އަވަސް ވީކެންޑް

ހުރިހާ ވާހަކައެއް ކިޔައިދެނީ ސޯޝަލް މީޑިއާއަށް!

"އޭ ކޮބައިތަ؟ މި އަންނަނީ އޭ ބުނީތާ ވެސް ތިރީސް މިނެޓު ވެއްޖެ. މަގުމަތީ ފުރޮޅެމުންތަ ތި އަންނަނީ،" މިއީ މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ރައްޓެއްސަކާއި ބައްދަލު ކޮށްލަން ދާން ބުނެ އަހަރެން ލަސް ވުމުން އޭނާ ކުރި މެސެޖެކެވެ. އެ ދުވަހު ހަމަ ގަސްތުގައި މަޑު ކުރީ އެވެ. އޮފީހުގައި ބިޒީވީ ކަމަށް ބުނެ އެންމެ ފަހުން ކެންސަލް ކޮށްލީ އެވެ. އަހަރެން އެދުވަހު ކަންތައް ކުރީ އެކުވެރިޔާ އާއި ބައްދަލުވާން ބޭނުން ނުވާތީއެއް ނޫނެވެ. އެކަމަކު ދައްކަން އޮތް ވާހަކަ އެނގޭތީ އެވެ. އެކަމަށް އަހަރެން ދޭން ބޭނުންވާ ޖަވާބު އޭނާގެ ކުރިމަތީގައި ހުރެގެން ދޭން އަހަންނަށް އުނދާގޫވާނެތީ އެވެ.

އެކުވެރިޔާގެ ވާހަކަ އަށް ޖެހިލަމާ ހިނގާށެވެ. މިއީ ވަރަށް ލޯބިން "ރިލޭޝަންޝިޕް" އެއްގައި އުޅޭ ކުއްޖެކެވެ. ހުންނަނީ މިނިވަން ހިޔާލެވެ. އޭނާގެ ދުނިޔެ އަކީ ސޯޝަލް މީޑިއާ އެވެ. ދެން ލޯބިވެެރިޔާ އެވެ. ކަމެއްޖެހޭ ހިނދު އަހަރެންވެސް ހުންނާނެ އެވެ. ދުވާލުގެ ހުރިހާ ވަގުތެއްހެން ފޭސްބުކް، ޓުވިޓާ، އިންސްޓަގްރާމް އަދި ވަޓްސްއެޕާ ދެން ވެސް އޮތް އެއްޗެއްގައި މި ކުއްޖާ ހޭދަ ކުރާއިރު އޭނާ ނޭވާއެއް ލިޔަސް ރައްޓެހިންނަށް އެނގޭނެ އެވެ. ތަނަކަށް ދިޔަސް ފޮޓޯ ފޭސްބުކަށް ލާނެ އެވެ. ދުވާލަކު 10 ވަރަކަށް ސްޓޭޓަސް ޖަހާނެ އެވެ. މިއީ ގިނަ އެހެން މީހުންގެ ވެސް ހާލެވެ. ސޯޝަލް މީޑިއާގައި އެމީހުންގެ މުޅި ދިރިއުޅުން ހިއްސާ ކުރާނެ އެވެ. ގިނަ ފަހަރަށް ލިބޭ ހިތި ތަޖުރިބާ ވެސް ބަލައިގަންނަން ނޭނގެ އެވެ.

ސޯޝަލް މީޑިއާގައި ހިއްސާ ކުރެވޭ ކަންކަމުގައި ޖެހިގެން ކުރެވޭ ހިތި ތަޖުރިބާ ތަކުގެ ތެރޭގައި ލޯބިވެރިޔާ އާއި މައްސަލަ ޖެހި ދެ މީހުން ވަކިވާ ހިސާބަށް ދަނީ މަދަކުން ނޫނެވެ. ހަގީގަތުގައި ސޯޝަލް މީޑިއާގެ ސަބަބުން ވަރަށް ގިނަ ގުޅުންތައް ނިމުމަކަށް އައިސް އެބަހުއްޓެވެ. އެތައް ކައިވެންޏެއް ރޫޅިފައި ވެސް އެބަހުއްޓެވެ.

ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް ސޯޝަލް މީޑިއާގެ ސަބަބުން ބުރޫ އަރަނީ މި ސަބަބު ތަކަށް ޓަކަ އެވެ. މިސާލަކަށް ފޭސްބުކަށް އަޕްލޯޑް ކުރެވޭ ފޮޓޯ ތަކާ މެދު ވިސްނާލާށެވެ. ފާޑު ފާޑަށް ނަގާފައި ހުންނަ ސެލްފީތައް ޕޯސްޓު ކުރުމުގެ ކުރިން ބައިވެރިޔާގެ ހިޔާލުވެސް ހޯދާށެވެ. ކޮންމެ ކޮންމެ ގޮތަކަށް ހުންނަ ފޮޓޯ ތަކަކީ އެހެން މީހުންނަށް ފެންނަން ބައިވެރިޔާ ބޭނުންނުވާނެ ފޮޓޯތަކެއެވެ. އެގޮތުން ދެމީހުން އެކުގައި ނަގާފައި ހުންނަ ފޮޓޯ ތަކެވެ. އަދި ފިރިހެނަކު ނަމަ އޭނާ ގަމީސް ނުލާ ހުރެ ހަށިގަނޑު ހާމަކޮށްގެން ނަގާފައި ހުންނަ ސެލްފީތައް އެހެން އަންހެނުންނަށް ފެންނަން ބައިވެރިޔަ ބޭނުމެއް ނުވާނެ އެވެ. އެހެން ވީމަ ފޮޓޯއެއް ސޯޝަލް މީޑިއާގެ ތެރެއަށް ދޫކޮށްލަންވަނީ ވަރަށް ވިސްނާފަ އެވެ. ހަމަ އެންމެ ފޮޓޮއަކުން ވެސް ދެމީހުންގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހިގެން ހިނގައިދާނެ އެވެ.

ސްޓޭޓަސްތައް

މިއީ ސަމާލުކަންދޭން ޖެހޭ ކަމެކެވެ. ބުނެވިއްޖެ ބަހަކީ އަނބުރާ ގެނެވޭނެ ބަހެއް ނޫނެވެ. އެހެން ވީމަ ސްޓޭޓަސްތައް ޖަހާއިރު ވިސްނަންވާނެ އެވެ. ބައިވެރިޔާ ތިބާ ބަލައި އަންނަން ނުވަތަ ތަނަކަށް ދާން ބުނާ ގަޑިއަށް ވުރެ ލަސްވިއަސް އެވާހަކަ ފޭސްބުކްގައި ބުނާކަށް ނުޖެހެއެވެ. އެކަހަލަ ވާހަކަތައް ފޭސްބުކަށް ދޫކޮށްލުމުން އެކުރެވެނީ ބައެއްގެ ތެރޭގައި ބައިވެރިޔާ ބޭޒާރެވެ. އޭނާގެ އަގު ވައްޓާލެވެނީ އެވެ. އަގުވަޒަން ނުކުރާ މީހަކާއެކު އުޅޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. އޭނަ ލަސްވީ ކޮންމެވެސް ސަބަބަކާއި ހެދިކަން ގަބޫލުކުރަންވާނެ އެވެ.

އަދި މީގެިއިތުރުން ދެމީހުންގެ މުޅި ދިރިއުޅުން ސޯޝަލް މީޑިއާގައި ހިއްސާ ކުރާކަށް ނުޖެހެ އެވެ. ދެމީހުންގެ ދެމެދުގައި މައްސަލައެއް ޖެހުނަސް އެވާހަކަ ސޯޝަލް މީޑިއާއަށް ދޫކޮށްލާކަށް ނުޖެހެ އެވެ. އެއީ ދެމީހުންގެ ދެމެދުގައި އޮންނަން ޖެހޭ ވާހަކަތެކެކެވެ. ނުވަތަ ލޯބިން ދެމީހުން އުޅޭ ވާހަކަވެސް މާ ގިނަ ގިނައިން ހިއްސާ ކުރުން ރަނގަޅެއް ނޫނެވެ. އެކަމަކށް ހަސަދަވެރިވެ ބަދު ދުއާ ކުރާނެ ބަޔަކުވެސް ތިބެ ދާނެ އެވެ.

ތަފާތު ފަޑު ފާޑުގެ ޕޯސްޓުތައްވެސް މުޅި ސޯޝަލް މީޑިއާގައި ފެތުރެމުންދާއިރު އެއެއްޗެހި ޝެއާ ކުރުމުގެ ކުރިން ވިސްނާށެވެ. އޭގައި ބުނެވޭ އެންމެ ބަހަކުންވެސް މައްސަލަ ގޯސްވެދާނެ އެވެ.

ދެން އޮތް މައްސަލައަށް ބަލައިލާނަމެވެ. ލައިކްސް ހޯދަން މަސައްކަތް ކުރުމެވެ. ދެމީހުން އެކުގައި ހޭދަކުރަން ލިބޭ ވަގުތުތަކުގައި ދެމީހުން އެކުގައި ފޮޓޯ ނަގާ އިންސްޓަގްރާމްކޮށް ލައިކް ހޯދަން އުޅެނީ ކިތައް މީހުން ހެއްޔެވެ؟ އެހެން މީހުންނަށް ތިބާގެ ބައިވެރިޔާއަކީ އެންމެ ބެސްޓު ބައިވެރިޔާކަން އަންގައިދީ އެހެން މީހުންނަށް އިއުލާނު ކުރުމުގެ ބޭނުމެއް ކޮބާހެއްޔެވެ؟ "އޯލްވޭސް އެންޖޮއި ދި މޮމެންޓް" އެވެ. ލައިކްސް ހޯދަން މަސައްކަތް ނުކޮށް އެވަގުތު ދެމީހުންނަށްވެސް އުފާވެރި ވަގުތުތަކަކަށް ހަދަން މަސައްކަތް ކުރާށެވެ. ނޫނީ ފޯނު ސްކްރީނުން އަތް ދޫވުމުގެ ކުރިން ބައިވެރިޔާ ހުންނަނީ އަތުން ދޫވެފަ އެވެ.