޮންނަނީ އަޅުގަނޑަކީ ވަރަށް ފްރީޑޮމް ވެސް ލިބޭ ބޭނުން ތަނަކަށް ގޮސް ބޭނުން ގޮތަކަށް އުޅޭ ކުއްޖެކޭ. އަސްލު، ނޯ. ދެޓް އިޒް ނޮޓް ދަ ޓްރޫތު"
"އައި އެމް އަަ ވެރީ ޕްރޮޓެކްޓެޑް ޗައިލްޑް. މުޅި ފެމިލީގައި ވަރަށް ވަރަށް ބޮޑަށް ޕްރޮޓެކްޓްކޮށްގެން ގެންގުޅޭ ކުއްޖެ ބަތޫލް އަކީ. އައި ޑޯންޓް އީވެން ގޯ އައުޓް. މިއީ ޓީން އިޔާސް، މި އޭޖުގައި ގިނަ ކުދިން ދާނެ ކޮފީތަކަށް. ގެދަރިންސްތަކަށް. ބަޓް އައި ސްޓޭއި އެޓް ހޯމް. ރައްޓެހި ކުއްޖަކު އަޔަސް އެ ކުއްޖަ އަންނާނީ އަޅުގަނޑުގެ ގެއަށް އާންމުކޮށް."
"އިންޓަގްރާމަށް މިހެން ފޮޓޯތައް ލައިގެން އުޅުނަސް އަޅުގަނޑަކީ ވަރަށް ޑިސިޕްލިންޑް ވެލް މެނާޑް ކުއްޖެއް. އެހެން ބުނެވިދާނެ."
އެހެންވީމަ ސޯޝަލް މީޑިއާގައި ތިހެން އުޅޭއިރު މަންމަމެން ކިހާ ވަރަކަށް މޮނީޓާކުރޭތަ ބަތޫލް އުޅޭނޫޅޭ ގޮތް؟ ވަކި ކަހަލަ ފޮޓޯތަކެއް ނުލާށޭ ބުނޭތަ؟
"ފާޑުފާޑުގެ ފޮޓޯތަކެއް އަޅުގަނޑު ނުވެސް ނަގަން އަސްލު. ގިނަ ފަހަރަށް އިންޓަގްރާމަށް ލާން ނަގާ ފޮޓޯ ނަގައިދޭނީ ވެސް މަންމަ. ގިނަ ފަހަރަށް ފެމިލީގެ ކޮންމެ ވެސް މީހަކު އެ ފޮޓޯއެއް ނަގައިދޭނީ. ވަކި ފޮޓޯގްރާފަރެއް ނުހުންނާނެ."
"ފެޝަން އަކީ އަޅުގަނޑު ވަރަށް ގަޔާވާ އެއްޗެއް. އެ ދުވަސްވަރަކަށް ޓްރެންޑްވާ ހެދުންތަކެއް ލައިގެން ފޮޓޯ ނަގަނީ. އެއީ އެފަދަ ފެޝަންތަކަށް މީހުން އިންސްޕަޔާކުރުވަންވެގެން."
ފާޑުކިޔައިގެން ނުވަތަ އެއްޗެހި ގޮވައިގެން ހީވޭތަ ބަތޫލް ހުއްޓުވައިލެވިދާނެހެން؟ އެފަދަ ފާޑުކިޔުންތައް އަމާޒުވަނީ ކީއްވެގެންހެން ހީވަނީ؟
"އަޅުގަނޑު ދެކޭ ގޮތުގައި ނެގެޓިވް ކޮމެންޓްތައް އެ އަންނަނީ، ޖެލަސީ ވެސް އިންނާނެ މި އޭޖުގައި އަދި އަޅުގަނޑު މިގޮތަށް ކުރިއަށްދާތަން ފެނުނީމަ. ޖެލަސްވާނެ. އިޓްޒް އަ ނޯމަލް ތިންގް."
"އެ ޖެލަސީ އާއި ފާޑުކިޔުން އަޅުގަނޑު ނަގަނީ ވަރަށް ޕޮޒިޓިވް ގޮތަކަށް. ބޮޑަށް ބޭނުންވަނީ އެ ފާޑުކިޔުންތައް ނަގައިގެން އެއަށް ވުރެ ރަނގަޅު މީހަކަށްވާނެ. އައި ވޯޓް ގިވް އަޕް. ގިވް އަޕް ކުރާ ނަމަ މިހާރު ވެސް ބައިވަރު ކަންތައްތައް އަޅުގަނޑަށް ދިމާވެފައި ހުރީ ކުރިން ވެސް. އެކަމަކު އަޅުގަނޑެއް ދުލެއް ނުދެން. އެހެންވީމަ މިގޮތުގައި ކުރިއަށް ދާން ބޭނުންވަނީ."
ސަޕޯޓަރުން ނުވަތަ ފޭނުން ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ބަތޫލްގެ ފަރާތުން ނުފެންނާނެ ކަމުގެ ނުވަތަ އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެވިދާނެތަ؟
"ދެވިދާނެ އެ ޔަގީންކަން. އަޅުގަނޑުގެ ސަޕޯޓަރުން ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ނުކުރާނަން. އަޅުގަނޑަކީ ވަރަށް ފަން މަޖާ ސަކަރާތް ޖަހާ މީހެއް. އެކަމަކު ފޭންސް ދެރަވާ ނުވަތަ އެމީހުންނަށް ބޭޑް ނޭމްއެއް އަންނަ އެއްވެސް ކަމެއް ދުވަހަކު ވެސް ނުކުރާނަން."
އެކަމަކު ބައެއް މީހުން ބުނޭ ބަތޫލްގެ އެބަހުއްޓޭ އަހުލާގީ މައްސަލަތަކެއް ވެސް. އަދި ކުރިން އެންމެ ފުރަތަމަ ކިޔަވަން އުޅުނު އިސްކަންދަރު ސްކޫލު ދޫކޮށްލަން ޖެހުނީ ވެސް އެފަދަ މައްސަލައަކާ ގުޅިގެންނޭ. ކޮބައިތަ ބަތޫލް ބުނެލަން ބޭނުންވާ ވާހަކަ އަކީ؟
"އިސްކަންދަރުގައި އުޅެފައި 2013ގައި އަޅުގަނޑު ޖޭ އެސް އަށް ބަދަލުވީ. މީގައި ވެސް އެބައޮތް ވަރަށް ބޮޑު ސްޓޯރީއެއް. އަސްލު އައި ވޯޒް ބުލީޑް އިން އިސްކަންދަރު ސްކޫލްގައި. ވަރަށް ބޮޑަށް. އެއީ ބަތޫލް އެންމެ ބޮޑަށް ބްރޭޑްޑައުންވި އަހަރު. ތަނަކަށް ނުދެވި ނުކެވި އުޅެން ޖެހުނު. އައި ވޯޒް ރިއަލީ ބުލީޑް. ބޮޑަށް އަދި ސައިބާ ބުލީން އެއީ."
"އިސްކަންދަރު ސްކޫލުން އަޅުގަނޑު ޖަމާލުއްދީނަށް ދިޔައީ ވެސް އަމިއްލަ ވިލްގަ. އަމިއްލަ އަށް ބޭނުންވެގެން. ސްކޫލުން އެއްވެސް ފިޔަވަޅެއް އަޅުގަނޑާ މެދު އަޅައިގެނެއް ވެސް ނޫން."
ތިބުނީތާ ސްކޫލްގައި ވަރަށް ބޮޑަށް ބުލީންގެ ޝިކާރައަކަށް ވި ވާހަކަ. އެއީ ކިހިނެތް ދިމާވި ކަމެއް ކަމާއި މި މައްސަލައާ މެދު ބަތޫލް ދެކޭ ގޮތް އަދި އެއިން ދަސްވި އެއްޗަކީ ކޮބާ؟
"އެންމެ ކުޑައިރު އަޅުގަނޑުގެ ބޯކޮށާލާފައި ހުންނާތީ ވެސް ކުދިން ދިމާކުރާނެ. ދެން އޭރަކު ގެޓެއް ވެސް ނުވޭ އެއީ ބުލީން ކަމަށް. އެކަމަކު ގްރޭޑް ފޯ ފައިވް އަށް ގޮސްސަ ކުދިން އެކި އެއްޗެހި ކަޔަން ފެށީމަ ދެރަވާން ފެށީ. ބޮޑަށް ގްރޭޑް ފައިވްގައި މިކަންތައް ބޮޑުވީ. ގިނަ ކުދިން ހަމަ އަޅުގަނޑާ ޖައްސާލީ."
"އަޅުގަނޑަކީ ބުލީންގެ ޝިކާރައަކަށްވެ އެކަން ތަޖުރިބާކުރެވިފައި ހުރި ކުއްޖެއް. އަސްލު އެއީ ވަރަށް ވޭންއަޅާ ކަމެއް. ބުލީއަކަށް އަންޑަސްޓޭންޑެއް ނުވާނެ އޭނަގެ ފަރާތުން ދެން ހުންނަ ކުއްޖާ އަށް ލިބޭ ގެއްލުން ވެސް. މިއީ ހުއްޓުވަން ޖެހޭ މައްސަލައެއް."
ބުނެވިދާނެތަ މިއަދު މި ފެންނަ ބަތޫލް މިހާ ވަރުގަދަކޮށް ގަދަފަދަކޮށް ހުރުމުގެ އަސްލު ގުޅިފައި ވަނީ ކުރެވުނު އެ ތަޖުރިބާއާއޭ. ކުދިން އެގޮތަށް ޖައްސާލައިގެން އުޅުނީމަ ނުވަތަ ބުލީކޮށް ދެރަކޮށްލީމަ ލިބުނު ހިތްވަރެކޭ މިއީ މިއަދު؟
"އަސްލު ވަޓް އައި ހޭވް ގޯން ތްރޫ ހޭޒް މޭޑް މީ އަ ސްޓްރޯންގާ ޕާސަން. އަމިއްލަ ފައި މައްޗަށް ތެދުވާން ދަސްކޮށްދިން އެއް އިންސިޑެންޓް އެއީ އަޅުގަނޑުގައި ހަޔާތުގައި އައި. ވަރަށް ބައިވަރު ކަންތައް ދަސްވި. ދުނިޔެ އަކީ ހިޔާލީފޮލައެއް ނޫންކަން ދަސްވެއްޖެ."
"އަމިއްލަ އަށް ވެދ ތެދުވެގެން މިކަހަލަ ކަންކަމަކާ ކުރިމަތިލެވޭނީ. އަބަދަކު މަންމަ އާއި ބައްޕަ އެއް ވެސް ނުހުންނާނެ."
- ފޮޓޯގްރެފީ: މިލްޒީރޯ ނިޝާން
- ސްޓައިލިސްޓް: ނޫރާ
- މޭކަޕް އާޓިސްޓް: ޖަސްޓިން
- ވޯޑްރޯބް: ލުސިޑް ޑްރީމްސް / ރިވެންޖް ބައި ކެވިން
- އެސިސްޓަންޓް: އަހުމަދު ޝިއުސް
- ޕްރޮޑަކްޝަން މެނޭޖަރު: އަހުމަދު ނާއިފް