މުސްލިމުން ފުރަތަމަ ގިބުލަ އަލްމަސްޖިދުލް އަގްސާ ހުރި ތަނުގައި ޔަހޫދީންނަށް ފައްޅިއެއް އަޅައިދޭނެ ކަމަށް އިޒުރޭލުގެ ހަރުކަށި ވަޒީރަކު ވިދާޅުވުމާ ގުޅިގެން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފި އެވެ.
އިޒުރޭލުގެ އަސްކަރީ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެންގަވީރު ވިދާޅުވި ގޮތުގައި އޭނާ މިހާރު އެންމެ ކުރާހިތްވާ ކަމަކީ މަސްޖިދުލް އަގްސާ މިސްކިތު ގޯތިތެރޭގައި ޔަހޫދީންނަށް ފައްޅިއެއް އެޅުމެވެ. އަގުސާ މިސްކިތުގައި ފައްޅިއެއް އެޅުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނަމަ މިހާރު އޮންނާނީ އެކަން ކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަލްއަގްސާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށް ވުރެ ގިނަ މުސްލިމުންނަށް ރޫހާނީ ގޮތުންވެސް އަދި ތާރީހީ ގޮތުން އިންތިހާއަށް މުހިއްމު މިސްކިތެއް ކަމަށެވެ. އަގްސާ އަކީ ހަމައެކަނި ދީނީ އަޅުކަންކުރާ ތަނެއް ނޫން ކަމަށާއި އެއީ އިސްލާމީ ހަޟާރަތުގެ ރަމްޒެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ވަނީ ބައިނަލްއަގްވާމީ ގާނޫނާއި އދގެ ކަމާބެހޭ ގަރާރުތަކާ އެއްގޮތަށް އަލްއަގްސާ މިސްކިތުގެ ތާރީހީ އަދި ގާނޫނީ ހާލަތަށް އިހްތިރާމް ކުރުމަށް ގޮވާލާފައިވެ އެވެ.
އިޒުރޭލުގެ ސަރުކާރުގެ އިސް އޮފިޝަލުން ގަސްދުގައި އެހެން ބަޔަކު ރުޅިއެރުވުމަށް ދައްކަވާ ވާހަކަތަކަކީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތަށް ބުރޫއަރާނެ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެފަދަ ވާހަކަތަކަކީ ދީނީ ހަމަނުޖެހުންތައް އިތުރުވެ މެދުއިރުމަތި ސަރަހައްދުގައި އިތުރު ނުތަނަވަސްކަން އުފެއްދުމުގެ ފުރުސަތު އޮތް ވާހަކަތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.
މިބަޔާނުގައި ވަނީ ގުދުސްއާއި އެ ސަރަަހައްދުގެ ގާނޫނީ ހައިސިއްޔަތު ބަދަލުވެދާނެ އެއްވެސް ފިޔަވަޅެއް އަޅާނަމަ އެކަން ހުއްޓުވުމަށާއި ފަލަސްތީން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ބައިނަލްއަގްވާމީ މުޖުތަމައުން އަވަހަށް އެޅުމަށްވެސް ގޮވާލާފަ އެވެ.
ފަލަސްތީން ރައްޔިތުންނާ އެކު ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން މިބަޔާނުގައިވެސް ދީފައިވެ އެވެ. ފަލަސްތީންގެ މިނިވަން ދައުލަތް އޮންނަން ވާނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުގެ ތެރޭގައި ކަމަށާއި ފަލަސްތީންގެ ވެރިރަށަކަށް ވާންޖެހޭނީ އިރުމަތީ ގުދުސް ކަމަށްވެސް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.