ކުޅިވަރު

ތިންވަނަ މެޗުންވެސް ބާސާ މޮޅުވެއްޖެ

ލަލީގާގައި ބާސެލޯނާ އާއި ރަޔޯ ވަލެކާނޯ ވާދަކުރި މެޗު ބާސެލޯނާ ކާމިޔާބުކޮށްފި އެވެ.

ވަލެކާނޯގެ ދަނޑުގައި ކުޅުނު މި މެޗު ބާސެލޯއިން ކާމިޔާބުކޮށްފައި ވަނީ 1-2 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ވަލެކާނޯއިން ގޯލެއް ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް ބާސެލޯނާއިން ވަނީ ފަހަތުން އަރާ އިތުރު ދެ ގޯލު ކާމިޔާބުކޮށް މެޗު އަތުލާފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ވަލެކާނޯ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. ޖޯޖު ޑި ފްރޫޓޯ ބާސެލޯނާގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު ވަލެކާނޯ އަށް ކާމިޔާބުކޮށްދިނީ އުނާއި ލޮޕޭޒް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން ވަލެކާނޯ ކުރީގައި އޮވެގެންނެވެ. އެހެންނަމަވެސް މެޗުގެ ދެވަނަ ހާފުގައި ބާސެލޯނާއިން ވަނީ ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑް ހޯދާފަ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ބާސެލޯނާގެ ރަފީނާ، ވަލެކާނޯގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ގޯލު ތެރެއަށް ވައްދާލައިގެން މި ގޯލު ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ ޕެޑްރީ އެވެ.

ބާސެލޯނާއިން މެޗުގެ ކުރި ހޯދި ގޯލު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ 82 ވަނަ މިނެޓް ގައެވެ. ބާސެލޯނާގެ ޒުވާން ތަރި ލަމިނޭ ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނަށް އަލަށް އެ ޓީމާ ގުޅުނު ސްޕެއިންގެ ތަރި ޑެނީ އޮލްމޯ އެވެ.