ޑިމޮކްރަސީގައި ދައުލަތުގެ ކަންކަން ތަރުތީބުކުރަނީ ރައްޔިތުން ކަމަށާއި އެކަން ކުރެވޭނީ ވޯޓުލުމުގެ ހައްގު އަދާކޮށްގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިިހެން ވިދާޅުވީ، ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބު ގައެވެ.
ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ދައުލަތެއް ފެށި ދެމިއޮންނަނީ ރައްޔިތުންނާ ހަމައިން ކަމަށެވެ. އެގޮތުން ދައުލަތުގެ ވެރިންނާއި ގާނޫނު ހަދާ މަޖިލިސްތަކަށް ރައްޔިތުންގެ މަންދޫބުން ހޮވަނީ ރައްޔިތުންގެ ވޯޓުން ކަމަށާއި، ގައުމުގެ ކަންކަން ރަނގަޅުކުރުމަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް ކޮންމެ ފަރުދަކުވެސް އަދާކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ޑިމޮކްރެޓިކް ނިޒާމެއްގައި ކޮންމެ ރައްޔިތެއްގެ ވޯޓަކީ މުހިއްމު ވޯޓެއް ކަމަށް ފުއާދު ވިދާޅުވި އެވެ. ހަގީގަތަށް ބަލާއިރު ރައްޔިތުން ބައިވެރިވާ ޝާމިލް ވެރިކަމެއް ކުރެވޭނީ ގާނޫނުއަސާސީން ލިބިދީފައިވާ ވޯޓުލުމުގެ ހައްގު އަދާކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ވޯޓުލާން ނުކުތުމަކީ ޑިމޮކްރެޓިކް ނިޒާމުގެ އެއް އަސާސް ކަމަށާއި، އެހެންވެ ދައުލަތް އެކަށައެޅުމަށްޓަކައި ގާނޫނުތައް ހެދުމަށް ރައްޔިތުންގެ މަންދޫބުން އިންތިހާބުކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ ކަމަށެވެ.
ފުއާދު ވިދާޅުވީ ގައުމުގެ ކަންކަން ރަނގަޅުކުރުމުގައި އިންތިހާބުތަކުގައި ކަމަށް ގާބިލް ވެރިން ހޮވޭނީ ވޯޓުލުމުގެ ހައްގު އަދާކޮށްގެންކަން ކުރިއަށް އޮތް ޖީލްތަކަށް ވިސްނައިދޭންޖެހޭ ކަމަށެވެ.
"ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްވެސް ގާނޫނުއަސާސީ އިން ލިބިދީފައިވާ ބާރެއް. މި ބާރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންޖެހޭ. އަދި ކުރިއަށް އޮތް ޖީލަށް ވޯޓުލުމުގެ މުހިއްމުކަން ވިސްނައިދޭންޖެހޭ،" ފުއާދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ގާނޫނުއަސާސީ އިން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދޭ މިނިވަންކަމުގެ ހައްގާ އެކު ވޯޓުލާން ނުކުންނަންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގައި ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރަން ފަށާފައި މިވަނީ މިއަހަރު އެވެ. ވޯޓުލާ މީހުންގެ ދުވަހެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން ކަނޑައަޅާފައިވަނީ އޮގަސްޓު މަހުގެ 25 ވަނަ ދުވަހެވެ.