ބޮލީވުޑް

އަމީތާބާއި އައިޝްވާރިޔާގެ ކުރިމަތިލުމެއް!

Mar 11, 2016

ގިނަ ބަޔަކަށް ހީވެފައި އޮތީ މިއަހަރުގެ ބޮކްސް އޮފީހުގެ އެންމެ ބޮޑު ކުރިމަތިލުމަށް ވާނީ ސަލްމާން ޚާންގެ "ސުލްތާން" އާއި ޝާހްރުކް ޚާންގެ "ރައީސް" ކަމަށެވެ. ނަމަވެސް މި ދެ ސުޕަސްޓާރުންގެ ކުރިމަތިލުމުގެ ކުރިން މެގަސްޓާ އަމީތާބް ބައްޗަން އާއި ޅީދަރިފުޅު އައިޝްވާރިޔާ ރާއީގެ ކުރިމަތިލުމެއް ފެނިގެންދާނެ އެވެ.

އަމީތާބްގެ "ޓީން" މެއި މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނިކޮށް އައިޝްވާރިޔާގެ "ސަރަބްޖިތް" ވެސް އެދުވަހު ރިލީޒްކުރާނެކަން މިހަފްތާގެ ތެރޭގައި ވަނީ ހާމަކޮށްފަ އެވެ.

މިއީ ބޮލީވުޑްގައި ބަފައިބެ އާއި ޅީދަރިފުޅުގެ ކުރިމަތިލުމެއް ބޮކްސް އޮފީހުގައި ހިނގާ ފުރަތަމަ ފަހަރެވެ. އަދި "ސަރަބްޖިތް" އަކީ އައިޝްވާރިޔާ ފުރަތަމަ ދަރިފުޅަށް ބަލިވެ، ވިހޭފަހުން ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅޭ ދެވަނަ ފިލްމެވެ.

މިދެފިލްމުގެ ތެރެއިން އައިޝްވާރިޔާގެ "ސަރަބްޖިތް" އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. ޕާކިސްތާނަށް ޖާސޫސްކޮށް ޓެރަރިޒަމްގެ ހަމަލާތައް ދޭން ރޭވިކަމަށް ބުނެ ޕާކިސްތާނުގެ ޖަލަށްލައިގެން އަނިޔާކުރުމުން މަރުވި އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ ސަރަބްޖިތް ސިންގްގެ ހަޔާތުގެ ވާހަކަ އެވެ. ސަރަބްގިތް ސިންގްގެ ކޮއްކޮ ދަލްބީރް ކޯރްގެ ރޯލުން އައިޝްވާރިޔާ ފެނިގެންދާއިރު، ސަރަބްގިތްގެ ރޯލުން ފެނިގެންދަނީ ރަންދީޕު ހޫޑާ އެވެ. އަދި އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދަނީ ރިޗާ ޗައްޑާ އެވެ.

މި ދެ ފިލްމު އެއްދުވަހެއްގައި ރިލީޒްވާއިރު، "ޓީން"ގެ ޑައިރެކްޓަރު ސުޖޯޝް ޖޯއި ވަނީ މި ފިލްމަކީ ހުރިހާ ގޮތަކުން ވެސް މޮޅު ފިލްމަކަށް ހެދޭތޯ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފަ އެވެ.

"ޓީން" ގައި އަމީތާބް އާއެކު ނަވާޒުއްދީން ސިއްދީގީ އާއި ވިދްޔާ ބާލަން ފެނިގެންދާނެ އެވެ. އަދި އޮމަންގް ކުމާރު ޑައިރެކްޓްކުރާ "ސަރަބްޖިތް" އަށް ރަންދީޕު ވަނީ ބަރުދަނުން 28 ކިލޯ ހިއްކާލާފަ އެވެ.