ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އާންމު ޖަލްސާއެއް އަންނަ މަހު 21ގައި ބާއްވަނީ

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަންކުރަން ނިންމާފައިވާ ޑިރެކްޓަރުން އައްުޔަންކުރުމަށް ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާއެއް ބޭއްވުމަށް ތާވަލްކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ މިޖަލްސާ އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ކަމަށެވެ.

މިޖަލްސާ ބައިވެރިވެވެނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީވާ ހިއްސާދާރުންނަށް އެކަންޏެވެ.

މިޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށެވެ.

މިޖަލްސާގެ އެޖެންޑާގައި އޮތީ ޑިރެކްޓަރުން އައްޔަންކުރުމާއި މިދިޔަ ޖުލައި މަހު ބޭއްވި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އިއްވުމެވެ.

ބީއެމްއެލް މިއަހަރުގެ ތެރޭގައި މިހާތަނަށް ދެ އާންމު ޖަލްސާ ބާއްވާފައިވާއިރު މި ދެ ޖަލްސާގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކުރެއްވި އެވެ.

ބީއެމްއެލްގެ ބޯޑުގައި ތިއްބަވާ 11 ބޭފުޅުންގެ ތެރެއިން އަށް ބޭފުޅުންނަކީ ސަރުކާރުން އައްޔަންކުރައްވާ ބޭފުޅުންނެވެ. ނަމަވެސް ބީއެމްއެލްގެ ބޯޑުގައި މިވަގުތު ތިއްބެވީ 8 ޑިރެކްޓަރުންނެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަންކުރުމަށް އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވަނީ އެ ބޭންކުން މާލީ "ބަޣާވާތެއް" ގެންނަން މަސައްކަތް ކޮށްފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތުހުމަތުކުރައްވާފައި ވަނިކޮށެވެ.