ފިނިޕޭޖް

މިރޭ އޮތީ މޫވީ ނައިޓް!

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން 600 ކުދިންނާ ވާދަކޮށް ގޯލްޑަން ޓިކެޓް ލިބިގެން މުބާރާތަށް ހޮވުނު 45 ކުދިންގެ ތެރެއިން ޝޯގައި މިހާރު ތިބި ކުދިންގެ އަދަދު މިވަނީ 10 އަކަށް މަދުވެފަ އެވެ. މުބާރާތުގެ އެންމެ ފޯރި ގަދަ ހިސާބާ ހަމައަށް އައި އިރު ގިނަ ބަޔަކު މިވަނީ މި އައިޑޮލްގެ ރަން ވަނަ ހާސިލް ކުރާނެ ފަރާތްތައް ހިތާ ހިތުން ނިންމާފަ އެވެ. އައިޑޮލް ގެންދާނީ މިވެނި ކުއްޖެކޭ ބުނެ "ބެޓު" ކުރުންތައް ބެލުންތެރިން ފަށާފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑުގެ ތިން ވަނަ ޝޯ މިރޭ ދައްކާއިރު މިރޭ ބައިވެރިން ލަވަ ކިޔަން ހަމަޖެހިފައިވާ ތީމަކީ "މޫވީ ނައިޓް" ނުވަތަ ފިލްމުތަކުގެ ލަވަތަކެވެ. މިދިޔަ ދެ ޝޯ ގައިވެސް ބެލުންތެރިން ލަވަ ހުށަހަޅައިދީފައިވަނީ ވަކި ތީމަކަށެވެ. މިދިޔަ ޝޯގައި ބައިވެރިން ލަވަ ހުށަހަޅަިދީފައިވަނީ "ގޯލްޑަން އެރާ" ނުވަތަ 70ގެ އަހަރުތަކުގެ ލަވަތެކެވެ.

މިރޭ ވެސް ބައިވެރިން ހުށަހަޅައިދޭ ލަވަތަކަށް ޖަޖުން މާކްސް ދޭ އިރު މާދަމާގެ ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މާދަމާ ރޭގެ ޝޯ އިން ވެސް އެއްކުއްޖަކު މުބާރާތާއި ވަކިވެގެންދާނެ އެވެ.

މޯލްޑިވިއަން އައިޑޮލް އިން ހައިރާންވާފަދަ ކުޅަދާނަ ޕާފޯމެންސްތައް ފެނިގެން ދިޔަ އިރު މިރޭގެ ޝޯ އަދި ކުރިއަށް އޮތް ރައުންޑު ތަކުގައި މިއަށްވުރެ ކުޅަދާނަ ޕާފޯމެންސްތައް ފެނިގެންދާނެ ކަމަށް ޕީއެސްއެމުން މައުލޫމާތު ދެއެވެ. މޯލްޑިވިއަން އައިޑޮލްގެ ލަވަތައް މިހާރުވެސް ވަނީ މުޅި އިންޓަނެޓު ހިސާރުކޮށްފަ އެވެ.

ރާއްޖެގައި ދައްކާ އެންމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޝޯ ގެ ގާލާ ރައުންޑު ދެ ހަފްތާ ކުރިން ފަށާފައިވާއިރު ބެލުންތެރިންނަށް އެތައް ސަޕްރައިޒެއް ވަނީ ލިބިފަ އެވެ. ނަމަވެސް ޕީއެސްއެމްއިން ބުނާ ގޮތުގައި ސަޕްރައިޒްތައް އަދި އޮތީ އެވެ.

ގާލާ ރައުންޑުގައި ބައިވެރިންގެ ތެރެއިން ފަހަރަކު ބައިވެރިއެއް ކަޓައިގެން ދާ އިރު ޝޯ ފިނި ކޮށްލައި ޖަޖުންގެ ގޮތުގައި ސެލެބްރިޓީޒް ވެސް ގާލާ ރައުންޑުގައި އަންނާނެ އެވެ.

ޕީއެސްއެމް އިން ބުނީ މިހާތަނަށް ޝޯއަށް ލިބުން ތަރުހީބު ދެގުނައަށް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓޮޕް 10 އަށް ހޮވުނު ބައިވެރިން މިހާރު ވަނީ މާބްލް ގެސްޓް ހައުސް އަށް ބަދަލުކޮށްފަ އެވެ. ޕީއެސްއެމުން ބުނީ ބައިވެރިން ދެން ފެންނާނީ ހަމައެކަނި ޝޯ އިން ކަމަށެވެ. އަދި ސްކޫލަށްދާ ބައިވެރިންނަށް ހާއްސަ ވެހިކަލެއްގައި ސްކޫލަށް ގެންގޮސް ގެނައުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި އެއީ ބައިވެރިން ޑިސިޕްލިން ކުރުވައި ވަކި ތައްގަނޑަކަށް ފައްތަން ކަމަށް ޕީއެސްއެމުން ބުނެ އެވެ. އެގޮތުން ބައިވެރިންނަށް ވަކި ޝެޑިއުލް އެއް ކަނޑައަޅާފައި އޮންނާނެ ކަމަށާއި ހުރިހާ ބައިވެރިންވެސް ޝެޑިއުލް އަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވާދަވެރިކަން އޮތް ނަމަވެސް އެއްކުއްޖަކު އަނެއް ކުއްޖަކާ ވާދަނުކޮށް، އެކުގައި މޮޅުވުމުގެ އާދަ ދަސްކޮށްދޭން. ހަމައެކަނި ލަވަކިޔުންތެރިނެއް ނޫން މި އުފައްދަނީ. މި ކުދިން ސެލެބްރިޓީންގެ ގޮތުގައި މުޖުމަތައަށް ނެރޭއިރު އަހުލާގު ހިފާއްޓަން ދަސްކޮށްދޭނެ ޖެހޭ." ޕީއެސްއެމުން ބުންޏެވެ.

ޝޯގެ ބައިވެރިންނާ އާއިލާއަށް ވަކި ގަޑިތަކެއްގައި ބައްދަލުކުރެވޭނެ ކަމަށާއި ކޮންމެހެން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި އާއިލާއަށް ގުޅައިދެވޭނެ ކަމަށާއި އަދި ބައިވެރިންނަށް އިންޓަނެޓު ބޭނުންނުކުރެވޭނެ ކަމަށް ޕީއެސްއެމުން ބުނެ އެވެ.