އަވަސް ވީކެންޑް

މެނުއަލް ލިޔެ ޓެސްޓުން އެއްވަނަ ހޯއްދެވީ އަމީން!

Mar 11, 2016
1

ގާނޫނީ ވަކީލުންނަކީ ޝަރުއީ މަޖިލިސްތަކުގައި ވަކާލާތުކޮށް އާންމުންނަށް ބޭނުންވާ ކަންކަމުގައި ޝަރުއީ އަދި ގާނޫނީ ލަފަޔާއި އިރުޝާދު ދިނުމަށް ހާއްސަ އިލްމީ ތަމްރީނުތަކެއް ލިބިފައިވާ ބައެކެވެ. ޝަރުއީ ނިޒާމު ވަޒަނަށް ފެތިގެންދަނީ ގާނޫނީ ވަކީލުންގެ ދައުރު އޮވެގެންނެވެ. ހަމަ އެހެންމެ ގާނޫނީ ނިޒާމަށް ބަދަހިކަން ގެނެސްދޭ ބާރަކީ ވެސް ގާނޫނީ ވަކީލުންނެވެ.

ރާއްޖޭގައި ވެސް ގާނޫނީ ވަކީލުން އުޅެ އެވެ. ހިސާބުތަކުން ސާފުވާ ގޮތުގައި 900 އިން މަތީގެ އަދަދަކަށް ގާނޫނީ ވަކީލުން ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރޭގައި މަތީ ފެންވަރުގެ ވަކީލުންނާއި އެކި ދަރަޖައިގެ ވަކީލުން އުޅޭއިރު އެއްވެސް ފެންވަރެއް ފާޅު ނުވާ ވަކީލުން ވެސް ހިމެނެ އެވެ. ރާއްޖޭގައި ގާނޫނީ ވަކީލުންގެ ދައުރު ފެށުނު ހިސާބަކާއި ދުވަސްވަރެއް ވެސް ތާރީހުގެ ތެރެއަށް ގޮސްފައި ވާނެ އެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅަށް ދިރާސާކުރެވިފައިވާ ތާރީހެއް ނޫނެވެ.

މަޝްހޫރު ތާރީހު އިލްމުވެރިޔާ އިބްނި ބަތޫތާގެ ނޯޓްތަކުން އެނގެނީ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވާން އެންގުމުން އެ މަޖިލީހަށް ހާޒިރުވާންޖެހޭ މީހާގެ ފަރާތުން ޝަރީއަތުގައި ވާހަކަ ދައްކާނޭ މީހަކު ފޮނުވުން އެ ޒަމާނުގައި ވެސް އޮތް ކަމެވެ. މާނައަކީ 1350 ގައި ވެސް ގާނޫނީ ވަކީލުންގެ ދައުރު އޮތް ކަމެވެ. އަދި އެ ތާރީހު އެއަށް ވުރެ ދުރަށް ދަތުރުކޮށްފައި ވާނެ ކަމެވެ.
ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގައި މުޅި ޖުޑިޝަރީގެ ތެރެއިން ގާނޫނީ ވަކީލުންނަށް ދޮރު ހުޅުވުނީ 1932 ގަ އެވެ. އެއީ ފުރަތަމަ ގާނޫނު އަސާސީންނެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ރަސްމީ ގާނޫނީ ހަޔާތް ފެށުނީ ވެސް ގާނޫނީ ވަކީލުންނަށް ޖާގައެއް ހިމަނައިގެނެވެ.

ފުރަތަމަ ގާނޫނު އަސާސީ އަށް ދާއިރު އެ ގާނޫނު އަސާސީގެ 83 ވަނަ މާއްދާ އިން އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެ އެވެ. އެ މާއްދާގައި ބުނަނީ "ކޮންމެ ކަހަލަ ޝަރީއަތެއްގައި ނަމަވެސް ވަކީލުން ގެންދިއުމީ ހުއްދަވެގެންވާ ކަމެވެ. ވަކީލުން ކަމުގައި ފުދޭނީ ޝަރީއަތާއި ގާނޫނު ދަންނަ މީހުންނެވެ" މިހެނެވެ.

ހަގީގަތުގައި އެ ގާނޫނު އަސާސީއަކީ "ވަގުތަށްވުރެ ކުރީގައި" ގަރާރު ކުރެވުނު ގާނޫނު އަސާސީއެއް ކަމަށް ތާރީހީ އިލްމުވެރިން ބުރަވެ ވަޑައިގަންނަވާއިރު އެ ގާނޫނު އަސާސީގައި ގާނޫނީ ވަކީލުންނަށް ޖާގަ ދެވިފައި ވިޔަސް އެ ފުރުސަތުގެ ބޭނުން އެ ދުވަސްވަރު އޮތީ ނުކުރެވި އެވެ. ފުރަތަމަ ކަމަކަށް ގާނޫނު އަސާސީ ބަޔާން ކުރާ ޝަރީއަތާއި ގާނޫނު ދަންނަ ވަކީލުން ރާއްޖޭގައި ނެތުން ހިމެނެ އެވެ. އަނެއް ކަމަކަށް ގާނޫނީ ވަކީލުން އެއީ ކީއްކުރާ، ކޮން ބައެއްކަން އެނގޭ ބަޔަކީ ގާނޫނު އަސާސީ ލިޔުނު މީހުންނާއި އެނޫން ވެސް މަދު ބައެކެވެ.

ރާއްޖޭގެ ބަންޑާރަ ނައިބަކީ ހަމައެކަނި މަހުކަމަތުއް ޝަރުއިއްޔާ އަށް ދައުލަތުން ހުށަހަޅާ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު ކަމަށް ހަމަޖެހިގެން އައީ 1943 ގަ އެވެ. މާނައަކީ އެހިސާބުން އެ އޮތީ ގާނޫނީ ވަކީލުންގެ ބޭނުން ކުރުމަށް ހިސާބެއްގެ ސިފައެއް އައިސްފަ އެވެ.

ރާއްޖޭގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވުމުގެ ކުރިން ގައުމުގެ ހުރިހާ ބާރުވެރިކަމެއް ލިބިވަޑައިގެން ގައުމު ހިންގެވި މުހައްމަދު އަމީނަކީ ރާއްޖޭގެ އޭރުގެ އާބާދީ އާއި އިލްމީ ބޭފުޅުންނާ އަޅުވާއިރު ވަރަށް ބޮޑަށް "ހުޅުވިފައިވާ ސިކުނޑިއެއް" ގެ ވެރިއެކެވެ. އާ ކަންތައްތައް އެމަނިކުފާނު ތައާރަފު ކުރުމަށް ކުރެއްވެވި މަސައްކަތްތަކުގެ ތެރޭގައި 1950 ގެ ތެރޭގައި ޝަރުއީ އަދި ގާނޫނީ ދާއިރާ މުޅިން ފުށުން ޖަހައިލައި އިސްލާހުތަކެއް ގެންނެވި އެވެ. ފުރަތަމަ ފަހަރަށް ވަކި ހާއްސަ ޕްރޮފެޝަނެއްގެ ގޮތުގައި ރަސްމީކޮށް ގާނޫނީ ވަކީލުން ތައާރަފު ކުރެއްވީ އަމީނެވެ.

އެ މަނިކުފާނުގެ މަސައްކަތްޕުޅުން ގާނޫނީ ވަކީލުންގެ މުގައްރަރެއް އެކުލަވާލައްވައި އޭރުގެ އެޑިއުކޭޝަންގެ ފުރަތަމަ ގާނޫނީ ވަކީލުންގެ އިމްތިހާނު ބާއްވާ ގޮތަށް ނިންމެވި އެވެ. އެ އިމްތިހާނުގައި ސީދާ އެމަނިކުފާނު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ގާނޫނީ ވަކީލުންގެ ފުރަތަމަ އިމްތިހާނުގައި 20 ބޭފުޅަކު ޓެސްޓް ހެއްދެވި އިރު އެ ޓެސްޓުން ފާސްވީ ހަ ބޭފުޅުކެވެ. އެހެން ބޭފުޅުން ފޭލިވީ އެވެ. މުޅި ޓެސްޓުން އެއްވަނަ ދަރަޖައިގައި ފާސްވެ ވަޑައިގަތީ މުހައްމަދު އަމީނާއި އިބްރާހިމް ޝިހާބެވެ. ދެ ވަނަ ދަރަޖައިގައި ފާސްވީ އަހުމަދު ކާމިލު ދީދީ އާއި މުހައްމަދު ލުތުފީ އާއި ބުޗާ ހަސަން ކަލޭފާނާއި ނތ. ހަސަން ދީދީ އެވެ.

ތާރީހީ މި ޓެސްޓަށް ފަހު ފާސްވި ބޭފުޅުން ގާނޫނީ ވަކީލުކަމުގެ ހުވައި ކުރެއްވެވި ކަމަށް ތާރީހުން އެނގެނީ ޖޫން ،17 1951 އިގަ އެވެ.

ފުރަތަމަ ރަސްމީ ގާނޫނީ ވަކީލުން ކުރެއްވެވި ގާނޫނީ ވަކީލުންގެ ހުވައަކީ ވެސް ތާރީހީ ހުވައެވެ. އެ ހުވައިގެ އިބާރާތުގައި ބުނަނީ "އަޅުގަނޑު އަދުލު އިންސާފުގެ ހަމަތަކުގެ މަތީގައި ގާއިމުވެ ހުރެ ދެ ހަސްމުންގެ ދެމެދުގައި ވަކާލާތު ކުރަން ހުރި ފަރާތަށް އިހުލާސްތެރިކަމާ އެކު ވަކީލުކަން އަދާކުރުން މައްޗަށާއި މަހުކަމަތުއް ޝަރުއިއްޔާގެ އިއްޒަތާއި ގަދަރު ދިވެހި ރައްޔިތުންގެ މެދުގައި ފެތުރުއްވުމަށް ތެދުވެރިކަމާ އެކު ބާރު އެޅުމުގެ މައްޗަށް އިގުރާރުވަމެވެ. މާތް ﷲ އަޅުގަނޑަށް ތައުފީގު ދެއްވާށި އެވެ. އާމީން!" މި އެވެ.

އަމީން ޝަރުއީ ނިޒާމަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއަށް ގާނޫނީ ވަކީލުންގެ ދައުރު ވަނުމާ އެކު ޝަރީއަތުގައި ދެ ހަސްމުން ތަމްސީލުކުރުމަށް ގާނޫނީ ވަކީލުން އެއް ހާޒިރުގައި ތިބެގެން ފުރަތަމަ ކުރި ޝަރީއަތަކީ ހދ. ކުޅުދުއްފުށީ މޯގަލް އާދުބެ އާއި ރުގިއްޔާ އަލީގެ ޝަރީއަތެވެ.

ގާނޫނީ ވަކީލުން ޝަރީއަތުގައި ވާހަކަ ދެއްކުމާ ބެހޭ ގަވައިދެއް ފުރަތަމަ އެކުލަވާލެވުނީ 1961 ގަ އެވެ. އެހެން ދިމާވީ ދެކުނު ގަޑުބަޑުގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ޝަރީއަތް ކުރުމަށް ފުރަތަމަ ފަހަރަށް ގާނޫނުލް އުގޫބާތް ނުވަތަ ޕީނަލް ކޯޑް އެކުލަވާލުމާއެކު އެވެ. އެ އިސްލާހުތަކުގައި ޝަރީއަތުގައި ވަކީލުންނާއި ބަދަލުގައި މީހުން ބޭނުން ކުރުމުގެ ގަވައިދެއް އޭޕްރީލް ،15 1961 ގައި އާންމު ކުރި އެވެ.

ހަގީގަތުގައި މުހައްމަދު އަމީން "އޯގަނައިޒުކޮށް" ފައްޓަވައި ދެއްވި ގާނޫނީ ވަކީލުންގެ ހަޔާތަށް ފާޑެއްގެ ނިމުމެއް އައިސްފައި އޮތުމަށް ފަހު ދެން އެކަން ފެށުނީ މި ދެންނެވި ގަވައިދާ ހަމައިންނެވެ. އެ ގަވައިދުގެ ދަށުން ހުއްދަ ލިބިގެން ވަކީލުންނާ އެކު ކުރެވުނު ފުރަތަމަ ޝަރީއަތަކީ އޭރުގެ ހަވަރު ތިނަދޫ ކުޑަ ހައްވާފުޅު އޭނާގެ މާމަ ދަރިފުޅު ސިއްތިއަށް ދިން ލިޔުމެއް ބާތިލު ކުރުމުގެ ދައުވާގެ ޝަރިއަތެވެ.

އޮކްޓޫބަރު ،17 1962ގައި މަހުމަކަތުއް ޝަރުއިއްޔާގައި ބޭއްވި ޝަރީއަތުގައި ދައުވާ ކުރީ ހަވަރު ތިނަދޫ ކުޑަ މުހައްމަދުފުޅެވެ. ދައުވާ ލިބެނީ އެރަށު ކުޑަހައްވާފުޅުގެ މާމަ ދަރި، ސިއްތި އަށެވެ.

އިސްތިއުނާފު ގާނޫނުގެ ދަށުން އިސްތިއުނާފު މައްސަލައަކަށް މި ދައުވާ ވުމުން އެ ޝަރީއަތުގައި އެ ކޮމެޓީގެ ދެ މެންބަރުން ކަމަށްވާ އިބްރާހިމް ޝިހާބާއި މަލިން މުހައްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގަތެވެ. ތާރީހީ މި ޝަރީއަތުގައި ދައުވާކުރި ފަރާތުގެ ވަކީލަކީ މުލީ އިބުރާހިމްފުޅެވެ. ދައުވާ ލިބޭ ފަރާތުގެ ވަކީލަކީ މަޝްހޫރު ގާނޫނީ ވަކީލުން ކަމަށްވާ ޝާހީން ހަމީދާއި މައުމޫން ހަމީދުގެ ބައްޕާފުޅު އަދި ކުރީގެ ވަޒީރު އަބްދުﷲ ހަމީދެވެ.