ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ގާނޫނާ ހިލާފަށް އެތައް ބަޔަކަށް ދައުލަތުން ބަދަލު ދީފައިވާ ކަމަށާއި އެ ހުރިހާ އެއްބަސްވުންތައް އުވާލާނެ ކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ބަންޑާރަނައިބް ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގައި ތިން މަރުހަލާއެއްގައި އެކި ފަރާތްތަކަށް ބަދަލު ދީފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބަދަލު ދޭން ފެށީ 2019 ވަނަ އަހަރު ބަންޑާރަނައިބް އޮފީހުގައި އެކަމާ ގުޅޭ ކޮމިޓީއެއް ހަދައިގެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފަހުން ބަދަލު ދެމުން ދިޔައީ ރައީސް އޮފީހުގައި އެކަމާ ގުޅޭ ކޮމިޓީއެއް ހަދައިގެން އެ ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ކަމަށާއި އެގޮތަށް 10 ފަރާތަކަށް ބަދަލު ދީފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެ ކޮމިޓީއަށްވެސް ހުށަހެޅުމެއް ނެތި އެތައް ބަޔަކަށް ފަޅުތަކާއި ރަށްތައް ބަދަލުގެ ގޮތުގައި ދީފައިވާ ކަމަށާއި އަދި ދައުލަތަށް ބައެއް ފަރާތްތަކުން ދައްކަންޖެހޭ ފައިސާވެސް މައާފުކޮށްދިނުން ފަދަ ކަންކަން ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީފައި ހުރި އެސެޓްތަކަށް ބަލާއިރު އަޅުގަނޑަށް ގަބޫލުކުރެވެނީ ބިލިއަނެއްހާ ރުފިޔާ ހުރި ކަމަށް އެވަރަށް ދަންނަވާލަން ކެރިދާނެ،" އުޝާމު ވިދާޅުވި އެވެ.
ދައުލަތުން އެކި ފަރާތްތަކަށް ބަދަލު ދީފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ބަންޑާރަނައިބް އޮފީހަށް މަސައްކަތްތަކެއް ކުރުމަށް ހަވާލުކުރައްވާފައިވެ އެވެ. މިމަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން އުޝާމު ވިދާޅުވީ އެ މަސައްކަތްތައް ނިމި އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް އަވަހަށް އަޅަން ފަށާނެ ކަމަށެވެ. އެތައް ބަޔަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ބަދަލުގެ ގޮތުގައި ދީފައިވާ ކަން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. ހާއްސަކޮށް ބަދަލު ދިނުމުގެ ގޮތުން ފަޅާއި ރަށްތައް ދިނުމަށް ގާނޫނާ ހިލާފަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މަސައްކަތްތައް ނިންމާލުމުގެ މަރުހަލާގައި މިއުޅެނީ މިހާރު. އަޅުގަނޑުމެން މިކުރާ މަސައްކަތް ނިމުނުހާ އަވަހަށް ޝަރީއަތަށް ހުށަހަޅަންޖެހޭ މައްސަލައެއް އޮތް ކަމަށްވަނީނަމަ ޝަރީއަތަށް ހުށަހަޅައިގެން އެ އެގްރިމަންޓްތައް ބާތިލްކުރާނަން. ޝަރީއަތަށް ހުށަނާޅާ ބާތިލްކުރެވޭ މައްސަލަތައް ހުރިނަމަ އެ އެގްރިމަންޓްތައްވެސް ބާތިލްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" އުޝާމު ވިދާޅުވި އެވެ.
ބަންޑާރަނައިބް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގައުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށްޓަކައި ގާނޫނުތަކަށް ހުށަހަޅަންޖެހޭ އިސްލާހުތައް އަދި އެކުލާވާލަންޖެހޭ ބިލްތައް ރައީސްގެ ލަފާފުޅާ އެއްގޮތަށް އެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި ގާނޫނީ އެފަދަ ބައެއް މަސައްކަތްތައް މަޖިލީހުން މިހާރުވެސް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެެ.