ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މާލޭގައި ހުރި ކާބޯތަކެތީގެ ހިދުމަތްދޭ ހަ ތަނެއް އިންސްޕެކްޓުކޮށްފި

ކާބޯތަކެތީގެ ސާފުތާހިރުކަމާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ހަ ތަނެއް އިންސްޕެކްޓް ކޮށްފި އެވެ.

އިންސްޕެކްޝަން ކުރިއަށް ގެންދެވުނު ހަ ތަން:

  • މެމްބަރު ހޮޓެލް / މ. ކަފަގަސްދޮށުގެ
  • 1979 ޝޮޕް
  • ދޮންމަނިކް / މ. ހުއިވަނި
  • ކެފޭ ކޯނާ / މ. ހަނީ ސަކުލް
  • ދަ ކެބިން (ޓޭކްއަވޭ) / މ. ހަނީ ސަކުލް
  • މއ. ހަނީ ސަކަލް (ގޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ ބަދިގެއެއް)

މީގެ ތެރެއިން އާންމު ސިއްހަތު ދަށްވުމުގެ ސަބަބުން މެމްބަރު ހޮޓެލާއި، ދަ ކެބިން އާއި، މއ. ހަނީ ސަކަލްގައި ރަޖިސްޓްރީނުކޮށް ހިންގާ ބަދިގެއަށް ވަނީ ނޯޓިސް ދީފަ އެވެ.

އެ ނޯޓިސް ދިނުމުން އިތުރަށް ކާބތަކެތީގެ ހިދުމަތް ދޭން ފެށޭނީ ނޯޓިސްގައި ރަނގަޅުކުރުމަށް އަންގާފައިވާ ކަންތައްތައް ރަނގަޅުކުރުމަށް ފަހު އެވެ. އަދި އެކަންތައް ރަނގަޅުކޮށްފައިވޭތޯ އެމްއެފްޑީއޭއިން ބަލާ ކަށަވަރު ކުރާނެ އެވެ.

އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހުޅުމާލޭގައި ހިންގަމުން ދިޔަ ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދޭ 10 ތަނަކަށް ވެސް ވަނީ ނޯޓިސް ދީފަ އެވެ. މީގެއިތުރުން ފޭސް ދޭއްގައި ހިންގަމުން ދިޔަ އަށް ތަނަކަށް ވެސް ވަނީ ނޯޓިސް ދީފަ އެވެ.

މާލޭގައި އާއްމު ސިއްހަތަށް ނުރައްކާވާހެން ގެސްޓްހައުސް ގޮތުގައި ހިންގަމުން ދިޔަ ދެ ތަނެއް މި މަހުގެ 24 ވަނަ ދުވަހު ވަނީ ބަންދުކޮށްފަ އެވެ.