ޓޫރިޒަމް

ކުޑަރަށް ރިސޯޓް އަންނަ މަހު ހުޅުވަނީ

އދ. އަތޮޅުގައި ހަދާފައިވާ ކުޑަރަށް ރިސޯޓް އަންނަ މަހު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި ފުރައިގެން 25 މިނެޓުން ދެވޭ ދުރުމިނުގައި ތަރައްގީކޮށްފައިވާ ކުޑަރަށް ރިސޯޓަކީ ސިންގަޕޫރުގެ މައިނާ ހޮޓެލްސްގެ ދަށުން ހިންގާ އެންއެޗް ހޮޓެލްސް އެންޑް ރިސޯޓްސް ރަށެކެވެ.

ކުޑަރަށުގައި އެއްގަމާއި މޫދުގައި ޖުމްލަ 51 ވިލާ ހުންނައިރު ޑައިވިން އަދި ސްނޯކްލިން ސައިޓްތަކުގައި އެ ތަޖުރިބާކުރަން ފަތުރުވެރިންނަށް ފުރުސަތު ލިބެ އެވެ.

މީގެއިތުރުން މިޔަރާއި ބޮޑު މަސް ބަލާލުމުގެ ފުރުސަތާއި މޫދުގެ އެކި ކުޅިވަރުތައްވެސް ތަޖުރިބާކޮށްލުމުގެ ފުރުސަތު މިރިސޯޓުން ލިބެ އެވެ.

ފަތުރުވެރިންނަށް ބައިނަލްއަގްވާމީ ބުފޭ ސްޓައިލްގެ މެނޫތަކުންނާއި ހާއްސަ މެނޫތަކުން ތަފާތު ރަހަތަށް ބަލާލުމަށް ހާއްސަ ރެސްޓޯރަންޓެއްވެސް ހުރެ އެވެ.

މައިނާ ހޮޓެލްސް އަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ ބޭރުގެ އެއް ކުންފުންޏެވެ.